ޚަބަރު

ބަންގްލަދޭޝް މުޒާހަރާތަކާ ގުޅިގެން ލަންޑަނުގައި ވެސް ހަމަނުޖެހުން


ބަންގްލްދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ވެސް ހަމަނުޖެހުންތަކެއް ހިނގައިފިއެވެ. އިނގިރޭސިވިލާތުގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި, އެ ޤައުމަށް ހިޖުރަ ކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތުންގެ މައްޗަށް އެކުލެވޭ ގުރޫޕުތަކެއްގެ މެދުގައި ހަމަނުޖެހުންތައް ހިނގާފައި ވަނީ ލަންޑަނުގެ އިރުމަތީގައި އޮންނަ ވައިޓްޗެޕެލް ޑިސްޓްރިކްޓުގައެވެ.

މި ހަމަނުޖެހުންތަކުގައި އެތަކެއް ސަތޭކަ ބަޔަކު ބައިވެރިވި ކަމުގައި ލަންޑަނުގެ ފުލުހުން ބުންޏެވެ. އަދި, ހަމަނުޖެހުންތައް ހުއްޓުމަކަށް ގެންނަން ފުލުހުން ވަނީ ހުރަސް އަޅާފައެވެ. ވައިޓްޗެޕެލްގެ ޓަވަރ ހެމްލެޓްސް ސަރަޙައްދަކީ އެ ޤައުމަށް ހިޖުރަ ކޮށްފައިވާ ބަންގްލަދޭޝްގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދިރިއުޅޭ, އަދި އެ މީހުންގެ ވިޔަފާރިތައް ގިނަ ސަރަޙައްދެކެވެ. ވައިޓްޗެޕެލްގެ ދެ ސަރަޙައްދެއްގައި ހަމަނުޖެހުންތައް ހިންގާފައިވާ ކަމަށާއި, ބައެއް ތަންތަނުގައި ހުޅު ޖަހާފައިވާ ކަމުގައި ލަންޑަނުގެ ފުލުހުން ބުންޏެވެ.

"ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވަން އެ ޤައުމުގެ އިދާރާތަކުން ބާރުގެ ބޭނުން ކުރަމުން ދިޔުމަކީ ޓަވަރ ހެމްލެޓްސް ސަރަޙައްދުގައި ދިރިއުޅޭ ބަންގްލަދޭޝަށް ނިސްބަތްވާ ރައްޔިތުންނަށް އަސަރު ކުރާނެ ކަމެއް ކަން އަޅުގަނޑުމެން ގަބޫލު ކުރަން. ނަމަވެސް, އެ ކަމާ ގުޅުވައި [ލަންޑަނުގައި] ހަމަނުޖެހުން ހިންގައި, ސުލްޙަ މަސަލަސް ކަން ނަގައިލުމުގެ ފުރުޞަތެއް ނުދެވޭނެ،" ލަންޑަން ފުލުހުންގެ ޑިޓެކްޓިވް ޗީފް ސުޕްރިންޓެންޑެންޓް ޖޭމްސް ކޮންވޭ ވިދާޅުވިއެވެ.

ހަމަނުޖެހުންތަކުގެ ތެރެެއިން ދެ އެއްގަމު އުޅަނދަށް ގެއްލުން ދީފައިވާއިރު, ހަމަނުޖެހުންތައް ހުއްޓުވަން މަސައްކަތް ކުރި ދެ ފުލުހަކަށް އަނިޔާވި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ލަންޑަނުގައި ހިނގި ހަމަނުޖެހުންތަކުގެ ވީޑިޔޯތަކުން ފެންނަނީ ހަމަނުޖެހުންތަކުގެ ބައިވެރިން އެއްބަޔަކު އަނެއް ބަޔަކާ ދިމާލަށް ގައު ގަދަ ތަކެތި އުކާ މަންޒަރެެވެ. އަދި, ބައެއް އިމާރާތްތަކަށް ގެއްލުން ދޭން މަސައްކަތް ކުރާ މަންޒަރެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމުގެ ގޮތުން އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ކަރފިޔު އިޢުލާނު ކޮށްފައެވެ. މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ އެ ޤައުމުގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނެވެ. މުޒާހަރާތައް ރޫޅައިލަން ފުލުހުންނާއި ސިފައިން ބާރުގެ ބޭނުން ކުރުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 105އަށް އުފުލިފައެވެ.

ބަންގްލަދޭޝްގެ 64 ޑިސްޓްރިކްޓުގެ ތެރެއިން 47 ޑިސްޓްރިކްޓަކަށް މުޒާހަރާތައް ފެތުރިފައިވާއިރު, މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ޒަޚަމުވި މީހުންގެ ޢަދަދު 1,500އަށް އުފުލިފައިވާ ކަމުގައި އެ ޤައުމުގެ ނޫހެއް ކަމުގައިވާ ޕްރޮތޯމް އާލޯން ރިޕޯޓު ކުރެއެވެ.

މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން ބަންގްލަދޭޝް ސަރުކާރުން ވަނީ ކޮލެޖުތަކާއި ޔުނިވަރސިޓީތައް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދު ކޮށްފައެވެ. އަދި, މޮބައިލް އިންޓަރނެޓުގެ ޚިދުމަތްތަކާއި މުވާސަލާތީ ޚިދުމަތްތައް ކަނޑައިލާފައެވެ. ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝްގައި ޚަބަރުފަތުރާ ގިނަ ނޫސްތަކުގެ ވެބްސައިޓުންތައް ވެސް އަދާހަމަ ކުރުން ހުއްޓައިލާފައިވާ ކަން ފާހަގަ ކުރެވެއެވެ. އަދި, ހެކަރުންގެ ބަޔަކު ވަނީ, ބޮޑުވަޒީރުގެ އޮފީހާއި, މަރުކަޒީ ބޭންކުގެ އިތުރުން ފުލުހުންގެ އިދާރާގެ ވެބްސައިޓު ހެކުކޮށް, މުޒާހަރާތަކަކީ "ސަރުކާރާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެއް"ގެ ގޮތުގައި ސިފަކޮށް މެސެޖުތަކެއް ޝާއިޢު ކޮށްފައެވެ.