ކުޅިވަރު

ރޮޖާސް އާއެކު މަސައްކަތްކުރުމަށް ޝުމައިކަލް، ސެލްޓިކް އަށް


ޑެންމާކްގެ ގޯލްކީޕަރު، ކެސްޕާ ޝުމައިކަލް، އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސްކޮޓްލެންޑްގެ ސެލްޓިކަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ޝުމައިކަލް، 37، މިވަނީ ކުރީން ލެސްޓާ ސިޓީގައި އިރުޝާދުދިން ބްރެންޑަން ރޮޖާސް އާއެކު އަނެއްކާވެސް މަސައްކަތްކުރުމުގެ ފުރުޞަތުގެ ބޭނުންހިފާފައެވެ.

ރޮޖާސް ބުނީ، ޝުމައިކަލްގެ ސަބަބުން ނުހަނު ބޮޑު އެހީތެރިކަމެއް ސެލްޓިކްގެ ކުޅުންތެރިންނަށް ލިބިގެންދާނެ ކަމަށެވެ.

"ސެލްޓިކްގެ ސްކޮޑަށް ޝުމައިކަލްގެ ފަރާތުން ޕޮޒިޓިވް މައިންޑްސެޓެއް ގެނެސްދޭނެ." ރޮޖާސް ބުންޏެވެ.

ސެލްޓިކަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ކުލަބުކަމަށާއި، އެއީ ވަރުގަދަ ނަމެއް ކަމަށް ޝުމައިކަލް ބުންޏެވެ. އެ ކްލަބުން ވަރަށް ރަނގަޅަށް ފުޓްބޯޅަ އަކީ ކޮބައިކަން ދައްކުވައިދޭ ކަމަށް ވެސް ޝުމައިކަލް ވަނީ ބުނެފައެވެ.

އަދި، އެ ޓީމުގެ ކޯޗު، ރޮޖާސް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އޭނާ އާއެކު އަނެއްކާވެސް މަސައްކަތްކުރުމަށް ކެތްމަދުވެފައިވާ ކަމަށް ޝުމައިކަލް ބުނެފައިވެއެވެ.

ލެސްޓާ އާއެކު 2016 ވަނަ އަހަރުގެ ޕްރިމިއާ ލީގާއި، 2021 ވަނަ އަހަރުގެ އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްފައިވާ ޝުމައިކަލް ވަނީ ފްރެންޗް ކްލަބު ނީސްގެ އިތުރުން ބެލްޖިއަމްގެ އެންޑަލެކްޓް އަށް ވެސް ކުޅެފައެވެ.