ޚަބަރު

ޣައްޒާ ޝަހީދުންގެ ޢަދަދު 39,000އަށް, ޔަހޫދީ އަސީރުންގެ ދެ މީހުން މަރުވެއްޖެ


ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކުރި ޔަހޫދީ އަސީރުންގެ ތެރެއިން އިތުރު ދެ މީހުން މަރުވެފައިވާ ކަމުގައި ޔަހޫދީ އިސްތިޢުމާރީ ދައުލަތުން ބުނެފިއެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މުސްލިމުންގެ ޢަދަދު ވަނީ 39,000އަށް އުފުލިފައެވެ. ޔަހޫދީންގެ އަޅުވެތި ކަމާ ދެކޮޅަށް ހިންގި ޚާއްޞަ އަސްކަރީ ޙަރަކާތެއްގައި ޙަމާސުން ޔަހޫދީންގެ ބަޔަކު ރަހީނު ކޮށްފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ.

ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު އެ ޖަމާޢަތުން ވަނީ މިނިވަން ކޮށްފައެވެ. އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި އަދިވެސް އިތުރު 120 ވަރަކަށް އަސީރުން ތިބި ކަމުގައި ޔަހޫދީން ބުނެއެވެ. އެ މީހުން މިނިވަން ކުރުމާ ގުޅޭ ގޮތުން ޙަމާސާ އެކު ހަރުދަނާ މަޝްވަރާތަކެއް ކުރަން ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ ދެކޮޅު ހަދަމުންނެވެ. އަދި, މަޝްވަރާތައް ފެށުމަށް ފަހު, ޔަހޫދީން ދަނީ ކޮންމެ ފަހަރު ވެސް ބަހަނާތަކެއް ދައްކައި, މަޝްވަރާތަކަށް ހުރަސް އަޅަމުންނެވެ.

ނަމަވެސް, އަލުން މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި ނިރުބަވެރިންގެ ވެރިޔާ ނަތަންޔާހޫ ދާދި ފަހުން ވަނީ އިޢުލާނު ކޮށްފައެވެ. އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ, މި ހިނގާ ހަފުތާގެ ތެރޭގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް އޭނާގެ ޓީމުން ދަތުރު ކުރާނެ ކަމުގައެވެ. އެ މީހުން ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ކޮން ޤައުމަކަށް ކަން ސާފެއް ނޫނެވެ. އަދި, މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަން, އެ ކަން ވިލަރެސް ކުރާ ޤަޠަރާއި މިޞްރުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 39,006އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 89,818އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.