ޚަބަރު

ޔުނައިޓެޑުން ކުޅުންތެރިން ހޯދަން ބައެއް ކުޅުންތެރިން ވިއްކާލަންޖެހޭ: ޓެން ހާގް


މެންޗެސްޓާ ޔުނައިޓެޑުން ކުރިއަށް އޮތް ސީޒަނަށް ކުޅުންތެރިން ގަތުމަށް ފައިސާ ހޯދުމުގެ ގޮތުން މިހާރު ތިބި ބައެއް ކުޅުންތެރިން ވިއްކާލަންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު، އެރިކް ޓެން ހާގް ވަނީ ބުނެފައެވެ.

މިހާތަނަށްއައިއިރު ޔުނައިޓެޑުން ވަނީ ފްރާންސްގެ ޒުވާން ޑިފެންޑަރު، ލެނީ ޔޯރޯ އާއި ނެދަލެންޑްސްގެ ފޯވާޑް، ޖޯޝުއާ ޒިރްކްޒީ ގެނެސްފައެވެ.

ޓެން ހާގް ބުނީ، ޓްރާންސްފާ ބާޒާރުގެ މިހާ ކުރީކޮޅު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށައި، ބައެއް ކުޅުންތެރިންގެ ސޮއި ހޯދިފައިވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އިތުރު ކުޅުންތެރިން ހޯދުމުގެ ފުރުޞަތު ބިނާވެގެންވަނީ މިހާރު ކުލަބުގައި ތިބި ބައެއް ކުޅުންތެރިންގެ މުސްތަގުބަލާ ގުޅޭގޮތުން ނިންމާ ނިންމުންތަކަށްފަހު ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

"ކުލަބު ތަކުން އިތުރު ކުޅުންތެރިން ހޯދުމަށް ބައެއް ކުޅުންތެރިން ވިއްކާލަންޖެހޭ،" ޓެން ހާގް ބުންޏެވެ.

ޓެން ހާގް ވަނީ، ބައެއް ކުޅުންތެރިން ވިއްކާލިނަމަވެސް ވީހާވެސް ވަރުގަދަ ސްކޮޑެއް އޮތުމަކީ މުހިއްމުކަމެއް ކަމަށް ބުނެފައެވެ.

ޓެން ހާގް ބުނީ، ޔުނައިޓެޑުން މިހާތަނަށް ގެނެސްފައިވާ ދެ ކުޅުންތެރިންގެ ފަރާތުން ކުރިމަގުގައި އުއްމީދީ ކަންތައްތަކެއް ފެނިގެންދާނެ ކަމަށާއި، މުސްތަގުބަލަށް މި ހޯދުނު ކުޅުންތެރިންގެ ފަރާތުން ކުރިއަށް އޮތް ސީޒަނުގައި ވެސް ތަފާތު ދެއްކޭނެ ކަމަށެވެ. އަދި މިހާރުގެ ސްކޮޑަށް ކޮލިޓީ ކުޅުންތެރިން ހިމެނޭ ގޮތަށް އިތުރު ކުޅުންތެރިން ހޯދުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ޓެން ހާގް ފާހަގަކުރިއެވެ.

ޔުނައިޓެޑަށް ނިމިދިޔަ ސީޒަނުގައި އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ އަނިޔާގެ ސަބަބުން ޑިފެންސްގައި ކުޅޭ، މުހިއްމު ބައެއް ކުޅުންތެރިންނަށް ގިނަ މެޗުތަކެއް ގެއްލުމުންނެވެ. އެކަން ފާހަގަކޮށް ޓެން ހާގް ބުނީ، ކުޅުންތެރިންގެ ވާދަވެރިކަމަށާއި، އެ ޓީމުގެ ޑިފެންސްގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ކޮލިޓީ ކުޅުންތެރިން ވެސް ހިމަނަންޖެހޭ ކަމަށެވެ.

ނިމިދިޔަ ސީޒަނުގައި ލޯން އުސޫލުން ސްޕެއިނުގެ ގެޓަފޭ އަށް ކުޅުނު އެ ޓީމުގެ އިނގިރޭސި ފޯވާޑް، މޭސަން ގްރީންވުޑް ވިއްކާލާފައިވާއިރު، ވިލީ ކަމްބްވާލާ އާއި ޑޮނީ ވެން ޑަ ބީކްގެ އިތުރުން އޮމާރީ ފޯސަން އަދި އަލްވާރޯ ފެނާންޑޭޒް ވަނީ އެހެން ކްލަބުތަކަށް ބަދަލުވެފައެވެ. މީގެއިތުރުން، އެ ޓީމުން ރިލީޒްކުރި ކުޅުންތެރިންގެ ތެރޭގައި ރަފައެލް ވަރާން އާއި އެންތަނީ މާޝިއަލް ހިމެނެއެވެ.