ޚަބަރު

ކަޅުއޮށްފުންމީގެ ނަމޫނާ އޮޑި ސިޓީ ޕާކަށް ބަދަލުކޮށްފި


މިނިވަން ފަންސާހަށް ޚާއްޞަކުރައްވައިގެން، ކަޅުއޮށްފުންމީގެ ނަމޫނާއަށް ބަނދެފައިވާ އޮޑި ސިޓީ ޕާކަށް ބަދަލުކުރައްވައިފިއެވެ.

މި އޮޑި އިއްޔެގެ ވަގުތެއްގައި މާލެ ގެންނެވުމަށްފަހު އެމްއެންޑީގެ ވެހިކަލެއްގައި މި އޮޑި ސިޓީ ޕާކަށް ބަދަލުކުރެއްވީ ރޭގެ ވަގުތެއްގައެވެ. ކުރިން މި އޮޑި ބާއްވަވާނެ ތަނެއްގެ ގޮތުގައި ސަރުކާރުން ވިދާޅުވެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކުރެވޭ ކަލްޗަރަލް ވިލެޖެވެ.

ކަޅުއޮށްފުންމި ސިޓީ ޕާކަށް ރޭ ބަދަލުކުރައްވާފައިވާއިރު، ސިޓީ ޕާކް ތަރައްޤީކުރެއްވުމުގެ މަސައްކަތްކުރެއްވުމަށްޓަކައި މިހާރު ޕާކް ވަށައިގެން ވަނީ ފެންސް ޖަހާ ބަންދުކުރައްވާފައެވެ. އަދި ޕާކް ސާފްކުރުމުގެ މަސައްކަތްތައްވެސް ކުރިޔަށްދާއިރު، ކުރިން ސަލްޓަން ޕާކްކުގައި، ބަހައްޓަވާފައި ހުރި ލެޑްބޮކި ގަސްތައްވެސް މިހާރު ސިޓީ ޕާކަށް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ.