ޚަބަރު

މުވައްޒަފުންގެ ހައްޖު ސްކީމްގައި ދިރާގުން ބައިވެރިވެއްޖެ


މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވަކި އަދަދެއް ކެނޑޭގޮތަށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާ ސްކީމްގައި ދިރާގުން ބައިވެރިވެއްޖެއެވެ.

މި ސްކީމްގައި ބައިވެރިވެ ހައްޖު ކޯޕަރޭޝަންއާއި އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ހިޔުމަން ރިސޯސް ޑިރެކްޓަރު އަހުމަދު މުހަންމަދު ދީދީ ވިދާޅުވީ، މުވައްޒަފުންނަށް ހުރި މިފަދަ އިނާޔަތްތަކާއި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ދިރާގުން އަބަދުވެސް މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމަށެވެ. އެގޮތުން މި ސްކީމުގެ ސަބަބުންވެސް ކުންފުނީގެ މުވައްޒަފުންނަށް އިތުރު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމަށް އަޙުމަދު މުޙަންމަދު ދީދީ ވިދާޅުވިއެވެ.

ވަޒީފާތަކުގައި އުޅޭ މީހުންގެ މުސާރައިން ކޮންމެ މަހަކު ވަކި ވަރެއް، ޙައްޖަށް ދިއުމަށްޓަކައި ދައްކަމުންދާ އުޞޫލުން، މީހުން ޙައްޖަށް ގެންގޮސްދިނުމުގެ ސްކީމެއް ހައްޖު ކޯޕަރޭޝަނުން ތައާރަފް ކުރެއްވީ މިދިޔަ އަހަރުގައެވެ. މި ސްކީމްގައި ބައިވެރިވުމުން ކޮންމެ މަހަކު މަދު ފައިސާކޮޅެއް ޖަމާކޮށްގެން 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޙައްޖަށް ދެވޭ މިންވަރަށް ފައިސާ ދައްކައި ޚަލާސް ކުރެވޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވައެވެ.