ކުޅިވަރު

ވިލިއަމްސް ގެނައުމަށް ބާސާގެ ސަޕޯޓަރުން ޓިކްޓޮކްގައި ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފި


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވިދާލި ސްޕެއިނުގެ ވިންގް، ނިކޯ ވިލިއަމްސްގެ ސޮއި ހޯދުމުގައި ބާސެލޯނާ އަށް އެހީތެރިވެދިނުމުގެ ގޮތުން ޓިކްޓޮކްގައި ފައިސާ ހޯދައިދިނުމުގެ މަސައްކަތް އެ ކްލަބުގެ ސަޕޯޓަރުން ފަށައިފިއެވެ.

ވިލިއަމްސް، 22، ވަނީ ޔޫރޯގައި މޮޅު ކުޅުމެއްދައްކައި ސްޕެއިނުން އެ މުބާރާތް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފައެވެ. ނިމިދިޔަ ސީޒަނުގައި އޭނާގެ ކްލަބު، އެތުލެޓިކް ބިލްބާއޯގައި ވެސް ވަނީ ރަނގަޅު ކުޅުމެއްދައްކާފައެވެ.

ޔޫރޯގެ ފައިނަލް މެޗު ހިމެނޭ ގޮތަށް މުޅި މުބާރާތުގައި ދެ ލަނޑުޖަހައި، ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ވިލިއަމްސް ވަނީ ސްޕެއިނުގެ ފޯވާޑްލައިންގައި ހިމެނޭ ބާސެލޯނާގެ ލަމީން ޔަމާލް އާއެކު މުހިއްމު ޕާޓްނާޝިޕެއް ދައްކުވައިދީފައެވެ.

މިއާއެކު، ބާސެލޯނާ އިން ވެސް ކުރިއަށް އޮތް ސީޒަނަށް ވިލިއަމްސްގެ ސޮއި ހޯދުމަށް ކުރަމުންއަންނަ މަސައްކަތް ވަނީ އިހުނަށްވުރެ ބާރު ސްޕީޑެއްގައި ކުރިއަށްގެންދަން ނިންމައިފައެވެ.

ފަހަކަށްއައިސް މާލީ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ބާސެލޯނާ އަށް އެހީތެރިވުމުގެ ގޮތުން ސަޕޯޓަރުން އަންނަނީ އެކި ކަންކަން ރާވާ، ހިންގަމުންނެވެ.

ޓިކްޓޮކްގައި ބާސެލޯނާގެ ވީޑިއޯތަކުގެ ކޮމެންޓް ބައިގައި، އެންމެ ގިނަ އަދަދަކަށް މިހާރު ފެންނަނީ، "ނިކޯގެ ސޮއި ހޯދާ"، "އަހަރެމެން ނިކޯ ބޭނުން"، "ނިކޯ ވިލިއަމްސް އަށް ޓަކައި" ސަޕޯޓަރުންގެ ފަރާތުން މިފަދަ މެސެޖުތަކެވެ.

ނިމިދިޔަ ސީޒަނުގެ ލީގުގައި ދެވަނަ މަގާމަށް ހޮވުނު ބާސެލޯނާ އަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ހިސާބުން ނާކާމިޔާބީއާ ކުރިމަތިލަންޖެހުނުއިރު، ކުރިއަށް އޮތް ސީޒަނަށް މިހާތަނަށް ކުޅުންތެރިއަކު ގެނެސްފައެއްނުވެއެވެ.

ވިލިއަމްސްގެ އިތުރުން ޑަނީ އޯލްމޯގެ ސޮއި ހޯދުމަށް ބާސެލޯނާ އިން މަސައްކަތްކުރަމުން އަންނަ ކަމަށް މީޑިއާ ހަބަރުތައް ބުނެއެވެ.