ބަންގްލަދޭޝްގައި ތިބި ދިވެހީންގެ ހާލު ރަނގަޅުކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެޤައުމުގައި ތިބި ދިވެހީންގެ ހާލު ދިވެހި ސަރުކާރުން ގެންދަވަނީ ގާތުން ބައްލަވަމުންނެވެ. ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަންގައި ރަޖިސްޓްރީވެފައިވާ 90 ދަރިވަރުންނާއި އާއިލާތަކާއި އެކި ކަންކަމުގައި މިވަގުތު އެޤައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު ބައްލަވައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އެވުޒާރާއިން ވިދާޅުވީ އެޤައުމުގައި މިވަގުތު ތިބި ދިވެހީންގެ ހާލު ޖުމްލަގޮތެއްގައި ރަނގަޅުކަމަށް ހައި ކޮމިޝަނުން މަޢުލޫމާތުދެއްވާކަމަށެވެ.
ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް
— Ministry of Foreign Affairs 🇲🇻 (@MoFAmv) July 21, 2024
📃 ނޫސް ބަޔާން: https://t.co/Ni29AcIy1Q pic.twitter.com/EZnIZzuSS1
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތައް ބަންދުކުރުމާއި ގުޅިގެން އެސްކޫލްތަކުގައި ކިޔަވަމުންދާ ދިވެހި 2 ދަރިވަރުން އެނބުރި ރާއްޖެ އަންނަން ބޭނުންވާކަން އެވުޒާރާއަށް އަންގާފައިވާކަމަށެވެ. އެހެންކަމުން މި 2 ދަރިވަރުން ބަހުގައި ބަންގްލަދޭޝްގެ ބޯޑަރު ހުރަސްކުރުމަށް އެޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނާއި އިންޑިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
މިބަޔާނުގައިވަނީ މިވަގުތު ބަންގްލަދޭޝްގައި ކަރފިއު އިޢުލާންކޮށްފައިވުމުން އެޤައުމުގެ ކަމާއިބެހޭ އިދާރާތަކުންނާއި ދިވެހި ހައި ކޮމިޝަނުން ދެއްވާ އިރުޝާދާއި އެއްގޮތަށް ބޭރަށް ނުކުމެ ނޫޅުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިދަނޑިވަޅުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ހައި ކޮމިޝަނަށް ގުޅުމަށް މިބަޔާނުގައިވަނީ ޚާރިޖީ ވުޒާރާއިންވަނީ އެދިވަޑައިގެންފައެވެ.