ޚަބަރު

އޮލިމްޕިކްސްގައި އެމެރިކާގެ ދިދަ އުފުލާނީ ޖޭމްސް


ފްރާންސްގެ ޕެރިހުގައި މި މަހު ފަށާ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، އެމެރިކާގެ ދިދަ އުފުލުމުގެ ޝަރަފު އެގައުމުގެ ބާސްކެޓްބޯޅަ ތަރި، ލެބްރަން ޖޭމްސް އަށް ދީފި އެވެ.

މިފަހަރުގެ އޮލިމްޕިކްސް އަކީ އުމުރުން 39 އަހަރުގެ ޖޭމްސްގެ ހަތަރުވަނަ މުބާރާތެވެ. މީގެކުރީން، ވާދަކުރީ ތިން ފަހަރުގެ ތެރެއިން ދެ ފަހަރު ވަނީ ބާސްކެޓްގައި އޮލިމްޕިކް ގޯލްޑް ހާސިލްކޮށްފައެވެ.

ޖޭމްސް ބުނީ، ގްލޯބަލް ސްޓޭޖުގައި ހުރިހާ ގައުމުތައް ތަމްސީލްކުރާ ކުޅިވަރު އިވެންޓެއްގައި އެމެރިކާގެ ދިދަ އުފުލުމުގެ ޝަރަފު ލިބުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އެކްރަން އަށް ނިސްބަތްވާ ކުއްޖަކަށް މިފަދަ ބޮޑު ޒިންމާއެއް އާދަކުރުމުގެ ފުރުޞަތު ލިބިގެންދިއުމަކީ، މުޅި އާއިލާ އަށާއި، އޭނާ ނިސްބަތްވާ އުފަން އަވަށަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި މިއީ ގިނަބައެއްގެ އުއްމީދުތަކާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ޖޭމްސް ބުނެފައިވެއެވެ.

ކުޅިވަރަކީ އެންމެން ގުޅުވާލައި، ބާރުގަދަ އެއްޗެއް ކަމަށާއި، މި މުހިއްމު ވަގުތުކޮޅުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމުން ފަޚުރުވެރިވާކަމަށް ވެސް ޖޭމްސް ބުންޏެވެ.

އެމެރިކާގެ ޓީމުގައި އެންމެ ގިނަ އެސިސްޓް އެއްކޮށްފައިވާ ޖޭމްސް އަށް އެ ގައުމުގެ ދިދަ އުފުލުމުގެ ޝަރަފު ލިބިގެންދިޔައީ ހުރިހާ އެތުލީޓުންގެ މެދުގައި ނެގި ވޯޓަކުންނެވެ.

ޖޭމްސް ވަނީ އެމެރިކާގެ އެންބީއޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދައި، ހަތަރު ފަހަރު ލީގުގެ އެމްވީޕީގެ މަގާމުވެސް ހާސިލްކޮށްފައެވެ. މީގެއިތުރުން، އެމެރިކާގެ ބާސްކެޓްބޯޅައިގައި ކުޅެމުންއަންނަ ތަރިންގެ މެޗުގައި މިހާތަނަށް އެންމެ ގިނަ ފަހަރު ކުޅެފައިވަނީ ވެސް ޖޭމްސް އެވެ.

އެމެރިކާގެ އޮލިމްޕިކް އަދި ޕެރަލިމްޕިކް ކޮމިޓީން ބުނީ، އެމެރިކާގެ 592 އެތުލީޓުންގެ ތެރެއިން ގާތްގަނޑަކަށް 350 އެއްހާ އެތުލީޓުން އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާނެ ކަމަށެވެ.