ޚަބަރު

ދެކޮޅުވެރިކަން ދޫކޮށްލައި ސުލްޙަ ވާން ފަލަސްޠީނުގެ ޖަމާޢަތްތަކުން އެއްބަސްވެއްޖެ


ފަލަސްޠީނުގެ އެކި ޖަމާޢަތްތަކުގެ މެދުގައި އޮތް ދެކޮޅުވެރިކަން ދޫކޮށްލުމަށް ފަހު ސުލްޙަ ގާއިމުކޮށް, އެއްބައިވަންތަކަން ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. ފަލަސްޠީިނުގެ އެކި ޖަމާޢަތްތަކުގެ މެދުގައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތައް ވިލަރެސް ކޮށްފައި ވަނީ ޗައިނާއިން އިސްނަގައިގެންނެވެ. އަދި, އެއްބައިވަންތަކަން އިސް ކުރުމަށް ބެއިޖިންގ ޑެކްލަރޭޭޝަން ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގގައެވެ.

ޗައިނާއިން ބުނީ, ފަލަސްޠީނުގެ ޖަމާޢަތްތަކުގެ މެދުގައި ސުލްޙައިގެ މަޝްވަރާތައް ބާއްވާފައި ވަނީ ޖުލައި 21ން 23އަށް ކަމުގައެވެ. އެ ބައްދަލުވުންތަކުގައި ފަލަސްޠީނުގެ ތަފާތު 14 ޖަމާޢަތްތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަތަޙް ޖަމާޢަތް ހިމެނެއެވެ. އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރައްވާފައި ވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގ ޔީއެވެ.

ޗައިނާއިން ވިލަރެސް ކޮށްގެން އޭޕްރިލް މަހު ވެސް ޙަމާސާއި ފަތަޙައާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ބޭއްވިއެވެ. އެ މަޝްވަރާތަކުގެ މަޤުޞަދަކީ, އެ ދެ ޖަމާޢަތުގެ ދެމެދުގައި އޮތް 17 އަހަރުވީ ދެކޮޅުވެރި ކަމަށް ސުލްޙަވެރި ޙައްލެއް ހޯދުމެވެ. ފަތަޙާއި ޙަމާސާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ޣައްޒާގެ މުސްލިމުން ޝަހީދު ކޮށްލައި ނެތި ކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

"ފެކްޝަންތަކުން އެއްބަސްވި މައިގަނޑު އެއް ކަމަކީ, ބައިނަލްއަޤުވާމީ މަސްރަޙުގައި ފަލަސްޠީނުގެ ރައްޔިތުން ތަމްސީލު ކުރާނެ މައި ކޯލިޝަނަކީ ޕަލަސްޓީނިޔަން ލިބެރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ކަމުގައި ކަނޑައެޅުން. އަދި [ޔަހޫދީ ފައުޖުން ހިންގަމުންދާ] ޣައްޒާ ޢުދުވާނަށް ފަހު އެ ސަހަރުގައި ވެރިކަން ކުރާނެ ގޮތަކާއި, ގުޅިފައިވާ ވަގުތީ ސަރުކާރެއް އެކުލަވައިލުމަށް ވެސް ފެކްޝަންތަކުން ވަނީ އެއްބަސްވެފައި،" ވޮންގ ވިދާޅުވިއެވެ.

ޕީއެލްއޯއަކީ ފަލަސްޠީނުގެ ސިޔާސީ ޕާޓީތައް ގުޅިގެން އެކުލަވައިލާފައިވާ ކޯލިޝަނެކެވެ. 1993ވަނަ އަހަރު ޕީއެލްއޯން ވަނީ ޔަހޫދީންނާ އެކު އޮސްލޯ ސުލްޙައިގެ އެއްބަސްވުން އެކުލަވައިލައި, ހުޅަނގު އައްސޭރީގައި ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ނަމުގައި ސަރުކާރެއް އެކުލަވައިލާފައެވެ. ޙަމާސަކީ ޕީއެލްއޯއާ ގުޅިފައިވާ ޖަމާޢަތެއް ނޫނެވެ. އަދި, ޙަމާސުން ޔަހޫދީންގެ ހައްދުފަހަނަ އެޅި ސަރުކާރު ބަލައިގަނެފައެއް ނުވެއެވެ.

ޕީއެލްއޯގެ ސަރުކާރެއްގައި ޙަމާސުން އަދާކުރާނެ ދައުރު ވޮންގ ސާފު ކޮށްދެއްވާފައެއް ނުވެއެވެ. ނަމަވެސް, އެ ކަމާ މެދު ޙަމާސާއި ފަތަޙާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ, ޣައްޒާ ޢުދުވާން ހުއްޓައިލުމުން އެ ސަހަރުގެ ވެރިކަން ހިންގާނެ ގޮތަކާ މެދު ސުވާލު އުފެދިފައިވާ ވަގުތެއްގައެވެ.

2007ވަނަ އަހަރާ ޖެހެންދެން ޣައްޒާގައި ވެރިކަން ކުރަމުން ގޮސްފައި ވަނީ ޕީއޭންނެވެ. ނަމަވެސް, 2006ވަނަ އަހަރު ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބުކޮށް, ޙަމާސުން ވަނީ ޣައްޒާގެ ވެރިކަމާ ހަވާލުވެފައެވެ. މި ވަގުތު ޕީއޭން ވެރިކަން ކުރަމުން ދާ ހަމައެކަނި ސަރަޙައްދަކީ ޔަހޫދީން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރިއެވެ.

ފަލަސްޠީނުގެ ތަފާތު ޖަމާޢަތްތަކުގެ މެދުގައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލެވުމަކީ ބައިނަލްއަޤުވާމީ މަސްރަޙުގައި ޗައިނާއިން ހޯދާފައިވާ ބޮޑު ކާމިޔާބީއެކެވެ. މެދުއިރުމަތީގެ ޤައުމުތަކާ އެކު ގުޅުންތައް ބަދަހިކުރަން ޗައިނާއިން މަސައްކަތް ކުރާ ދަނޑިވަޅުގައި, އެ ޤައުމުން ދަނީ ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ވެސް ގޮވައިލަމުންނެވެ. އަދި, ފަލަސްޠީނުގެ މިިނިވަން ދަޢުލަތެއް ގާއިމު ކޮށްދިނުމަށް ބާރު އަޅަމުންނެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެކެވަޑައިގަންނަވާ ގޮތުގައި, ޔަހޫދީންގެ އަޅުވެތި ކަމުގެ ދަށުގައި ފަލަސްޠީނުގެ މުސްލިމުން ދަނީ ނިކަމެތިކަމާއި އަނިިޔާވެރިކަން ތަޙައްމުލު ކުރަމުންނެވެ. ޔަހޫދީންގެ އަޅުވެތި ކަމުން ފަލަސްޠީނުގެ މުސްލިމުން ސަލާމަތް ކުރުމަށް ސުލްޙައިގެ މަޝްވަރާތަކެއް ބޭއްވުމަށް ވެސް އޭނާ ވަނީ ޢަރަބި ޤައުމުތަކުގެ ވެރިންނަށް ގޮވައިލައްވާފައެވެ.