ޚަބަރު

ފްރާންސްގެ ޑިއާބީ، އަލް އިއްތިހާދަށް


ނިމިދިޔަ ސީޒަނަށް އެސްޓަން ވިލާގެ ރެކޯޑް ޓްރާންސްފާ ފީ ގެ ގޮތުގައި އެ ޓީމަށް ބަދަލުވި ފްރާންސްގެ މޫސާ ޑިއާބީ، ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އަލް އިއްތިހާދުން ވަނީ ޑިއާބީ ގެނައުމަށް ވިލާ އަށް ގާތްގަނޑަކަށް 60 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއް ހުށަހަޅައިފައެވެ.

ޑިއާބީ، އަލް އިއްތިހާދާ ގުޅޭނީ ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއްގައި ކަމަށާއި، މިހާރު އެ ކްލަބަށް ބަދަލުވުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް މީޑިއާ ހަބަރުތައް ބުނެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގައި 55 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް ބަޔާ ލެވަކޫސަނުން ވިލާ އަށް ބަދަލުވެ، ޑިއާބީ ވަނީ 54 މެޗުގައި 10 ލަނޑުޖަހައި، އިތުރު ނުވަ ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.

ޑިއާބީ ވަނީ ލީގުގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއްގައި ކުޅެފައެވެ. މީގެއިތުރުން، ވިލާ އިން 41 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދިނުމުގައި އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ވިލާ އަށް ބަދަލުވުމުގެ ކުރީން، ޑިއާބީ ގެނައުމަށް ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުން ވަނީ މަސައްކަތްކޮށްފައެވެ.

ޑިއާބީ، ބަދަލުވާން އުޅޭ އަލް އިއްތިހާދުގައި މިވަގުތު ތިބި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި، ފްރާންސާއި ރެއާލް މެޑްރިޑްގެ ކުރީގެ ތަރި، ކަރީމް ބެންޒެމާ އާއި އެންގޯލޯ ކާންޓޭ އަދި ލިވަޕޫލާއި ބްރެޒިލަށް ކުޅުނު މިޑްފީލްޑަރު، ފަބީނިއޯ ހިމެނެއެވެ.

އެންމެ ފަހުގެ މީޑިއާ ހަބަރުތައް ބުނާގޮތުން، އަލް އިއްތިހާދުގެ ކޯޗުގެ މަގާމަށް ގެނައުމަށް މަސައްކަތްކުރަނީ، ކުރީން އިންޓަ މިލާނަށް އިރުޝާދުދިން ސްޓެފާނޯ ޕިއޯލީ އެވެ.