ޚަބަރު

އޮމާން ކައިރިން ކަނޑުވި ބޯޓަކުން ނުވަ ފަޅުވެރިން ސަލާމަތްކޮށްފި


އޮމާން ކައިރިން ދަތުރު ކުރަމުން ދަނިކޮށް ކަނޑުވި ތެޔޮ އުފުލާ ޓޭންކަރެއްގައި ތިބި 16 ފަޅުވެރިންގެ ތެރެއިން ނުވަ މީހުން ސަލާމަތް ކޮށްފިއެވެ. އެ އުޅަނދުން ކަނޑުވި ފަޅުވެރިންގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. ކޮމޮރޯސްގެ ދިދަ ޖަހައިގެން ދަތުރު ކުރާ އުޅަނދު ކަނޑުވި ހާދިސާގައި ގެއްލުނު އިތުރު ފަޅުވެރިން ހޯދުމަށް އޮމާނާއި އިންޑިޔާގެ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޕްރެސްޓީޖް ފެލްކަންގެ ނަން ދީފައިވާ 117-މީޓަރުގެ ތެޔޮ ޓޭންކަރު ކަނޑުވެފައި ވަނީ ޔަމަންގެ ޢަދަން ބަނދަރަށް ދަތުރު ކުރަމުން ދަނިކޮށް އޮމާންގެ އަލް-ދަޤަމް ބަނދަރު ކައިރިންނެވެ. އޭގައި ތިބި ފަޅުވެރިންގެ ތެރެއިން ބައެއް މީހުން ސަލާމަތް ކުރެވިފައި ވަނީ ހާދިސާ ހިނގިތާ ދެ ދުވަސް ފަހުންނެވެ.

އެ ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި ފަޅުވެރިންގެ ތެރޭގައި ހިމެނެނީ އިންޑިޔާގެ 13 ރައްޔިތުންނާއި, ސްރީލަންކާގެ ތިން ފަޅުވެރިންނެވެ. ޕްރެސްޓީޖް ފެލްކަން ކަނޑުވާން މެދުވެރިވި ސަބަބު އަދި ސާފެއް ނޫނެވެ. "އެ ބޯޓުގައި ތިބި ފަޅުވެރިންގެ ތެރެއިން 10 މީހުން ވަނީ ފެނިފައި. އޭގެ ތެރެއިން އެކަކު އޮތީ މަރުވެފައި،" އޮމާންގެ ކަނޑުމަތީގެ ސަލާމަތާ ބެހޭ އިދާރާއިން ހާމަކުރިއެވެ.

ސަލާމަތް ކުރެވިފައިވާ ފަޅުވެރިންގެ ތެރޭގައި ހިމެނެނީ އިންޑިޔާގެ އަށް ރައްޔިތުންނާއި ސްރީލަންކާގެ އެއް ފަޅުވެރިއެއް ކަމުގައި އިންޑިޔާގެ ކަނޑުގެ ސިފައިން ބުނެފައިވެއެވެ. "ކަނޑުވި ފަޅުވެރިން ހޯދަން އިންޑިޔާއާއި އޮމާންގެ ކަނޑުގެ ސިފައިން ދަނީ މަސައްކަތް ކުރަމުން. ނަމަވެސް, އެ ހާދިސާ ހިނގި ސަރަޙައްދުގެ މޫސުން ގޯސްވުމާ ގުޅިގެން އެ މަސައްކަތަކަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި،" އިންޑިޔާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނަކު ބުންޏެވެ.