ޚަބަރު

ޣައްޒާގައި ހަލުވިކަމާ އެކު ޕޯލިޔޯ ވައިރަސް ފެތުރެނީ


ފަލަސްޠީނުގެ ޣައްޒާގައި ޕޯލިޔޯ ޖައްސާ ވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާ ކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ހާމަ ކޮށްފިއެވެ. ޣައްޒާގައި ޕޯލިޔޯ ވައިރަސް ފެތުރެން ފަށާފައި ވަނީ, 2023ވަނަ އަހަރުގެ އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ.

އެ ޢުދުވާނާ އެކު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑު ކޮށްލާފައެވެ. ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ރަޙުމު ކުޑަ ޙަމަލާތައްދީ, އެ ތަންތަން ވަނީ ސުންނާތި ކޮށްލާފައެވެ މި ކަމާ ގުޅިގެން, ސާފުތާހިރުވެވޭނެ މަގުތައް ޣައްޒާގެ ރައްޔިތުންނަށް ވަނީ ބަންދުވެފައެވެ. ނަރުދަމާ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު, ސާފު ބޯފެން ލިބޭނެ ގޮތެއް ވެސް ނެތެވެ. ހަށިގަނޑުގެ ގުނަން ގުނަނަށް ޕޯލިޔޯ ވައިރަސްގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލީގެ ސަބަބުން އެ ގުނަންތަކުގެ ބާރު ނެތިކޮށްލައެވެ.

ޣައްޒާ އަދި ހުޅަނގު އައްސޭރިއަށް ކަނޑައަޅާފައި ހުންނަވާ ޑަބްލިޔުއެޗްއޯގެ އިސް އޮފިޝަލެއް ކަމުގައިވާ އަޔާދިލް ސަޕަރްބެކޮވް ވިދާޅުވީ ޣައްޒާގެ ފެނުގެ ނިޒާމުން ފެނިފައި ވަނީ ވެކްސިންގެ ފުށުން ފެތުރޭ ޕޯލިޔޯ ވައިރަސް ޓައިޕް 2 ކަމުގައެވެ. އެ ވައިރަހަކީ ތަޣައްޔަރުވެފައިވާ ފެނުގެ ޒަރީއާއިން ފެތުރުމުގެ ގާބިލު ކަން ލިބިފައިވާ ވައިރަހެކެވެ.

"އެ ބަލި ފަތުރާ ވައިރަސް ޣައްޒާގައި ހަލުވިކަމާ އެކު ފެތުރެން ފެށުމުގެ ނުރައްކާތެރި އިތުރުވެއްޖެ. ސަބަބަކީ, [ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާނާ ގުޅިގެން] ޣައްޒާގެ ފެނުގެ ސާފުތާހިރު ކަން ނައްތައިލާފައި އޮތުން. އެހެން ޤައުމުތަކަށް ވައިރަސް ފެތުރެން ފެށުމުގެ ފުރުޞަތު ވެސް ބޮޑު،" އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން އިތުރު ދިރާސާތައް ހެދުމަށް ޑަބްލިޔުއެޗްއޯއާއި އދގެ ކުޑަކުދިންނާ ބެހޭ ފަންޑު ކަމުގައިވާ ޔުނިސެފުން ދަނީ ތައްޔާރުވަމުންނެވެ. ސަޕަރްބެކޮވް ވިދާޅުވީ, މި ހިނގާ ހަފުތާގެ ތެރޭގައި އެ އިދާރާތަކުގެ އޮފިޝަލުން ޣައްޒާއަށް ދަތުރު ކުރާނެ ކަމުގައެވެ. އަދި, ބޮޑުކަމުދާ ތަކެތީގެ ސާމްޕަލް ނަގައި ތަހުލީލު ކުރާނެ ކަމުގައެެވެ.

އެ ތަހުލީލުތަކުގެ ނަތީޖާއަށް ބަލައި, ޣައްޒާގެ ރައްޔިތުންނަށް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕޭނެއް ފަށަން ޖެހުމަކީ އެކަށާގެންވާ ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި, މި ކަމަށް ބޭނުން ކުރަން ޖެހޭނީ ކޮން ވެކްސިނެއް ކަން ކަށަވަރު ކުރެވޭނީ ވެސް ތަހުލީލުތަކަށް ފަހުގައި ކަމަަށް އޭނާ ވިދާޅުވިއެވެ. މި ބަލީގެ ނުރައްކާތެރި ކަން އެންމެ ބޮޑީ އުމުރުން ފަސް އަހަރުން ދަށުގެ ކުޑަދިންނަށެވެ.

ޣައްޒާއިން ޕޯލިޔޯ ވައިރަސް ފެނިފައިވާ ކަމަށް ރިޕޯޓު ކުރުމާ ގުޅިގެން, އެ ސަހަރަށް އަރައިގަނެ ގަތުލުއާންމު ހިންގަމުންދާ ޔަހޫދީ ފައުޖުގެ ސިފައިންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ޔަހޫދީ ސަރުކާރުން ވެސް ވަނީ ފަށާފައެވެ. އަދި, ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަމާ އެކު ޣައްޒާގެ މިލިޔަނަކަށް ވުރެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދާފައިވާ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ.

"ޣައްޒާގެ ރައްޔިތުން ތަޙައްމުލު ކުރަމުންދާ ހާލަތާ މެދު އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވޭ. ޕޯލިޔޯ އެކަންޏެއް ނޫން. ކޮންމެ ފަދަ ނުރައްކާތެރި ބައްޔެއް ފެތުރުމަށް ވެސް ޣައްޒާގެ ހާލަތު އޮތީ ފައްކާވެފައި،" ސަޕަރްބެކޮވް ވިދާޅުވިއެވެ. ޔަހޫދީ ފައުޖުން ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑު ކޮށްލާފައި އޮތުމުގެ ސަބަބުން, ނުރައްކާތެރި ބައްޔެއް ޢާންމުވެއްޖެ ހާލަތެއްގައި އެކަށީގެންވާ ގޮތެއްގައި ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭނެ އެއްވެސް ގޮތެއް ޣައްޒާގައި ނެތެވެ.