ޚަބަރު

ޔަހޫދީން ޔަމަނަށް ދިން ޙަމަލާގައި 87 މީހުން ޒަޚަމުވި


ޔަމަންގެ އަލް-ޙުދަޔިދާ ބަނދަރަށް ޔަހޫދީ ފައުޖުން ދިން ނުރައްކާތެރި ވައިގެ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު ތިނަކަށް އުފުލި ޒަޚަމުވި މީހުންގެ ޢަދަދު 87އަށް އަރައިފިއެވެ. ޔަމަނުގައި ޙަރަކާތްތެރިވާ ޙޫޘީ ޖަމާޢަތާ ގުޅުން އޮންނަ އަލް-މަޞީރަތު ޓީވީން ވަނީ އެ ޢަދަދުތައް ކަށަވަރު ކޮށްދީފައެވެ.

ޙުދަޔިދާ ބަނދަރުގައި ހުރި ތެޔޮ ރައްކާކުރާ ގުދަންތަކާއި އިންޖީނުގެއަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުގައި އެ ތަނުގައި ބޮޑު އަލިފާންގަނޑެއް ރޯވިއެވެ. ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ ގިނަ މީހުންގެ ހަށިތައް ވަރަށް ބޮޑަށް ފިހިފައިވާ ކަމުގައި ޔަމަންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ޔަހޫދީންގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޙޫޘީން ވެސް ވަނީ ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް މިސައިލް ޙަމަލާތަކެއް ދީފައެވެ. އެ ކަން ކަށަވަރު ކޮށްދެމުން ޔަހޫދީ ފައުޖުން ބުނީ ޔަހޫދީންގެ ރަށަކަށް ޙަމަލާ ދިނުމަށް ޙޫޘީން ބޭނުން ކޮށްފައިވާ މިސައިލެއް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. ޙޫޘީންގެ މިސައިލް އުދުއްސައިލުމާ އެކު ރަތް ކަނޑުގެ އައްސޭރިފަށުގައި އޮންނަ ޔަހޫދީންގެ ރަށެއް ކަމުގައިވާ އީލާތުގައި އިންޒާރުގެ ރަނގަބީލު އެޅިއެވެ. އަދި, އެ ރަށުގެ ރައްޔިތުން ރައްކާތެރި ކަން ހޯދަން ތެޅިގަތެވެ.

ޙޫޘީންގެ ތަރުޖަމާނު ޔަޙްހާ ޤާސިމް ސަރީޢު ވިދާޅުވީ އީލާތަށް ޙަމަލާ ދޭން ގިނަ ޢަދަދެއްގެ ބެލިސްޓިކް މިސައިލް ބޭނުން ކޮށްފައިވާނެ ކަމުގައެވެ. އަދި, ޙޫޘީންގެ ޙަމަލާގެ އަމާޒުތައް ހާސިލު ވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ހައްދުފަހަނަ އެޅި ޔަހޫދީ ފައުޖުން ޙުދަޔިދާއަށް ވައިގެ ޙަމަލާތަކެއް ދީފައި ވަނީ, ޙޫޘީ ޖަމާޢަތުން ޔަހޫދީންގެ ރަށެއް ކަމުގައިވާ ތެލް އަވީވަށް ޑްރޯން ޙަމަލާއެއް ދިންތާ އެއް ދުވަސް ފަހުންނެވެ. ޙޫޘީ ޖަމާޢަތުން ތެލް އަވީވަށް ޙަމަލާ ދޭން ބޭނުން ކޮށްފައި ވަނީ އައު ވައްތަރެއްގެ ޑްރޯނެކެވެ. އެއީ, ޔަހޫދީންގެ ޖާސޫސީ ސެޓެލައިޓްތަކާއި ރާޑަރުތަކަށް ވަންހަނާ ކޮށް ދަތުރު ކުރުމުގެ ގާބިލު ކަން ލިބިފައިވާ ޑްރޯނެއް ކަމުގައި ޙޫޘީން ހާމަ ކޮށްފައިވެއެވެ. ޔަހޫދީ ޢާންމުންގެ އެކަކު މަރުވެ, އިތުރު 10 މީހުން ޒަޚަމުވި ޙަމަލާގެ ޒިންމާ އުފުލާ ކަމުގައި ޙޫޘީން ބުނެފައިވެއެވެ.

ޙޫޘީން ވަނީ ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ އާގުބޯޓެއް ކަމުގައިވާ އެމްވީ ޕުމްބާއަށް ވެސް ޙަމަލާތަކެއް ދީފައެވެ. ސަރީޢު ވިދާޅުވީ, އެ އުޅަނދަށް ޙަމަލާ ދޭން ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްފައިވާނެ ކަމުގައެވެ. އަދި, ޙަމަލާތަކުގައި އެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އެމްވީ ޕުބްމާއަށް ޙޫޘީން ޙަމަލާ ދީފައިވާ ކަން, ކަނޑު މަގުން ކުރާ ވިޔަފާރިއާ ބެހޭ އިނގިރޭސިވިލާތުގެ އިދާރާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެ އިދާރާއިން ބުނީ އެމްވީ ޕުމްބާއަކީ ލައިބީރިޔާގެ ދިދަ ޖަހައިގެން ދަތުރު ކުރާ އުޅަނދެއް ކަމުގައެވެ.

ޙުދަޔިދާއަށް ޔަހޫދީ ފައުޖުން ދިން ޙަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު, ޙޫޘީންގެ ސިޔާސީ އެންމެ މަތީ ކައުންސިލުން ދީފައިވެއެވެ. "[ޙުދަޔިދާއަށް ދީފައިވާ] ޙަމަލާއާ ގުޅިގެން ދުޝްމަނުންނަށް [ޔަހޫދީންނަށް] އެކަށީގެންވާ ރައްދެއް ދޭނަން،" ޙޫޘީ ސުޕްރީމް ޕޮލިޓިކަލް ކައުންސިލުން ނެރުނު ބަޔާނެއްގައި އިންޒާރު ދިނެވެ.

ސަރީޢު ވެސް ވަނީ ޙުދަޔިދާއަށް ދިން ޙަމަލާތަކުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެ ގޮތުން, ޔަހޫދީންގެ މުހިންމު އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމަށާއި, ތެލް އަވީވަކީ ނުރައްކާތެރި ތަނަކަށް ބަދަލު ކޮށްލާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވަނީ ޙުދަޔިދާއަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާ ކުށްވެރި ކޮށްފައެވެ. "ޙުދަޔިދާގައި ރޯކުރި ހުޅުގަނޑުން އަނދައިގެން ދާނީ ޔަހޫދީ ފައުޖާއި [ފަލަސްޠީނުގެ މުސްލިމުން] އަޅުވެތި ކޮށްގެން އުޅޭ ޔަހޫދީން ކަން ކަށަވަރު،" ޙަމާސުން ނެރުނު އިންޒާރުގެ މެސެޖެއްގައި ބުންޏެވެ. ލުބްނާންގައި ހަރަކާތްތެރިވާ ޙިޒްބުاللهން ވެސް ވަނީ ޔަހޫދީންގެ ޙަމަލާ ކުށްވެރިކޮށް, ޙޫޘީންނަށް ވާގިވެރިވުމުގައި ދެމި އޮންނާނެ ކަން ހާމަކޮށްފައެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތި ކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން, އެ ކަމާ ދެކޮޅަށް ޙޫޘީން ވަނީ އަސްކަރީ ޙަރަކާތެއް ފަށާފައެވެ. އެ ޙަރަކާތުގެ ދަށުން އެ ޖަމާޢަތުން ދަނީ ރަތް ކަނޑާއި, ޔަމަން ކައިރީގައިވާ ކަނޑުގެ ސަރަޙައްދުން ދަތުރު ކުރާ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓުފަހަރާއި އެހެން އުޅަނދުފަހަރަށް ޙަމަލާ ދޭން ފަށާފައެވެ.