ރާއްޖޭގައި މިހާރު ކުރިއަށްދާ ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި ނޭޕާލް އަތުންވެސް ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.
ޖުމްލަ ހަތަރު ގައުމަކާއެކު ކުރިއަށްދާ މި މުބާރާތުގައި ނޭޕާލާއި ވާދަކޮށް ރާއްޖެ ބަލިވި މެޗުގެ ސެޓުތައް ނޭޕާލުން ކާމިޔާބުކޮށްފައިވަނީ 25-16، 25-09 އަދި 25-10 އިންނެވެ. މި މެޗުގެ ފުރަތަމަ ސެޓަށްފަހު ދިވެހި ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.
މިއީ މި މުބާރާތުގައި ނޭޕާލުގެ ފުރަތަމަ މޮޅެވެ. އެ ޓީމު ވަނީ ސްރީ ލަންކާ އާއި ކިރްގިސްތާނު އަތުން ބަލިވެފައެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވީ ކިރްގިސްތާނު އަތުންނެވެ. ދެވަނަ މެޗުގައި ބަލިވީ ސްރީ ލަންކާ އަތުންނެވެ. މި ހުރިހާ މެޗަކުންވެސް ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.
ރާއްޖެއިން ފުރަތަމަ ސެޓުގެ ފެށުން ރަނގަޅުކުރި ނަމަވެސް ނޭޕާލުން ވަނީ ކުޅުން ރަނގަޅުކޮށް ދިވެހި ޓީމުގެ މައްޗަށް އަތްގަދަކޮށްފައެވެ. އެގޮތުން އެ ޓީމު ވަނީ ސެޓުގެ މެދު ތެރެއިން ބޮޑު ލީޑެއް ނަގާފައެވެ. މި ސެޓު ނޭޕާލުން ކާމިޔާބުކުރީ 25-16 އިންނެވެ.
ދެ ވަނަ ސެޓު ފަށައިގެން ލީޑުކުރީ ވެސް ނޭޕާލުންނެވެ. މި ސެޓުގައި ދިވެހި ޓީމުން ތަފާތުދެއްކި އެއް ކުޅުންތެރިޔަކީ މާޔާ އެވެ. އޭނާ ވަނީ މި ސެޓުގައި ރާއްޖެއަށް ގިަނ ޕޮއިންޓުތަކެއް ހޯދަދީފައެވެ. ނަމަވެސް ދިވެހި ކުޅުންތެރިން ވަނީ މި ސެޓުގައި ގިނަ ގޯސްތަކެއް ހަދާފައެވެ. އަދި ނޭޕާލުގެ ބާރު ހަމަލާތައް ހުއްޓުވުމުގައި ދިވެހި ޓީމަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. މި ސެޓު ނޭޕާލުން ގެންދިޔައީ 25-09 އިންނެވެ.
ތިންވަނަ ސެޓުގައި ވެސް ނޭޕާލް ޓީމުގެ ފަރާތުން ފެނިގެންދިޔައީ އިތުބާރާއެކު ކުޅުނު މަންޒަރެވެ. އެއާއެކު, މި ސެޓުގެ ކުރީކޮޅު ނޭޕާލުން ވަނީ ބޮޑު ލީޑެއް ނަގާގެން ކުޅެފަ އެވެ. އެއީ 25-10 އިންނެވެ.