ޚަބަރު

ހައި އެޗީވާސް ސްކޮލަރޝިޕާއެކު މަލަކްގެ މިސްރާބް ޕައިލެޓުކަން ކިޔެވުމަށް


  • އެޑެކްސެލް އިމްތިހާނުން 5 މާއްދާއިން "އޭ" ހޯދި

  • އިސްލާމް އަދި ދިވެހިން "އޭ ސްޓަރ"

  • ޕައިލެޓްކަށް ވުމަކީ އުމުރުން 10 އަހަރުން ފެށިގެން ދެކެމުން އައި ހުވަފެނެތް

ޘާނަވީ ގްރޭޑްތަކުގައި ކިޔެވުމާއި ޚިލާފަށް މަތީ ޘާނަވީގައި ކިޔެވުމަކީ ބުރަ ދަތުރަކަށްވި ކަމެއްކަމަށް ރޭ ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު ފާތުމަތު މަލަކް އާޒިމް ބުނެއެވެ. އެހެންނަމަވެސް މަލަކުގެ އަޒުމަކަށްވީ އިތުރު ހަރަކާތްތަކުން ކޮންމެވެސް ވަރަކަށް އެކަހެރިވެ ކިޔެވުމަށް އިސްކަން ދިނުމެވެ.

ފާތުމަތު މަލަކް އާޒިމްގެ ތައުލީމީ ހަޔާތް ފެށީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްއިންނެވެ. އެއަށްފަހު އިސްކަންދަރު ސްކޫލްގައި ގްރޭޑް 4 ހަމައަށް ކިޔަވި މަލަކްވަނީ އައްޑޫ ސިޓީ ފޭދޫ ސްކޫލުންވެސް ތަޢުލީމް ހާސިލްކިށްފައެވެ. އަދި ގްރޭޑް 7 އިން ފެށިގެން އިމާދުއްދީން ސްކޫލްގައި ތަޢުލީމްހާސިލުކުރަން ފެށުމަށްފަހު ޘާނަވީ އިމްތިހާން ފުރިހަމަ ކުރީވެސް އެ ސްކޫލްއިންނެވެ. އެއަށްފަހު މަތީ ޘާނަވީ ތަޢުލީމް އޭނާ ފުރިހަމަކުރީ މިދިޔަ އަހަރު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަނުންނެވެ.

ގްރޭޑް 10 ނިންމައި އޯލެވެލް އިމްތިހާނަށް ތައްޔާރުވިއިރު ސައިންސް ސްޓްރީމްގައި ކިޔެވި ހުރިހާ މާއްދާއަކީވެސް ފަސޭހަ މާއްދާތަކެއްކަމަށް މަލަކު ބުންނެއެވެ. އޭރު މަލަކްއަށް ކިރިޔާވެސް އުނދަގޫވީ ކެމިސްޓްރީއާއި ފިޒިކްސް ދެ މާއްދާއެވެ. ނަމަވެސް އެ ދެމާއްދާއިންވެސް ޓިއުޝަން ނަގަން ފެށުމާއެކު އިތުރަށް ފަސޭހަވެގެންދިޔަކަމަށް މަލަކު ބުންޏެވެ. މިއާއެކު މަލަކް އުންމީދު ކުރީ އޭލެވެލްގައިވެސް އެ މާއްދާތައް ފަސޭހަވާނެކަމަށެވެ. ނަމަވެސް އޯލެވެލްއާ ޚިލާފަށް އޭލެވެލްގައި ކިޔެވުން ވީ ޗެލެންޖިންކަމަކަށް މަލަކް ބުންޏެވެ.

އޭލެވެލްގެ ފުރަތަމަ ދުވަސްވަރު އެ ދެމާއްދާގައި ކިޔަވައިދޭ އެއްޗެހި ފަހުމުވާން އުނދަގޫވިކަމަށް މަލަކް ބުންޏެވެ. ޓިއުޝަނާއެކު ފިޒިކްސް ފަސޭހަވިނަމަވެސް ކެމިސްޓްރީން ފާސްވީ ކިިރިޔާކަން މަލަކް ފާހަގަކުރިއެވެ. އެހެންނަމަވެސް އޭލެވެލްގެ ފައިނަލް އިމްތިޙާނުން ކެމިސްޓްރީން މަލަކް ހާސިލް ކުރީ "އޭ" ގްރޭޑެވެ.

"އަޅުގަނޑުގެ ގާތް އެކުވެރިޔާ ކޮންމެ ފިލާވަޅެއްވެސް ވަރަށް ގިނައިން ކިޔާދީގެން، އަންޑަސްޓޭންޑް ނުވަންޏާ ކޮންމެވެސް އެހެންގޮތަކުންނަމަވެސް ކިޔައިދީގެން ފަހަރަކު ފިލާވަޅެއް ދަސްކުރަމުން ދިޔައީ. އެހެންވީމަ އޯލެވެލްއަށްވުރެ އޭލެވެލް އަޅުގަނޑަށް ވަރަށް ބޮޑުތަން އުނދަގޫވި" ފާތުމަތު މަލަކް އާޒިމް ބުންޏެވެ.

އިސްލާމް މި މާއްދާއަކީ އޯލެވެލް އަދި އޭލެވެލްގައިވެސް މަލަކްއަށް އެންމެ ފަސޭހަ އަދި އެންމެ ކިޔަވާހިތުން ކިޔެވި އެއް މާއްދާއެވެ. އެއީ "އޭ ސްޓަރ" އެއް ގެނެވޭނެ ހަމައެކަނި މާއްދާއެއްގެ ގޮތުގައި ޤަބޫލުކުރި މާއްދާއެވެ. އޭލެވެލް އިމްތިހާނުން އިސްލާމް އަދި ދިވެހި މި ދެ މާއްދާއިންވެސް މަލަކް ހާސިލްކުރީ "އޭ ސްޓަރ"އެވެ. އަދި އެޑެކްސެލްގެ 5 މާއްދާއިންވެސް މަލްކް ވަނީ "އޭ" ހޯދާފައެވެ. މަލްކް ބުނީ އޭލެވެލްގައި ދިމާވި ޗެލެންޖިންގ ކަންކަމާއެކު ހައި އެޗީވަރސް ސްކޮލަރޝިޕް ލިބިދާނެކަމަށް އުއްމީދު ނުކުރާކަމަށެވެ. ނަމަވެސް މި ގްރޭޑްތަކާއެކު ހައި އެޗީވާސް ސްކޮލަރޝިޕް ލިބުމުން މަލަކް ހުރީ ނުހަނު އުފަލުންނެވެ.

މަލަކްގެ ތަޢުލީމީ ހަޔާތުގައި ލިބުނު ކާމިޔާބުގެ ފަހަތުގައި ވަނީ އޭނާގެ މަންމަ އާއި ބައްޕަގެ އެހީތެރިކަމާއި ގުރުބާނީއެވެ. އޭލެވެލްގެ އެ ބުރަ ދަތުރުގައި މަލަކް ބޭނުންވާ ގޮތަށް ކަންކަން ކޮށްދިނުމުގައި މަންމަ ހަރަކަތްތެރިވެ ކިޔެވުމަށް ފަހި މާހައުލެއް ހޯދައިދިންކަން މަލަކް ފާހަގަކުރެއެވެ. ހަމައެއާއެކު މަލަކްގެ މުދައްރިސުންނާއި އެންމެ ގާތް އެކުވެރިޔާގެ އެހީތެރިކަން މަލަކް ފަހަގަކުރިއެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕާއެކު މަލަކް ވާން ބޭނުންވަނީ ޕައިލެޓްއަކަށެވެ. މަލްކް ބުނީ ޕައިލެޓްއަކަށް ވުމަކީ އުމުރުން 10 އަހަރުން ފެށިގެން ދެކެމުން އައި ހުވަފެނެއްކަމަށާއި އެހިސާބަށް ވާޞިލްވުމަށް މަސައްކަތް ކުރާނެކަމަށްވެ.

ސެކެންޑަރީ ގްރޭޑް ތަކުގައި އުޅުނު އިރު ކިޔެވުމުގެ އިތުރުން މަލަކްއަކީ ސްކޫލްގައި ކުރިއަށްގެންދާ އިތުރު ހަރަކަތްތަކުގައި ބައިވެރިވެ ކިޔެވުމާއި އެފަދަ ހަރަކާތްތައް ބެލެންސްކޮށް އުޅުނު ކުއްޖެކެވެ. ނަމަވެސް އޭލެވެލްގައި ކިޔެވުމަށް ޚާއްސަ އިސްކަމެއް މަލަކް ދިނެވެ.