ޚަބަރު

އިނގިރޭސިވިލާތުގެ ކެބިނެޓުގެ ބައްދަލުވުމެއްގައި ޔޫކްރެއިންގެ ޒެލެންސްކީ


އިނގިރޭސިވިލާތުގެ ކެބިނެޓުގެ ބައްދަލުވުމެއްގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ބައިވެރިވެ ވަޑައިގަންނަވައި, އެ ޤައުމުގެ އިތުރު އެހީތެރިކަމަށް އެދިވަޑައިގަންނަވައިފިއެވެ. ޤައުމެއްގެ ސަރުކާރުގެ ކެބިނެޓުގެ ބައްދަލުވުމެއްގައި އެހެން ޤައުމެއްގެ ވެރިޔަކު ބައިވެރިވުމުގެ ފުރުޞަދު ދިނުމަކީ ވަރަށް މަދުން ނޫނީ ފެނިފައި ނުވާ މަންޒަރެކެވެ. އެންމެ ފަހުން ބޭރު ޤައުމެއްގެ ވެރިއަކު އިނގިރޭސިވިލާތުގެ ކެބިނެޓުގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވާފައި ވަނީ 1997ވަނަ އަހަރުއެވެ. އެެއީ, އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަނެވެ.

އިނގިރޭސިވިލާތުގެ ކެބިނެޓުގައި ބައިވެރިވުމުގެ ފުރުޞަތު ޒެލެންސްކީއަށް އެރުވުމުން, ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިނގިރޭސިވިލާތުން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށް އެ ޤައުމުގެ އައު ބޮޑު ވަޒީރު ކީރް ސްޓާމަރ ގަބޫލު ކުރައްވައެވެ. އެ ބައްދަލުވުމުގައި ޒެލެންސްކީ ވަނީ ކެބިނެޓުގެ ވަޒީރުންނާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

"ޔޫކްރެއިން, އަދި ޔޫކްރެއިންގެ ސަރުކާރު, އަބަދު ވެސް އަޅުގަނޑުމެންގެ ހިތްތަކުގައި, އަޅުގަނޑުމެންގެ ސަރުކާރުގެ އެޖެންޑާގައި ދެމި އޮންނާނެ. ކެބިނެޓު ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވައި ތާރީޚީ ތަޤުރީރެއް ދެއްވުމަކީ ޒެލެންސްކީއަށް ލިބިވަޑައިގެންނެވި ޝަރަފެއް،" ސްޓާމަރ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ކެބިނެޓު ބައްދަލުވުމެއްގައި ޒެލެންސްކީއަށް ބައިވެރިވުމުގެ ފުރުޞަތު އަރުވާފައި މި ވަނީ, ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ބައެއް ޤައުމުތަކުގެ ވެރިންނާ އެކު ސްޓާމަރ ބޭއްވެވި ބައްދަލު ކުރެއްވުމަކަށް ފަހުއެވެ. ބްލެނެމް ގަނޑުވަރުގައި ބޭއްވި ބައްދަލުވުމުގައި ސްޓާމަރ ވަނީ ބައިނަލްއަޤުވާމީ މައިދާނުގައި އިނގިރޭސިވިލާތުން އަދާ ކުރަމުންދާ ދައުރު އިތުރަށް ފުޅާ ކުރަން މަސައްކަތް ކުރައްވަމުން ގެެންދަވާނެ ކަން އިޢުލާނު ކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ ކެބިނެޓުގެ ވަޒީރުން ޒެލެންސްކީއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވާ ކަމުގައި އިނގިރޭސި ސަރުކާރުން ބުންޏެވެ. ކެބިނެޓުގެ ވަޒީރުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވަނީ, ހުޅަނގުގެ މަދަދުވެރިން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ ދުރު-ރާސްތާގެ ހަތިޔާރުގެ ޢަދަދު އިތުރު ކުރުމަށް ގޮވައިލައްވާފައެވެ. އަދި, މި ކަމުގައި ހުޅަނގުގެ އެހެން ޤައުމުތަކަށް ބާރު އެޅުމަށް އޭނާ އިނގިރޭސިވިލާތުގެ ކެބިނެޓުގެ ވަޒީރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

"މި ވަގުތު ޖަވާބު ނުލިބި އޮތް ސުވާލުތައް ގުޅެނީ ދުރު-ރާސްތާގެ ހަތިޔާރާއި އޭގެ ގާބިލުކަމާ. [މިހާރު ފޯރު ކޮށްދީފައިވާ ދުރު-ރާސްތާ ހަތިޔާރުގެ] ގާބިލު ކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ ހޯދައިދިނުމަށް ތިޔަ ބޭފުޅުން މަސައްކަތް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރަން،" ޒެލެންސްކީ ވިދާޅުވިއެވެ.

އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ, ހުޅަނގުގެ ބާރުތަކުން ފޯރުކޮށްދެމުންދާ ދުރު-ރާސްތާ މިސައިލް ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދިނުމަށް ހުއްދަ ހޯދުމަށެވެ. މިހާރު ވެސް ބައެއް ޤައުމުތަކުން އެ ކަމަށް ހުއްދަ ދީފައިވާއިރު, ގިނަ ޤައުމުތަކުން ދެކޭ ގޮތުގައި އެ ކަމުގެ ސަބަބުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އިތުރަށް ފުޅާވުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި, އެއީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އޮތް ޙައްލެއް ނޫނެވެ.

އެމެރިކާއިން ޔޫކްރެއިނަށް ފޮނުވާ ހަތިޔާރުތައް ބޭނުން ކޮށްގެން ވަކި ހާލާތްތަކެއްގައި ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް, އެ ކަމުގައި ގިނަ ޝަރުޠުތަކެއް އެކުލެވިގެންވެއެވެ. ރަޝިޔާގެ އެއްވެސް ރަށެއްގެ އަމާޒަކަށް ޙަމަލާ ދިނުމުގެ ކުރިން އެމެރިކާގެ ހުއްދަ ހޯދަން ޖެހެއެވެ. ނޭޓޯގެ އެހެން ޤައުމުތަކުން ވެސް ޔޫކްރެއިނަށް އެ ފަދަ ޝަރުޠުތަކެއް ކޮށްފައިވެއެވެ.

ޒެލެންސްކީ އެކު ސްޓާމަރ ވަކިން ބޭއްވެވި ބައްދަލު ކުރެއްވުމުގައި ސްޓާމަރ ވަނީ ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިނގިރޭސިވިލާތުން ދެމި އޮންނާނެ ކަމުގެ ޔަގީން ކަން އަރުވާފައެވެ. އިނގިރޭސިވިލާތުގެ ދިފާޢީ ވަޒީރު ވިދާޅުވީ, ކުރީގެ ކޮންޒަރވެޓިވް ސަރުކާރުން ޔޫކްރެއިނަށް ފޯރުކޮށްދޭން ވަޢުދުވެފައިވާ ހަތިޔާރުގެ ޝިޕްމަންޓުތައް ކުރިއަށް 100 ވަރަކަށް ދުވަހުގެ ތެރޭގައި އެ ޤައުމަށް ފޮނުވާނެ ކަމުގައެވެ.