ޚަބަރު

ފީފާގެ އެންގުމާއެކު އެފްއޭއެމުގެ ހިންގުން ނޯމަލައިޒިން ކޮމިޓީއަކަށް


ބޮއްސުންލާފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ (ފީފާ) އިން ނިންމައިފިއެވެ.

މިކަން އިއުލާނުކޮށް ފީފާއިން ރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ފީފާ ކައުންސިލުން ބޭއްވި ބައްދަލުވުމަށްފަހު، ރާއްޖޭގެ އިތުރުން އާއި ޓިއުނީޝިއާގެ ފުޓުބޯޅަ އެސޯސިއޭޝަން ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ އެފްއޭއެމް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވަނީ، އެ އެސޯސިއޭޝަންގެ ގަވަރްނަންސްގެ މައްސަލަތަކާއި މާލީގޮތުން އިންތިހާއަށް ދަށަށް ގޮސްފައިވާތީ، އެކަންކަން ހައްލުކޮށް ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށް ބަޔާނުގައިވެއެވެ. މި ބަޔާނުގައި ނޯމަލައިޒިން ކޮމިޓީގެ މުއްދަތަކަށް ލިޔެފައިވަނީ 31 ޖުލައި އެވެ. ނަމަވެސް ކޮމިޓީއާ ހަވާލުކުރެވޭ މެންޑޭޓްގެ ތެރެއިން ކަންތައްތައް ފުރިހަމަވިހާ އަވަހަކަށް ކޮމިޓީގެ ދައުރު ހަމަވާނެކަމަށް ލިޔެފައިވެއެވެ. މި މަސައްކަތަށް ފީފާއިން ވަނީ އެއް އަހަރުދުވަހުގެ މުހުލަތެއް ނޯމަލައިޒިން ކޮމިޓީއަށް ދީފައެވެ.

ނޯމަލައިޒިން ކޮމިޓީގައި ހިމެނޭ މެމްބަރުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެ މަސައްކަތްކުރަމުން އަންނަކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނޯމަލައިޒިން ކޮމިޓީގެ މެމްބަރުން ނިންމާނީ ފީފާއާއި މިކަމާ ގުޅުންހުރި އެކި ފެޑެރޭޝަންތަކުން އެކަށީގެންވާ ރަނގަޅު ރިވިއުއެއް ކުރުމަށްފަހު ކަމަށް ބަޔާނުގައިވެއެވެ.

ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން ނޯމަލައިޒިން ކޮމިޓީއަކަށް ހަވާލުކުރަން ފީފާއިން ނިންމާފައިވަނީ ފީފާ/އޭއެފްސީ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގެ ފުޓްބޯޅައިގެ އެކިއެކި ސްޓޭކްހޯލްޑަރުންނާ އެކު ވަކިވަކިން ބޭއްވި ބައްދަލުކުރުމަށްފަހު އެވެ. ރާއްޖޭގެ ކުލަބުތަކާއި ސަރުކާރުގެ ބައެއް އިދާރާތަކާއެކު މި ޓީމާ ބައްދަލުކޮށްފައެވެ.

އެފްއޭއެމުގެ ހިންގާ ކޮމިޓީގެ މުއްދަތު ވަނީ މީގެ 21 ދުވަސްކުރިން ހަމަވެފައެވެ. މުއްދަތު ހަމަވެފައިވާއިރު އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގުކުރަމުންނެވެ. އަދި ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ބައްސާމްގެ މައްޗަށް ވަނީ ކޮށްފައެވެ. މިކަންކަމަށް ބެލުމަށްފަހު ފީފާއިން ވަނީ ބައްސާމު ނުވަ މަސްދުވަހަށް ފުޓުބޯޅައާއި ގުޅުންހުރި ހަރަކާތްތަކުން ސަސްޕެންޑުކޮށްފައެވެ. އަދި ރާއްޖޭގައި ބައްސާމްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.

މިއީ ނޯމަލައިޒިން ކޮމިޓީއަކާ ރާއްޖެ ހަވާލުކުރަން ނިންމި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރާއްޖެ ނޯމަލައިޒިން ކޮމިޓީއަކަށް ހަވާލުކުރީ 2013 ވަނަ އަހަރުގައެވެ. އެފަހަރު ނޯމަލައިޒިން ކޮމިޓިއަކާ ހަވާލުކުރީ ހިންގާ ކޮމިޓީގެ ގިނަ މެމްބަރުންތަކެއް އިސްތިއުފާދިނުމުގެ ސަބަބުންނެވެ.