ޚަބަރު

އެމެރިކާ ލީގުގެ ތަރިންގެ މެޗުގައި އަނިޔާގެ ސަބަބުން މެސީ އަށް ނުކުޅެވޭނެ


އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) އިން ކޮންމެ އަހަރަކު ކުޅެމުން އަންނަ އެމެރިކާ ލީގުގެ ތަރިންގެ މެޗުގައި އަނިޔާގެ ސަބަބުން އިންޓަ މިއާމީ އަދި އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ އަށް ނުކުޅެވޭނެކަމަށް އެމްއެލްއެސް އިން ބުނެފިއެވެ.

މެސީ، 37، އަށް އަނިޔާވީ އެންމެ ފަހުގެ ކޮޕާ އެމެރިކާގެ ފައިނަލް މެޗުގެ ފަހު ހާފުގެ ކުރީކޮޅު އެވެ. މެސީގެ ފައިގެ ކުޑަހުޅަށް ލިބުނު މި އަނިޔާގެ ސަބަބުން އެ މެޗުގެ ފަހު ހާފުގައި ވަނީ ބަދަލުކޮށްފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގައި މިއާމީ އަށް ބަދަލުވެ، މެސީ ވަނީ އެ ޓީމަށް ކުޅުނު ފުރަތަމަ 12 މެޗުގައި 12 ލަނޑުޖަހައި، 13 ލަނޑުޖެހުމަށް އެހީތެރިވެދީފައިވެއެވެ. މިއީ އެމްއެލްއެސްގެ ރެކޯޑެކެވެ.

މި މަހުގެ 24 ވާ ބުދަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެމެރިކާ ލީގުގެ ތަރިންގެ މެޗުގައި އެމްއެލްއެސްގެ 18 ޓީމަކުން ކުޅުންތެރިން ހިމަނާފައިވާއިރު، އެ ޓީމުން ވާދަކުރާނީ މެކްސިކޯ ލީގުގެ ތަރިންނާ ދެކޮޅަށެވެ.