ޚަބަރު

ޔަހޫދީ ފައުޖުން ޔަމަނަށް ވެސް ބޮންއަޅަން ފަށައިފި


ޔަމަންގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ އަލް-ޙުދަޔިދާއަށް ޔަހޫދީ ފައުޖުން ވައިގެ ޙަަމަލާތަކެއް ދީފިއެވެ. ހައްދުފަހަނަ އެޅި ޔަހޫދީ ފައުޖުން ޙުދަޔިދާއަށް ވައިގެ ޙަމަލާތަކެއް ދީފައި މި ވަނީ, ޔަމަންގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ޔްހޫދީންގެ ރަށެއް ކަމުގައިވާ ތެލް އަވީވަށް ޑްރޯން ޙަމަލާއެއް ދިންތާ އެއް ދުވަސް ފަހުންނެވެ. ހުދަޔިދާއަށް ވައިގެ ޙަމަލާތައް ދޭން ފަށާފައި ވަނީ ތެލް އަވީވުގެ ޙަމަލާއާ ގުޅުވައެވެ.

ޙޫޘީ ޖަމާޢަތުން ތެލް އަވީވަށް ޙަމަލާ ދޭން ބޭނުން ކޮށްފައި ވަނީ އައު ވައްތަރެއްގެ ޑްރޯނެކެވެ. އެއީ, ޔަހޫދީންގެ ޖާސޫސީ ސެޓެލައިޓްތަކާއި ރާޑަރުތަކަށް ވަންހަނާ ކޮށް ދަތުރު ކުރުމުގެ ގާބިލު ކަން ލިބިފައިވާ ޑްރޯނެއް ކަމުގައި ޙޫޘީން ހާމަ ކޮށްފައިވެއެވެ. ޔަހޫދީ ޢާންމުންގެ އެކަކު މަރުވެ, އިތުރު 10 މީހުން ޒަޚަމުވި ޙަމަލާގެ ޒިންމާ އުފުލާ ކަމުގައި ޙޫޘީން ބުނެފައިވެއެވެ.

ޔަމަންގެ ޙުދަޔިދާއަށް ޔަހޫދީ ފައުޖުން ބޮން އަޅަން ފަށާފައި ވަނީ, ޑްރޯން ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބެލެވޭ ކަމުގައި ޙޫޘީންނާ ގުޅުން އޮންނަ މަޞީރަތު ޓީވީން ރިޕޯޓު ކޮށްފައިވެއެވެ. ޙުދަޔިދާއަށް ޔަހޫދީ ފައުޖުން ދީފައިވާ ވައިގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ތެޔޮ ރައްކާކުރާ ގުދަންތަކާއި އިންޖީނުގެތަކަށެވެ.

އެ ޙަމަލާތަކުގައި ތެޔޮ ރައްކާކުރާ ގުދަންތަކާއި އިންޖީނުގެތަކުގައި އަލިފާން ރޯވިއެވެ. ޔަމަންގެ ޞިއްޙަތާ ބެހޭ އިދާރާއިން ބުނީ, ޔަހޫދީންގެ ޙަމަލާގައި ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމަށާއި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާ ކަމުގައެވެ. ނަމަވެސް, ޝަހީދު ކޮށްލާފައިވާ ކޮށްލާފައިވާ މީހުންގެ ޢަދަދުތައް ސާފެއް ނޫނެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތި ކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން, އެ ކަމާ ދެކޮޅަށް ޙޫޘީން ވަނީ އަސްކަރީ ޙަރަކާތެއް ފަށާފައެވެ. މި ޙަރަކާތުގެ ދަށުން އެ ޖަމާޢަތުން ދަނީ ރަތް ކަނޑާއި, ޔަމަން ކައިރީގައިވާ ކަނޑުގެ ސަރަޙައްދުން ދަތުރު ކުރާ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓުފަހަރާއި އެހެން އުޅަނދުފަހަރަށް ޙަމަލާ ދޭން ފަށާފައެވެ.

އެ ޙަމަލާތަކުގައި އެ ޖަމާޢަތުން ދަނީ ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯންތައް ފަދަ ހަތިޔާރު ބޭނުން ކުރަމުންނެވެ. އެ ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީންގެ ރަށްތަކާއި, ޔަހޫދީ ފައުޖުގެ މަރުކަޒުތަކަށް ވެސް ޙޫޘީން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތަކުގެ ބޭނުމަކީ ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެންނަން ހައްދުފަހަނަ އެޅި ޔަހޫދީންނަށް ބާރު އެޅުމެވެ. ޙޫޘީންގެ އަސްކަރީ ޙަރަކާތުގެ ދަށުން މިހާތަނަށް ދެ އާގުބޯޓު ފައްތައިލާފައިވެއެވެ. އަދި އެ ޙަރަކާތާ ގުޅިގެން ކަނޑުމަގުން މުދާ އުފުލުގެ ވިޔަފާރިއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ޙޫޘީންގެ އަސްކަރީ އޮޕަރޭޝަން ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ވެސް ވަނީ ޔަމަންގައި ޢާންމުން ދިރިއުޅޭ ރަށްތަކަށް ވައިގެ ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ. އަދި, ޙޫޘީންނަށް އަމާޒުކޮށް ހިންގަމުންދާ އަސްކަރީ ޙަރަކާތުގައި ބައިވެރި ކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ އެ ދެ ޤައުމުގެ އަސްކަރީ މަނަވަރުތައް ޔަމަން ކައިރިއަށް ފޮނުވާފައެވެ.