ޚަބަރު

ޚާން ޔޫނިސް ހުސް ކުރަން އަންގައި ޔަހޫދީ ފައުޖުން ބޮން އަޅަން ފަށައިފި


ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ހުސް ކުރުމަށް އެ ރަށުގެ ރައްޔިތުންނާއި އެތަކެއް ސަތޭކަ ހާސް ރެފިއުޖީންނަށް އެންގުމަށް ފަހު ޔަހޫދީ ފައުޖުން އެ ރަށަށް ރަޙުމު ކުޑަ ޙަމަލާތަކެއް ދީފިއެވެ. އެ ގޮތުން އަސްކަރީ ޓޭންކުފަހަރު ބޭނުންކޮށް ޚާން ޔޫނިސްގެ ބަނީ ސުހަޔިލާއަށް ދިން ޙަމަލާތަކުގައި ޢާންމުންގެ 16 މީހުން ޝަހީދުކޮށްލައި, ގިނަ ޢަދަދެއްގެ މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ވެސް އެ ރަށަށް ޙަމަލާތައް އަމާޒުކޮށްފައިވެއެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ހަ ކުޑަކުދިންނާއި ހަތަރު އަންހެނުން ހިމެނޭ ކަމުގައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނީ, ބަނީ ސުހަޔިލާއަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 26އަށް އުފުލިފައިވާ ކަމުގައެވެ.

ޚާން ޔޫނިސް ކައިރީގައި އޮންނަ އަލް-މަވާސީއަށް ވެސް ޔަހޫދީ ފައުޖުން ދާދި ފަހުން ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައިވެއެވެ. ހައްދުފަހަނަ އެޅި ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެތަކެއް ހާސް ރެފިއުޖީން ދިރިއުޅެމުން ދިޔަ ފޭލިގެތަކެއް ހުންނަ ސަރަޙައްދަކަށެވެ. އެ ޙަމަލާތަކާ ގުޅިގެން ފަލަސްޠީނުގެ އިދާރާތަކާއި, އދގެ އިތުރުން އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ވަނީ ޣައްޒާގައި މި ވަގުތު ރައްކާތެރި އެއްވެސް ސަރަޙައްދެއް ނެތް ކަން ހާމަ ކޮށްފައެވެ.

ޚާން ޔޫނިސްގެ އިތުރުން އަލް-ބުރަޔިޖް ރެފިއުޖީ ކޭމްޕާއި ދަޔިރް އަލް-ބަލަޙަށް ވެސް ޔަހޫދީ ފައުޖުން ވަނީ ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. އެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަަމަށް ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ހާމަކުރާއިރު, ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ސާފެއް ނޫނެވެ. ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީއަށް ވެސް ޙަމަލާދީ ޔަހޫދީ ފައުޖުގެ ޓެރެރިސްޓު ސިފައިން ވަނީ ފަލަސްޠީނުުގެ ޢާންމުންގެ ދެ މީހުން ޝަހީދު ކޮށްލާފައެވެ.

މި ގަތުލުއާންމުތަކާ އެކު, ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ޢަދަދު ވަނީ 64އަށް އުފުލިފައެވެ. އޭގެ ތެރެއިން 22 މީހުން ޝަހީދު ކޮށްލާފައި ވަނީ 12 ވަރަކަށް ގަޑިއިރުގެ ތެރޭގައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 100އަށްވުރެ މައްޗަށް އުފުލިފައެވެ.

މީގެ އިތުރުން, އެތަކެއް ސަތޭކަ ހާސް ރެފިއުޖީން ތިބި ރަފަޙަށް ވެސް ޔަހޫދީ ފައުޖުން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙުގައި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ހަރަކާތްތެރިވަމުން ދާއިރު, އެ ރަށް ދިފާޢު ކުރަން ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތްތަކުން ދަނީ ޔަހޫދީ ސިފައިންނާ ކުރިމަތިލަމުންނެވެ.

ޙަމާސާއި އިސްލާމިކް ޖިހާދުން ބުނީ, އެ ރަށަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ޓެރެރިސްޓުންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައިވާނެ ކަމުގައެވެ. އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުން ދަނީ ރަފަޙުގެ ތަލް އަލް-ސުންޠާން އަވަށުގައެވެ.

ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ނިމުމެއް ގެނައުމަށް މިޞްރާއި ޤަޠަރު ގުޅިގެން ވިލަރެސް ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ. މަޝްވަރާތައް މެދުކަނޑައިލަން ޖެހިފައި ވަނީ ޔަހޫދީ ފައުޖުން އެ ކަމަށް ހުރަސް އަޅަމުންދާތީއެވެ. ޢުދުވާން ހުއްޓައިލުމުގެ އެއްވެސް ނިޔަތެއް, ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކިބައިގައި ނެތް ކަމުގައި ޙަމާސްގެ އިތުރުން މިޞްރުން ވެސް ގަބޫލު ކުރެއެވެ.

ނަމަވެސް, މަޝްވަރާތަކުގެ އައު ބުރެއް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެ ގޮތުން, މި ހަފުތާގެ ތެރޭގައި މަޝްވަރާތަކުގެ އިތުރު ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް ނަތަންޔާހޫ ވަނީ އިޢުލާނު ކޮށްފައެެވެ. ނަމަވެސް, ޤަޠަރާއި މިޞްރުން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 39,006އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 89,818އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.