ޚަބަރު

ޗައިނާއާއެކު އިޤްތިޞާދާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނު: ވަޒީރު ޒަމީރު


  • ޚާރިޖީ ވަޒީރު ޗައިނާއަށް ވަޑައިގަތީ އެ ޤައުމުގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިޤްތިޞާދާއި ގުޅޭ މުހިއްމު މަޝްވަރާތަކެއް ކުރެވުނުކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިމަހުގެ 20 އިން 24 އަށް ޗައިނާ ކުރެއްވި ރަސްމީ ދަތުރުފުޅަކީ ޗައިނާގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން، މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީޤާއި އިމާރާތް ކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ޚަރިޖީ ވަޒީރާއި އެ ޤައުމުގެ އިސް ބޭފުޅުންނާއި ރާއްޖޭގެ ވަފްދުން ބައްދަލުކުރެއްވިއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގ ޔީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސް ޝީ ޖިންގޕިންގއަށް ފޮނުއްވެވި ދެ ސިޓީފުޅެއް، އެ މަނިކުފާނަށް ރައްދުކޮށްދެއްވުމަށްޓަކައި ޗައިނާގެ ޚާރިޖީ ވަޒީރަށް ވަނީ އަރުވާފައެވެ.

މީގެ އިތުރުން ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތްތަނުގައިވެސް ގުޅިގެން ތަރައްޤީގެ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރެއްވިކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖޭގައި ތަރައްޤީއަށް މަސައްކަތް ކުރަމުންދާ އަދި މީގެ ކުރިން ކޮށްފައިވާ ޗައިނާގެ ބައެއް ކުންފުނިތަކާވެސް ބައްދަލު ކުރެއްވިއެވެ.

ރާއްޖޭގެ ވަފުދުން ބައްދަލުކުރެއްވި ކުންފުނިތައް

  • ޗައިނާ ޓިއަންޔިންގ ކުންފުނި
  • ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކުންފުނި(ސީ.އެސް.ސީ.އީ)
  • ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)
  • ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީ.ސީ.ސީ.ސީ)
  • ޗައިނާ އެކްސްޕޯޓް އިމްޕޯޓް ބޭންކް
  • އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓް ބޭންކް (އޭ.އައި.އައި.ބީ)

ޗައިނާ ކުންފުނިތަކާއެކު ބޭއްވި މަޝްވަރާތަކުގައި ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި އިތުރަށް އެހީ ހޯދުމަށާއި، މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަނީ ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބުއެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޒަމީރު ވަނީ މިއީ ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދާއި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއިބެހޭ މުހިންމު މަޝްވަރާތަކެއް ކުރެވުނުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ،