ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ހޯދަން އޭއައިއައިބީއާއެކު މަޝްވަރާކޮށްފި


  • ބިނާކުރުމުގެ މަޝްރޫޢުތަކަށް ފައިސާ ހޯދަން މަޝްވަރާކުރެއްވި

  • ޚާރިޖީ ވަޒީރުގެ ދަތުރުފުޅު ނިންމަވާލައްވަން ހަމަޖެހިފައިވަނީ މިމަހު 24 ގައި

ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ހޯދަން އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު، އޭއައިއައިބީއާއެކު ޚާރިޖީ ވަޒީރު މޫސާ ޒަމީރު މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރައްވާފައިވަނީ ޚާރިޖީ ވަޒީރު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ ޕްރެޒިޑެންޓް ޖިން ލިކުންއާ ބައްދަލުކުރައްވައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ބޭންކުން ރާއްޖެއަށް ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން ގްރޭޓަރ މާލޭ ވޭސްޓް އެނަރޖީ ޕްރޮޖެކްޓަށް ބޭންކުން ވެދީފައިވާ އެހީތެރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ އެޖެންޑާގައި ހިމެނޭ ބިނާކުރުމާއި އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް ފައިސާ ހޯދާނެ ގޮތްތަކާ ބެހޭގޮތުންވެސް ވަޒީރު ވަނީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ ރައީސާއެކު މަޝްވަރާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤާއި، ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ބައިވެރިވެވަޑައިގަންނަވައެވެ.

3 ވަޒީރުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ޚާރިޖީ ވަޒީރުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިމަހުގެ 20 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ބުދަ ދުވަހުއެވެ.