ޚަބަރު

ޓީ20 ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިލާނަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި މޯލްޑިވްސް ޓީ20 ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިލާން ކްރިކެޓު އެކަޑަމީން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން މިލާން ކްރިކެޓު އެކަޑަމީން ހޯދާފައިވަނީ ފައިނަލުގައި މާލޭ ސްޕޯޓްސް އާއި ބައްދަލުކޮށް 8 ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ގުރު ދިމާވުމުން މިލާން ގަސްދުކުރީ ހޮވުމަށެވެ. މާލޭ ސްޕޯޓްސް ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 9 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 132 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 29 ލަނޑު ހެދި އިސްހާގް އީސާ މުޒައްމިލް ފާއިޒް އަހުމަދުގެ އިތުރުން 21 ލަނޑު ހެދި އަހުމަދު ނީޝަމް ނާސިރެވެ. މިލާނު ޓީމަށް ބަލާއިރު ލީމް ޝަފީގު ވަނީ ހަތަރު އޯވަރުގެ ތެރޭގައި 18 ލަނޑަށް ތިން ވިކެޓު ނަގާފައެވެ.

ޖަވާބުގައި މިލާން ކުޅެންއަރާ 19 ވަނަ އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން 133 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 70 ލަނޑު ހެދި ޔޫސުފް އަޒިޔާނެވެ.
މުބާރާތުގެ ހުރިހާ މަގާމުތަކެއްވެސް ހޯދާފައިވަނީ މިލާންގެ ކުޅުންތެރިންއެވެ، އެންމެ މޮޅު ހޮވުންތެރިއަކީ މުޙައްމަދު އައްޒާމެވެ. އެންމެ މޮޅު އުކުންތެރިޔަކީ ލީމް ޝަފީގެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ޔޫސުފް އަޒިޔާނެވެ.މުބާރާތުގެ އިނާމްދެއްވީ ކުރީގެ ކިންގް ޕަންޖާބު ޓީމުގެ ހައި ޕާފޯމަންސް ކޯޗު އެލަން ކޭބަލްއާއި ކްރިކެޓް ބޯޑުގެ ނައިބު ރައީސް އަޙްމަދު ހަސަނެވެ.

މި މުބާރާތުގެ ކާމިޔާބީއަށްފަހު ކުރިއަށް ދެން އޮތީ ޕްރެޒިޑެންޓްސް ކަޕެވެ. ކުޅުން ފަށާނީ ޖުލައި 26 ގައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިލާން ކްރިކެޓް އެކަޑަމީއާއި މާލޭ ސްޕޯޓްސް ކުލަބެވެ. އެ ދުވަހުގެ މެންދުރުފަހު ކުޅޭނީ ސިބީއެލްއާއި ވިޔަންސާ އެވެ.