ޚަބަރު

ކަލަފިއޯރީ ގެނައުމަށް އާސެނަލުން ކުރާ މަސައްކަތްތައް އަވަސްކޮށްފި


ބޮލޯނިއާގެ އިޓަލީ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ ގެނައުމަށް އާސެނަލުން ކުރާ މަސައްކަތްތައް އަވަސްކޮށްފައިވާ ކަމަށް މީޑިއާ ހަބަރުތައް ބުނެފިއެވެ.

ނިމިދިޔަ ޔޫރޯގައި ގިނަބައެއްގެ ލޮލުގައި އަޅައިގަތް އިޓަލީގެ ޑިފެންސްގައި މިހާރު މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކަލަފިއޯރީ، 22، އަކީ ވާތު ބެކްގެ އިތުރުން ސެންޓަބެކަށް ވެސް ކުޅެވޭ ކުޅުންތެރިއަކަށްވުމުން، އޭނާ ވެފައިވަނީ އާސެނަލްގެ ކޯޗު، މިކޭލް އާޓޭޓާ އެ ޓީމުގެ ޑިފެންސަށް ގެނައުމަށް އެންމެ ޝައުގުވެރިވާ ކުޅުންތެރިޔާ އެވެ.

އުމުރުން އެންމެ 8 އަހަރުގައި ރޯމާގެ އެކަޑެމީއާ ގުޅުނު ކަލަފިއޯރީ ވަނީ، އެކްލަބުގައި 12 އަހަރު ހޭދަކޮށްފައެވެ. އެ މުއްދަތުގައި ސީނިއާ ޓީމަށް ކުޅެދިން 18 މެޗުގައި އެއްލަނޑުޖަހައިފައިވެއެވެ. އޭގެފަހުން، އޭނާ ވަނީ 2022 ވަނަ އަހަރު ސްވިޒަލެންޑްގެ ބާސެލް އަށް ބަދަލުވެފައެވެ. އެ ކްލަބުގައި ހޭދަކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި އޭނާ ކުޅުނީ ވާތު ބެކްގެ އިތުރުން ވާތު ވިންގްބެކްގެ މަގާމަށެވެ.

ކަލަފިއޯރީގެ ވިދުން އެންމެ ގަދަވީ، ނިމިދިޔަ އަހަރުގައި ބޮލޯނިއާ އަށް ބަދަލުވުމުން އެ ޓީމުގެ ކޯޗު، ތިއާގޯ މޯޓާގެ ރޭވުންތެރިކަމުން އޭނާ ސެންޓްރަލް ޑިފެންސްގައި ބޭނުންކުރަން ފެށުމުންނެވެ. އެގޮތުން، އެ ޓީމުން ލީގުގެ ހަތަރުވަނައިގައި އޮވެ ސީޒަން ނިންމާލިއިރު ކަލަފިއޯރީ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

މިއާއެކު، އެންމެ ފަހުގެ ޔޫރޯގައި ވާދަކުރި އިޓަލީގެ ސްކޮޑުގައި ހިމެނި، ޑިފެންސްގައި މުހިއްމު ދައުރެއް އަދާކުރަންލިބި އެ ފުރުޞަތުގެ ބޭނުންހިފައި، ކަލަފިއޯރީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ކަލަފިއޯރީ ވަނީ އެ މުބާރާތުގައި އިޓަލީން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ކުޅެފައެވެ. އޭނާ އަށް ގެއްލުނީ ގަދަ 16 ގެ ބުރުގައި ސްވިޒަލެންޑް އަތުން އިޓަލީ ބަލިވި މެޗެވެ. އެއީ ދެ ކާޑު ހަމަވުމުގެ ސަބަބުންނެވެ.