ޚަބަރު

ސިންގަޕޫރު ކައިރިން ދެ ތެޔޮ ޓޭންކަރު ޖެހި އަލިފާން ރޯވެއްޖެ


ސިންގަޕޫރުގެ އައްސޭރިފަށުން ދަތުރު ކުރަމުން ދިޔަ ދެ ތެޔޮ އުފުލާ ޓޭންކަރު ޖެހި ހިނގި އެކްސިޑެންޓެއްގައި އެ ދެ އުޅަނދުގައި އަލިފާން ރޯވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ސިންގަޕޫރުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ބަރު ކުރާ ބަނދަރު ކައިރިންނެވެ. މި ހާދިސާއާ ގުޅިގެން އެ ދެ އުޅަނދުގައި ތިބި ފަޅުވެރިން މިހާރު ވަނީ ސަލާމަތް ކޮށްފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފެއް ނޫނެވެ.

ސިންގަޕޫރުގެ ކަމާ ގުޅޭ އިދާރާތަކާއި ތެޔޮ ޓޭންކަރުތައް އޮޕަރޭޓް ކުރާ ކުންފުނިން ބުނީ, އެ ދެ އުޅަނދުގައި ތިބި ފަޅުވެރިންގެ ތެރެއިން ދެ މީހަކު ހެލިކޮޕްޓަރުގެ އެހީތެރިކަމާ އެކު ވައިގެ މަގުން ސަލާމަތް ކުރަން ޖެހުނު ކަމުގައެވެ. އަދި, ބާކީ ތިބި ފަޅުވެރިން ރާފްޓް ފަދަ ކުދި އުޅަނދުފަހަރުގައި ޓޭންކަރުތައް ދޫކޮށް ފައިބާފައިވާ ކަމުގައެވެ. އެ މީހުން ވެސް ވަނީ ސަލާމަތް ކޮށްގެން އެއްގަމަށް ގެންގޮސްފައެވެ.

އޭޝިޔާގައި ތެލުގެ ވިޔަފާރި ކުރާ އެންމެ ބޮޑު ބަނދަރު އޮންނަނީ ސިންގަޕޫރުގައެވެ. އަދި, ބަންގކަރިންގެ ޚިދުމަތް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު ބަނދަރަކީ ވެސް އެއީއެވެ. މި ހާދިސާގައި އެކްސިޑެންޓުވެފައި ވަނީ ހަފްނިޔާ ނައިލްގެ ނަން ދީފައިވާ ޓޭންކަރަކާއި ސިރީސް އެކެއްގެ ނަން ދީފައިވާ އުޅަނދެކެވެ. މި ހާދިސާ ހިނގާފައި ވަނީ ސިންގަޕޫރުގެ އިރުމަތީގައި އޮންނަ ރަށެއް ކަމުގައިވާ ޕެޑްރާ ބްރެންކާ ކައިރިން ކަމުގައި އެ ޤައުމުގެ މެރިޓައިމް އެންޑް ޕޯޓް އޮތޯރީޓީ (އެމްޕީއޭ)ން ބުންޏެވެ.

މި ހާދިސާ ހިނގި ވަގުތު ހަފްނިޔާ ނައިލްގައި 22 ފަޅުވެރިން ތިއްބެވެ. އަދި, ސިރީސް އެކެއްގައި 40 ފަޅުވެރިން ތިބި ކަމުގައި އެމްޕީއޭން ހާމަ ކުރިއެވެ. އެ އެންމެންގެ ހާލު ރަނގަޅު ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. އެ ދެ އުޅަނދުގައި ރޯވި އަލިފާންގަނޑު ނިއްވައިލުމަށް, އެ ކަމަށް ޚާއްޞަ ކޮށްފައިވާ ޓަގް ބޯޓުފަހަރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަޙައްދުގެ ކަނޑަށް ތެޔޮ އެޅިދާނެ ކަމަށް ބަލައި, އެ ސަރަޙައްދުގެ ޤައުމުތަކުގެ ކަމާ ގުޅޭ އިދާރާތުން ވަނީ ތައްޔާރީ ހާލަތަކަށް އައިސްފައެވެ. މެލޭޝިޔާގެ ތިމާވެއްޓާ ބެހޭ އިދާރާއިން ވަނީ, އެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައި, ލިބިދާނެ ގެއްލުންތައް ހިރާސް ކުރުމަށް ތައްޔާރުވެފައިވާ ކަމުގައެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަޙައްދުގެ ތިމާވެއްޓަށް ލިބިދާނެ ގެއްލުންތައް އަންދާޒާ ކުރަން އަދި އަވަސް ކަމުގައި, ހަފްނިޔާ ނައިލްގެ އިންޝުއަރެންސް ކުންފުނިން ހާމަކުރިއެވެ.

ކަނޑު ދަތުރުފަތުރާ ގުޅޭ އދގެ އިދާރާ, އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ)ން ވެސް ބުނީ, އެ ހާދިސާ ވަރަށް ގާތުން ބަލަމުންދާ ކަމުގައެވެ. ކަނޑަށް ތެޔޮ އެޅިފައިވާ ކަން ކަށަވަރު ކުރުމަށް ވައިގެ މަގުން ދިރާސާތަކެއް ހެދުމަށް އައިއެމްއޯން ތައްޔާރުވަމުންދާ ކަމުގައި އެ އިދާރާގެ ތަރުޖަމާނަކު ބުންޏެވެ. އަދި, އެކްސިޑެންޓުވި ދެ އުޅަނދު ފެތުނު ނުދީ ސަލާމަތް ކުރުމަށް މަސައްކަތް ފަށާފައިވާ ކަން ވެސް އައިއެމްއޯން ހާމަކުރިއެވެ.

އެކްސިޑެންޓުވެފައިވާ ހަފްނިޔާ ނައިލަކީ 74,000 މެޓްރިކް ޓަނުގެ ތެޔޮ އުފުލުގެ ގާބިލުކަން ހުރި އުޅަނދެކެވެ. އެކްސިޑެންޓު ހިނގި ވަގުތު އެ އުޅަނދުގައި 300,000 ފީފާގެ ތެޔޮ ހުއްޓެވެ. ސިރީސް އެކެއް އެކްސިޑެންޓުވި ވަގުތު އޭގައި 2 މިލިޔަން ފީފާގެ ތެޔޮ ހުރި ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެ އުޅަނދަށް ތެޔޮ ބަރު ކޮށްފައި ވަނީ އީރާނުންނެވެ.