ޚަބަރު

ފަލަސްޠީނުގެ މިނިވަން ކަން ބަލައިނުގަތުމަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ނިންމައިފި


ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިނުގަތުމަށް ޒަޔަނިސްޓު އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލިސް, ކްނެސެޓުން ޤަރާރެއް ފާސް ކޮށްފިއެވެ. ހައްދުފަހަނަ އެޅި ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން މި ކަމާ މެދު ފާސްކުރި ޤަރާރަށް 68 މެންބަރުން ތާޢީދު ކޮށްފައިވާއިރު, ޤަރާރާ ދެކޮޅު ހަދާފައި ވަނީ އެންމެ ނުވަ މެންބަރުންނެވެ. އެއީ, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ފާސް ކޮށްފައިވާ ޤަރާރެކެވެ.

އެ ޤަރާރު ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައި ވަނީ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހައްދުފަހަނަ އެޅި ސިޔާސަތުތަކަށް ތާޢީދު ކުރާ ޕާޓީއާއި, އެ ފަދަ އެހެން ޕާޓީތައް ގުޅިގެންނެވެ. އެ ޤަރާރުގައި އޮތީ, ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަނެ, ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކުރުން ހުއްޓައިލައިފި ނަމަ, ޔަހޫދީންގެ ދަޢުލަތާއި ރައްޔިތުންގެ ފުރާނައަށް ނުރައްކާވާނެ ކަމުގައެވެ. އަދި, ސަރަޙައްދީ ހަމަޖެހުން ގެއްލޭނެ ކަމުގައެވެ.

އިދިކޮޅު ލީޑަރު ޔައިރް ލަޕީދްގެ ޕާޓީއަށް ނިސްބަތްވާ މެންބަރުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ. އޭނާއަކީ, ފަލަސްޠީނާއި ޔަހޫދީންގެ މިނިވަން ދެ ދަޢުލަތް ގާއިމު ކުރުމަށް ތާޢީދު ކުރާ މީހެކެވެ. ޔަހޫދީންގެ އަޅުވެތި ކަމުން ފަލަސްޠީން މިނިވަން ކުރުމާ ދެކޮޅަށް ކްނެސެޓުން ޤަރާރެއް ފާސް ކުރުމުން ފަލަސްޠީނުން ވަނީ އެ ކަމާ ނުރުހުން ފާޅު ކޮށްފައެވެ.

ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޕަލަސްޓީނިޔަން ނޭޝަނަލް އިނީޝިއެޓިވްގެ ސެކްރެޓަރީ-ޖެނެރަލް މުޞްޠަފާ އަލް-ބަރްޣޫޘީ ވިދާޅުވީ ކްނެސެޓުގެ ނިންމުން ބަލައި ނުގަނެވޭނެ ކަމުގައެވެ. "ސަރުކާރުގައި ހިމެނޭ ޒަޔަނިޒަމަށް ތާޢީދު ކުރާ ޕާޓީތަކާއި އިދިކޮޅު ޕާޓީތަކުން ވެސް ޤަރާރާ ދެކޮޅު ހަދާފައެއް ނުވޭ. މިއީ ސުލްޙައަށް ހުރަސް އަޅާ ޤަރާރެއް. އަދި, މި ޤަރާރާ އެކު އޮސްލޯ އެއްބަސްވުން އެ ވަނީ ކަފުން ކޮށްފައި،" އޭނާ ވިދާޅުވިއެވެ.

1993ވަނަ އަހަރު ފަލަސްޠީނާއި ޔަހޫދީންނާ ދެމެދު ސޮއި ކޮށްފައިވާ އޮސްލޯ އެއްބަސްވުމުގެ ދަށުން, ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިމުގައި ގާއިމު ކޮށްފައިވާ ޒަޔަނިސްޓުންގެ ދަަޢުލަތާ އިންވެގެން ފަލަސްޠީނުގެ މުސްލިމުންގެ ދަޢުލަތެއް ގާއިމު ކުރެވޭނެ މަގު ހޯދުމަށް ގޮވައިލާފައިވެއެވެ. ނަމަވެސް, ޔަހޫދީން ދަނީ އެ އެއްބަސްވުމާ ޚިލާފަށް, މުސްލިމުންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންނެވެ. އަދި, ޣައްޒާ ފުރަަބަންދު ކުރަމުންނެވެ.

ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ އޮފިޝަލެއް ކަމުގައި ޙުސައިން އަލް-ޝައިޚް ވިދާޅުވީ މި ޤަރާރާ އެކު ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ގެންގުޅޭ ނަސްލީ ތަފާތު ކުރުންތައް ހާމަވެގެން ގޮސްފައިވާ ކަމުގައެވެ. "އެއީ ބައިނަލްއަޤްވާމީ ޤާނޫނުތައް މުގުރައިލާ, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޤަރާރެއް. ޤަރާރުގެ ބޭނުމަކީ [ފަލަސްޠީނުގެ މުސްލިމުން] އަޅުވެތި ކޮށްގެން ގެންގުޅުމަށް ނިމުމެއް ނުގެނައުން،" އޭނާ ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެސް ވަނީ ކްނެސެޓުގެ ޤަރާރު ކުށްވެރި ކޮށްފައެވެ. އުރުދުންގެ ޚާރިޖީ ވުޒާރާއިން ވެސް ބުނީ, އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަދި "ވަރަށް ނުރައްކާތެރި" ޤަރާރެއް ކަމުގައެވެ. "މި ޤަރާރާ އެކު, ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކުރުން ހުއްޓައިލައި, ސަރަޙައްދީ ސުލްޙައާއި ހަމަޖެހުން ގާއިމު ކުރަން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭ،" އުދުރުންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސުފިޔާން އަލް-ޤުޟާތު ވިދާޅުވިއެވެ.

އެއީ, ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ގާއިމު ކޮށްދިނުމަށް ދެކޮޅު ހަދައި ކްނެސެޓުން ޤަރާރެއް ފާސް ކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް, މި ޤަރާރު ފާސް ކޮށްފައި މި ވަނީ, ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަންނަމުންދާ ޤައުމުތަކުގެ ޢަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި އެންމެ ފަހުން ބަލައިގަނެފައިވާ ޤައުމުތަކުގެ ތެރޭގައި ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެންބަރުން ކަމުގައިވާ ސްޕެއިނާއި, ސްލޮވީނިޔާއާއި, ނޮވޯ އަދި އަޔަލެންޑް ހިމެނެއެވެ.

ކްނެސެޓުގެ އައު ޤަރާރު ފާސް ކޮށްފައި މި ވަނީ ނަތަންޔާހޫ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގައި ތަޤުރީރެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއަކީ ޔަހުދީންގެ އެންމެ ބޮޑު މަދަދުގާރެވެ. އަދި, 2023 އޮކްޓޫބަރު 7ން ފެށިގެން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރު ކޮށްދެމުންދާ ޤައުމެވެ. ޣައްޒާގެ މުސްލިމުން ޝަހީދު ކުރަން ޔަހޫދީން ބޭނުން ކުރަމުން ދަނީ އެމެރިކާއިން މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރެވެ.

މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,848އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 89,459އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.