ވިޔަފާރި

ބީއެމްއެލްގެ އީޒީ ޕޭގެ ޚިދުމަތް އަތޮޅުތެރެއަށް ފުޅާކޮށްފި


ބޭންކް އޮފް މޯލްޑިވްސްއިން ރަމަޟާންމަހާ ދިމާކޮށް އަތޮޅުތެރޭގެ 10 ފިހާރައަކުން ބީއެމްއެލް އީޒީ ޕޭގެ ޚިދުމަތް ލިބޭގޮތް ހަމަޖައްސައި، އަތޮޅުތެރެއަށް މި ޚިދުމަތް ފުޅާކޮށްފިއެވެ.

ބީއެމްއެލް އީޒީ ޕޭ ގެ ދަށުން އަލަށް ޚިދުމަތް ދިނުމަށް ނިންމި ފިހާރަތަކަކީ، އައްޑޫ ސިޓީއާއި، ހއ. އާއި ލ އަދި ފުވައްމުލަކުގެ ފިހާރަތައް  ކަމަށް ބީ.އެމް.އެލްއިން ބުނެއެވެ. އަދި އަލަށް މި ޚިދުމަތް ދޭން ފެށި ފިހާރަތަކާއެކު ޖުމްލަ 45 ފިހާރައަކުން ކުރިއަށް އޮތް ރަމަޟާން މަހަށް ބޭނުންވާ މުހިންމު ތަކެތި މިހާރުން ފެށިގެން ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެކަމަށްވެސް އެބޭންކުން ބުނެއެވެ.

ކައިރި މުސްތަޤްބަލެއްގައި އިތުރު އަތޮޅުތަކުން މި ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށާއި، މިޚިދުމަތުގެ ދަށުން ވިޔަފާރިކުރާ ފިހާރަތަކުން ކަސްޓަމަރުންނަށް ކްރެޑިޓް ކާޑުގެ ލިމިޓާ އެއްވަރުގެ އިތުރު ކްރެޑިޓް ލިމިޓެއް ލިބޭނެކަމަށް ބީ.އެމް.އެލްއިން ބުނެއެވެ.

ބީއެމްއެލް އީޒީ ޕޭގެ ދަށުން ވިޔަފާރިކުރި ނަމަވެސް އެހެނިހެން ވިޔަފާރިކުރެއްވުމަށްވެސް މި ކްރެޑިޓް ކާޑު ލިމިޓް ކަސްޓަމަރުންނަށް ބޭނުންކުރެވޭނެކަމަށާއި، މި ޚިދުމަތް ލިބޭނީ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ގެންގުޅުއްވާ ކަސްޓަމަރުންނަށްވެސް އެބޭންކުން މައުލޫމާތުދޭއެވެ.