ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް


ހުޅުމާލެ ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ޕްލޭން ކުރެވިފައިވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަމަށާއި، ރިވެޓްމެންޓްގެ މަސައްކަތް ނިމޭއިރު ޔޮޓްމެރީނާ އަދި ކުރޫޒް ޓާރމިނަލް ހެދުމަށް ކަނޑައަޅާފައިވާ ރަށްވެސް ނިމިގެންދާނެ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން ސައިމަން ވިދާޅުވީ، މިހާރު ތާރު އެޅުމަށް ތައްޔާރުވަމުން އަންނަ ކަމުގައެވެ.

ސާޅީސް ޕޮއިންޓް ތިން މިލިޔަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ މަގު ހެދުމުގެ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ، އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި، އަޝޯކް ބިލްޑްކޮން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކާއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހުރިހާ މަގުތަކެއް ހަދާ، މަގުބައްތި ޖަހާ މަގުތަކުގައި ނިޝާންތައް ހަރުކުރާނެއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގެ ދަށުން 18 މަސް ދުވަހުގެ ތެރޭގައި ހުރިހާ މަގެއްގެ މަސައްކަތް ނިންމަންޖެހެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީ ކުރެއްވުމަށް 245 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވަނީ، 2015 ވަނަ އަހަރުގެ މާރޗް މަހުގެތެރޭގައެވެ.