ޚަބަރު

ޙޫޘީންގެ ޑްރޯން ޙަމަލާއެއް ޔަހޫދީންގެ ވެރިރަށަށް


ޔަހޫދީންގެ ވެރިރަށް ތެލް އަވީވަށް ޑްރޯން ޙަމަލާއެއް ދީފިއެވެ. އެ ޙަމަލާގެ ކުރިން ތެލް އަވީވުގައި އިންޒާރުގެ ރަނގަބީލު ޖަހާފައެއް ނުވެއެވެ. އެ ކަމާ ގުޅިގެން އެ ރަށުގައި ދިރިއުޅޭ ޔަހޫދީންގެ މެދުގައި ވަނީ ކަންބޮޑުވުން އިތުރުވެފައެވެ. އެއް ސަބަބަކީ, ތެލް އަވީވަށް ދިން ޑްރޯން ޙަމަލާގެ ފަހަތުގައި ތިބި ބަޔަކު ނުވަތަ ޖަމާޢަތެއް ސާފު ނުވުމެވެ. ދެވަނަ ސަބަބަކީ, އެ ރަށަށް ޙަމަލާއެއް ދޭން އުޅޭ ކަމުގެ އެއްވެސް އިންޒާރެއް ކަމާ ގުޅޭ އިދާރާތަކުން ދީފައި ނެތުމެވެ.

ޑްރޯން ޙަމަލާ އަރާފައިވާ އިމާރާތް ކައިރީގައި ހުންނަ އެހެން އިމާރާތެއްގެ އެޕާޓްމަންޓެއްގެ ތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ނަމަވެސް, އޭނާ މަރުވީ ޑްރޯން ޙަމަލާގެ ސަބަބުން ކަން ސާފު ކޮށްދޭން ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ. ޔަހޫދީންގެ އިދާރާތަކުން ބުނީ, އެ މީހާ މަރުވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަޙުޤީޤު ކުރަމުންދާ ކަމުގައެވެ.

ތެލް އަވީވަށް ދިން ޙަމަލާގެ ފަހަތުގައި އޮތީ ކޮން ބަޔެއް ކަން ސާފު ނުވި ނަމަވެސް, ޔަމަންގައި ހަރަކާތްތެރިވާ ޙޫޘީން ވަނީ ތެލް އަވީވާ ދެކޮޅަށް އަސްކަރީ ޙަރަކާތެއް ހިންގާފައިވާނެ ކަން ހާމަ ކޮށްފައެވެ. އެ ޖަމާޢަތުގެ ތަރުޖަމާނު ޔަޙްހާ ޤާސިމް ސަރީޢު ވިދާޅުވީ, ތެލް އަވީވުގައި ހިންގާފައިވާ އަސްކަރީ ޙަރަކާތާ ގުޅޭ އިތުރު މަޢުލޫމާތު ފަހުން ހާމަ ކުރައްވާނެ ކަމުގައެވެ.

ޙޫޘީންގެ އިތުރުން ލުބްނާންގައި ހަރަކާތްތެރިވާ ޙިޒްބުالله ޖަމާޢަތުން ވެސް ޔަހޫދީންގެ ރަށްތަކާއި ޔަހޫދީ ފައުޖަށް އަމާޒުކޮށް ޙަމަލާތައް ދޭން ފަށާފައި ވަނީ, 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. އެ ޙަމަލާތަކުގެ ބޭނުމަކީ ޢުދުވާންތައް ހުއްޓައިލަން ޔަހޫދީންނަށް ބާރު އެޅުމެވެ. ޙޫޘީންނާއި ޙިޒްބުاللهގެ އިތުރުން ސޫރިޔާއާއި ޢިރާޤުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން ވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް ހަތިޔާރު އުފުލާފައެވެ.

ތެލް އަވީވަށް އަމާޒުކޮށް ޑްރޯން ޙަމަލާއެއް ދީފައި ވަނީ, ޣައްޒާ ޢުދުވާން ވަގުތުން ހުއްޓައިލަން ގޮވައިލާ ތެލް އަވީވުގެ މަގުތަކަށް ޖަމާވެ އެތަކެއް ސަތޭކަ ހާސް ޔަހޫދީން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޢުދުވާން ހުއްޓައިލުމުގެ އިތުރުން, ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިސްތިޢުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވައިލަމުންނެވެ.

މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,848އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 89,459އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.