ސިއްހަތު

މަދިރި ނައްތާލުމަށް ބޭނުންވާ ސާމާނު ރަށްރަށަށް ފޮނުވައިފި


ޑެންގީ ހުމުން ސަލާމަތްވުމަށްޓަކައި ސަރުކާރުން ކުރިޔަށްގެންދަވާ "މަދިރިކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕެއިން" ގެ ދަށުން ހުރިހާ ރަށަކަށް މިހާރު މަދިރި ނައްތާލުމަށް ބޭނުންވާ ސާމާނު ފޮނުވައިފިކަމަށް ދެވިފައިވާކަމަށް ،ޞިއްޙަތާއި ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމާއި ދިމާކޮށް ރާއްޖޭގައި ޑެންގީ ހުން ފެތުރެއެވެ. ޢާއްމު ގޮތެއްގައި ޑެންގީ ޖެހުން އިތުރު ވަނީ ޖޫންމަހާއި، ޖުލައިމަހުގެ ތެރޭގައި ކަމަށްވާތީ ދުރާލާ މިކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަދިރި އާލާވާތަން ނައްތާލުމާއި މަދިރި މަދުކުރުމުގެ ހަރަކާތްތަކެއް ކުރިޔަށްގެންދަވައެވެ.  

މިމަހުގެ ތޭރަވަނަ ދުވަހު "މަދިރި ކޮންޓްރޯލް ކުރުމުގެ ޤައުމީ ތިންވަނަ ކެމްޕޭން" ފަށާފައިވާއިރު، އެންމެ އިސްކަމެއް ދެއްވަނީ، މާލެއާއި އަތޮޅުތެރޭގައި މަސައްކަތް ކުރައްވާ ދިވެހި އަދި ބޭރުގެ ޑޮކްޓަރުންނާއި، ނަރުހުންނާއި، ޞިއްޙީ އެހީތެރިންނަށް ކްލިނިކަލް ގައިޑެންސް ދިނުމުގެ މަސައްކަތް ކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ. އެގޮތުން ޑެންގީ ހުންޖެހުމުން އަމަލު ކުރާނޭގޮތާއި ޚާއްޞަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ބަލީ މީހާއަށް އެކަށީގެންވާ ފަރުވާ ދިނުމަށް އެއްތަނުން އަނެއްތަނަށް ބަދަލު ކުރުމުގައި އަމަލުކުރާނޭ ގޮތްތައް ދަސްކޮށްދެވެމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. ޞިއްޙަތާބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ މިހާރު ކުރިޔަށްދާ މަދިރި ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕޭން ވަރަށް ކާމިޔާބު ކަމަށާއި، ކެމްޕޭންގެ ދަށުން ހުރިހައި ރަށަކަށް މަދިރި ކޮންޓްރޯލް ކުރުމުގެ އާލާތްތައް ފޯރުކޮށްދެވިފައިވާކަމަށެވެ.

img:http://s2.psmnews.mv/images/660x400/5158.jpg|ޑެންގީ ހުން ޖައްސާ އީޑިސް މަދިރި- ފޮޓޯ: ޕީއެސްއެމް ފައިލް

މިދިޔަ އަހަރަކީ ޑެންގީ އެންމެ ބޮޑަށް ފެތުރި އެބަލީގައި އެންމެ ގިނައިން މީހުން މަރުވި އަހަރުކަމަށްވާއިރު، ރިކޯޑު ތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އަށާރަސަތޭކައަށް ވުރެ ގިނަ ޑެންގީ ކޭސް ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރެއިން ހަ މީހަކު ވަނީ މަރުވެފައެވެ. ޞިއްހަތާއި ބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ މިދިޔަ އަހަރު ޑެންގީ ޖެހިގެން އެ އަދަދަށް ރިޕޯޓު ކުރި ނަމަވެސް މިދިޔަ އަހަރާއި އަޅާ ބަލާއިރު، މިއަހަރު ޑެންގީ ކޭސް ރިޕޯޓް ކުރެވޭ މިންވަރު މަދުކަމަށެވެ. އަދި މިއަހަރު ސީދާ ޑެންގީ ހުން ޖެހިގެން މީހަކު މަރުވެފައިވާކަމަށް މިހާތަނަށް ސާބިތުވެފައި ނުވާކަން ފާހަގަ ކުރައްވާ، ދުރާލާ ރާއްކާތެރިކަމުގެ ފިޔަވަޅު އަޅާ އެންމެން ގުޅިގެން ޑެންގީ ޖެހޭ މިންވަރު މަދު ކުރުމަކީ އަމާޒެއްކަމުގައި ވެސް ވިދާޅުވިއެވެ.

މިދުވަސްވަރު ޑެންގީ ހުން ފެތުރޭ މިންވަރު އިތުރު ވަމުންދާތީ މިކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ގޭގެއާއި ގޯތިތެރޭގައި ފެންހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލުމާއި، ޚާއްޞަ ގޮތެއްގައި އިރުއޮއްސޭ ވަގުތާއި އިރުއަރާ ވަގުތު މަދިރިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭއިން އިލްތިމާސް ކުރައްވައެވެ.

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާ، ހުން އައުންމާއި، ބޮލާއި ލޮލުގައި ރިއްސުމާއި، ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ފަދަ އަލާމާތް ތައް ހިމެނެއެވެ.