ޚަބަރު

މުޒާހަރާތައް ރޭވީ އިދިކޮޅުން ކަމަށް ޝައިޚް ޙަސީނާ ތުހުމަތު ކުރައްވައިފި


ބަންގްލްދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް މުޒާހަރާ ކުރަން ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން ނެރެފައި ވަނީ އިދިކޮޅު ޕާޓީތަކުން އަޑީގައި އޮވެގެން ކަމަށް ބޮޑުވަޒީރު ޝައިޚް ޙަސީނާ ތުހުމަތު ކުރައްވައިފިއެވެ. ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު ވަނީ 147އަށް އުފުލިފައެވެ. އަދި, އެތަކެއް ހާސް ބަޔަކު ޒަޚަމުވިއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރު އިމާރާތްތަކާއި, ޢާންމުންގެ ގެދޮރާއި ވިޔަފާރިތަކުގެ އިތުރުން އެއްގަމު އުޅަނދުފަހަރުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ޙަސީނާ ވިދާޅުވީ, މުޒާހަރާތަކުގެ ތެރެއިން ހަމަނުޖެހުން އުފައްދާފައި ވަނީ އިދިކޮޅު ޕާޓީތަކުން އަޑީގައި އޮވެގެން ކަމުގައެވެ. "ތަންތަނުގައި ހުޅުޖެހުމާއި ނިރުބަވެރި ޙަމަލާތައް ދޭން ފެށުމުން ދަރިވަރުން ވަނީ އެ ކަމުގައި އެ މީހުން ބައިވެރި ނުވާ ކަމަށް ބުނެފައި،" މުޒާހަރާތަކާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ޙަސީނާ ވިދާޅުވިއެވެ.

"ކަރފިޔު ހިންގައި, ޢާންމުންގެ ފުރާނައާއި މުދާ ސަލާމަތް ކުރަން ސަރުކާރަށް ބަޖުބޫރުވި. އެއީ, އަޅުގަނޑު އެއްވެސް ވަރަކަށް ބޭނުންވި ކަމެއް ނޫން. ކަރފިޔު އުވައިލާނީ އަލުން ހަމަޖެހުން ގާއިމު ކުރެވުމުން،" ޙަސީނާ ވިދާޅުވިއެވެ. ކަރފިޔު އިޢުލާނު ކުރުމަށް ފަހު, ޙަސީނާގެ ސަރުކާރުން ވަނީ އަސްކަރިއްޔާގެ ސިފައިން ހަތިޔާރާ އެކު މަގުތަކަށް ނެރެ, އަމަން ބެލެހެއްޓުމުގެ މަސައްކަތް ހަވާލު ކޮށްފައެވެ.

ޙަސީނާ ދެކެވަޑައިގަންނަވާ ގޮތުގައި ހަމަނުޖެހުންތަކުގެ އަޑީގައި އޮތީ މައި އިދިކޮޅު ޕާޓީ, ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަދި ޖަމާޢަތު އަލް-އިސްލާމެވެ. އަދި, ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ އެ ދެ ޕާޓީގެ ދަރިވަރުންގެ ގޮފިން ކަމުގައި ވެސް އޭނާ ތުހުމަތު ކުރައްވައެވެ. އެ ތުހުމަތުތަކަށް ބީއެންޕީން ރައްދު ދީފައެއް ނުވެއެވެ. ނަމަވެސް, ޚުދުމުޚްތާރު ކަން އިސްކޮށް, މުޒާހަރާތައް ރޫޅައިލުމުގައި ބާރުގެ ބޭނުންކޮށް, މުޒާހަރާގެ ބައިވެރިންނަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދީފައިވާ ކަމަށް އެ ޕާޓީން ތުހުމަތު ކުރެއެވެ.

ބަންގްލަދޭޝްގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައި ވަނީ ކުރިން އަމަލު ކުރުން ހުއްޓައިލާފައި އޮތް ކޯޓާ ނިޒާމަށް އަމަލު ކުރަން އެ ޤައުމުގެ ދަށު ކޯޓަކުން ހުސްވި ޖޫން މަހު ސަރުކާރުގެ މައްޗަށް އަމުރު ކުރުމާ ގުޅިގެންނެވެ. ކޯޓާ ނިޒާމަށް އަމަލު ކުރުން ކުރިން ހުއްޓައިލާފައި ވަނީ 2018ވަނަ އަހަރުއެވެ.

ދަށު ކޯޓުން އަމުރު ކޮށްފައި ވަނީ, ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށެވެ. އެ ހުކުމާ އެކު, އެކި ފަރާތްތަކަށް ޚާއްޞަ ކޮށްފައިވާ ވަޒީފާތަކުގެ އިންސައްތަ 50އަށްވުރެ މައްޗަށް އުފުލިގެން ދިޔައެވެ.

ނަމަވެސް, ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަނީ ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޙުކުމް ކޮށްފައެވެ. ކޯޓާ ނިޒާމުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ބާޠިލު ކުރުމާ އެކު, ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 93 އިންސައްތަ ވަޒީފާއަށް މީހުން ޢައްޔަން ކުރުމުގައި ދެން އިސްކަން ދޭން ޖެހޭނީ ވަޒީފާއަށް އެދި ކުރިމަތިލާ މީހުންގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށެވެ.

ސުޕްރީމް ކޯޓުގެ ޙުކުމާއި, ހިންގަމުންދާ ކަރފިޔުއާ ގުޅިގެން ބަންގްލަދޭޝްގެ މަގުތައް ވަނީ ހަމަހިމޭންވެފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ދަރިވަރުންގެ މެދުގައި ކަންބޮޑުވުންތައް އިތުރުވެފައި ވަނީ ވަޒީފާގެ ބާޒާރުގައި އޮތް ހުރަސްތަކާއި, އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި ޒުވާނުންނަށް އޮތް ވަޒީފާގެ ފުރުޞަތުތައް މަދުވުމުން ކަމުގައެވެ. އެ ކަމާ ގުޅިގެން, ސަރުކާރު ވަޒީފާތަކަށް އޮތް ޝައުޤުވެރި ކަން އިތުރުވެފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ގަބޫލު ކުރެއެވެ. ނަމަވެސް, ކޯޓާ ނިޒާމާ ގުޅިގެން ވަޒީފާ ހޯދުމަށް ގިނަ ބަޔަކަށް އޮތީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ކަރފިޔު އިޢުލާނު ކޮށްފައި އޮތް ނަމަވެސް މުޒާހަރާތައް ހުއްޓައިލުމުގެ ވިސްނުމެއް ނެތް ކަމުގައި ދަރިވަރުން ބުންޏެވެ. އެ މީހުން މިހާރު ގޮވައިލަމުން ދަނީ, މުޒާހަރާތަކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދަރިވަރުން މިނިވަން ކުރުމަށެވެ. އަދި, ކަރފިޔު އުވައިލައި, ބަންދު ކޮށްފައިވާ ކޮލެޖުތަކާއި ޔުނިވަރސިޓީތައް އަލުން ހުޅުވައިލުމަށެވެ. މި ކަންކަމާ މެދު ގޮތެއް ނިންމަން މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. މުޒާހަރާތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ ޢަދަދު 516އަށް އަރައެވެ.

ޙަސީނާގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ބައެއް ޔުނިވަރސިޓީތަކުގެ އިސްވެރިންގެ އިސްތިޢުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވައިލަމުންނެވެ. އަދި, މުޒާހަރާތައް ރޫޅައިލުމުގައި ބާރުގެ ބޭނުންކޮށް, ދަރިވަރުންނަށް އަނިޔާކުރި ފުލުހުން ވަޒީފާއިން ވަކި ކުރުމަށް ވެސް މުޒާހަރާ އިންތިޒާމު ކުރާ އެންޓި-ޑިސްކްރިމިނޭޝަން ސްޓޫޑެންޓް މޫވްމަންޓުން ދަނީ ބާރު އަޅަމުންނެވެ.