ޚަބަރު

ބައިނަލްއަޤުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތްކުރިއަށްދޭ: ވަޒީރު


  • މިހާރު ކުރިއަށްދަނީ އާޓް ސްކޫލްގެ އައުޓްލައިން ތައްޔާރުކުރުމުގެ މަސައްކަތް

  • ފަތުރުވެރިންނަށް ދިވެހި ފަންނުވެރިންގެ މަސައްކަތް ދައްކާލުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަނީ

ބައިނަލްއަޤުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތްކުރަމުންދާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، "އަންވެއިލިންގ ވިޜަންސް 2024" އާޓް އެގްޒިބިޝަންސް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަށްފަހު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަންވެއިލިންގ ވިޜަންސް 2024" އާޓް އެގްޒިބިޝަންސް ބައްލަވާލެއްވުމަށް ބޭއްވި ހަފްލާގައި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ކުރެހުމާއި ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުގެ ޚާއްސަ ޕްލޭނެއް އެބައޮތްކަމަށެވެ. އެގޮތުން ބައިނަލްއަޤުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު ކުރަމުންދަނީ އާޓް ސްކޫލްގެ އައުޓްލައިން ތައްޔާރުކުރުމުގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެކަމުގެ ތަޖުރިބާކާރުންނާއެކު މަސައްކަތް ކުރަމުން މިދަނީ އައުޓްލައިން ތައްޔާރުކުރުމަށް. ކުރެހުމާއި ގުޅޭދާއިރާތައް އެ އައުޓްލައިންގައި ހިމެނޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ރާއްޖޭގެ ފަންނުވެރިންގެ މަސައްކަތްތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން އެގްޒިބިޝަންތައް ނެތްކަމުގައިވާނަމަ މިހާރު އާޓްގެލެރީ ބަންދުކޮށްފައި ހުންނަ ހުރުން ނިމުމަކަށް ގެނެސް، ވަކި އުސޫލެއްގެ ދަށުން ކޮންމެ މަހަކުވެސް ޚާއްސަ ކަލެކްޝަނަކާއެކު ފަތުރުވެރިންނަށް ނޭޝަނަލް އާޓް ކަލެކްޝަން ހުޅުވާލުމުގެ މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުވަނީ މިދައުރަކީ ފަންނުވެރިންނަށް އެންމެ ފާގަތި ދައުރުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސަރުކާރަށް 8 މަސްވީއިރު 9 އާޓް އެގްޒިބިޝަން ނޭޝަނަލް އާޓް ގެލެރީގައި ބޭއްވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ގެންނެވި މެނިފެސްޓޯގައި ހިމަނާފައިވާގޮތަށް މިދާއިރާ ކުރިއެރުވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރުވަނީ ދެއްވާފައެވެ.

އާޓްގެލެރީގައި ކުރިއަށްގެންދާ އެގްޒިބިޝަންގައި ބައިވެރިވުމަށް 200 ފަރާތަކުން ހުށައަޅާފައިވާއިރު އެގްޒިބިޝަންގައި ފުރުސަތު ލިބިގެން ގޮސްފައިވަނީ 105 ކުރެހުމަކަށް ނުވަތަ އާޓް ޕީސްއަށެވެ.