ޚަބަރު

އާލާސްކަންފުޅަކާ ގުޅިގެން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ހަސްފަތާލުގައި އެޑްމިޓުކޮށްފި


އާލާސްކަންފުޅަކާ ގުޅިގެން މެލޭޝިޔާގެ ބޮޑުވަޒީރު މަހާތީރް މުޙައްމަދު ހަސްފަތާލުގައި އެޑްމިޓު ކޮށްފިއެވެ. އުމުރުން 99 އަހަރުގެ މަހާތީރް ހަސްފަތާލުގައި އެޑްމިޓު ކޮށްފައި ވަނީ އާދަޔާ ޚިލާފަށް ގިނައިން ކެއްސާތީ ކަމުގައި އޭނާގެ ތަރުޖަމާނު ހާމަކުރިއެވެ. ބޮޑުވަޒީރު ކަމުގެ މަޤާމުގައި މަހާތީރް ދެ ދައުރު ފުރިހަމަ ކުރައްވާފައިވެއެވެ.

މަހާތީރް އެޑްމިޓު ކޮށްގެން ފަރުވާދެމުން ދަނީ ނޭޝަނަލް ހާޓް އިންސްޓިޓިއުޓްގައެވެ. އޭނާގެ އޮފީހުން ބުނީ, ފަރުވާއަށް ދޭއް ނުވަތަ ތިން ދުވަހު އޭނާ ހަސްފަތާލުގައި އެޑްމިޓު ކޮށްފައި އޮންނާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމުގައެވެ. މަހާތީރަށް ކުރިމަތިވެފައިވާ އާލާސްކަންފުޅާ ގުޅޭ އިތުރު މަޢުލޫމާތު އޭނާގެ އޮފީހުން ހާމަ ކޮށްފައެއް ނުވެއެވެ.

މަހާތީރަކީ ހިތުގެ ބައްޔަކަށް ވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅެކެވެ. ޖަނަވަރީ މަހު ވެސް އިންފެކްޝަނެއް ކުރިމަތިވެގެން މަހާތީރް އެޑްމިޓުކޮށް ފަރުވާ ދީފައިވެއެވެ. އޭނާ ހަސްފަތާލުން ދޫކޮށްލާފައި ވަނީ ތިން މަސް ދުވަސް ފަހުންނެވެ. މެލޭޝިޔާގެ ބޮޑުވަޒީރު ކަމުގެ މަޤާމުގައި އޭނާ 22 އަހަރުގެ ދިގު މުއްދަތެއް ހޭދަ ކުރައްވާފައިވާއިރު, ވެރިކަމުން ވަކިވެ ވަޑައިގަންނަވާފައި ވަނީ 2003ވަނަ އަހަރު, ވެރިކަމުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހުއެވެ.

އެއަށްފަހު 2018ވަނަ އަހަރު އޭނާގެ ޕާޓީން އިންތިޚާބު ކާމިޔާބު ކުރުމާ އެކު އޭނާ ބޮޑުވަޒީރު ކަމުގެ މަޤާމުގެ އިތުރު ދައުރަކާ ހަވާލުވެ ވަޑައިގެންނެވިއެވެ. އެއިރު އޭނާގެ އުމުރުފުޅަކީ 92އެކެވެ. ނަމަވެސް, ސަރުކާރާއި ޕާޓީގެ ތެރޭގައި ހިނގި ދެބަސްވުންތަކެއްގެ ސަބަބުން ދެ އަހަރަށް ފަހު އެ ސަރުކާރު ވަނީ ވެއްޓިފައެވެ.