ޚަބަރު

ރެއާލުން މޮޑްރިޗްގެ އެއްބަސްވުން އިތުރު އެއް އަހަރަށް އައުކޮށްފި


ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު، ލޫކަ މޮޑްރިޗްގެ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އައުކޮށްފިއެވެ.

މޮޑްރިޗް، 38، ގެ ކޮންޓްރެކްޓް ރެއާލުން އައުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިއާއެކު، ކުރިއަށް އޮތް ސީޒަން ވެގެންދާނީ މޮޑްރިޗް އެ ކްލަބުގައި ހޭދަކުރާ 13 ވަނަ ސީޒަނަށެވެ.

2012 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވެ، މިދިޔަ 12 ވަރަކަށް ސީޒަނުގެ ތެރޭގައި މޮޑްރިޗް ވަނީ އެ ކްލަބުގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑެއްގެ ޝަރަފު ހޯދާފައިކަމަށް ރެއާލުން ބުނެފައިވެއެވެ.

އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދީ ރެއާލްގެ އެއްކެޕްޓަނުގެ ގޮތުގައި އައްޔަންކޮށްފައިވާ މޮޑްރިޗަށް ނިމިދިޔަ ސީޒަނުގައި ގަވާއިދުން ކުޅުމުގެ ފުރުޞަތު ލިބިފައިނުވީނަމަވެސް، ކުރީން އެ ޓީމަށް ކުޅުނު ޖަރުމަނުގެ މިޑްފީލްޑަރު، ޓޮނީ ކްރޫސް ފުޓްބޯޅައިން ރިޓަޔާކޮށްފައިވުމުން ކުރިއަށް އޮތް ސީޒަނުގައި މޮޑްރިޗްގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ.

މޮޑްރިޗް ވަނީ މިހާތަނަށް އައިއިރު ރެއާލްއާއެކު 26 ތަށްޓެއް ކާމިޔާބުކޮށް، އެ ކްލަބުގެ ތާރީޚުން ޖާގަ ހޯދައިފައެވެ. މި ރެކޯޑް އޮތީ މޮޑްރިޗްގެ އިތުރުން ސްޕެއިނުގެ ޑިފެންޑަރު، ނަޗޯ ފެނާންޑޭޒް އަތުގައެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ޖުމްލަ ހަ ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު އަދި ހަތަރު ފަހަރު ސްޕެނިޝް ލީގު ޓްރޮފީ އުފުލާލައިފައެވެ.

2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަނަރަޕް މަގާމު ކްރޮއޭޝިއާ އަށް ހޯދައިދިނުމަށްފަހު މޮޑްރިޗް ވަނީ ބެލޮންޑިއޯ އާއި ފީފާ ޕްލެއާ އޮފް ދަ އިޔާ އެވޯޑްގެ އިތުރުން ޔުއެފާ ޕްލެޔާ އޮފް ދި އިޔާގެ މަގާމު އެ އަހަރު ހޯދާފައެވެ.

މޮޑްރިޗްގެ ކްލަބު ކެރިއަރުގައި ރެއާލަށް މިހާތަނަށް ކުޅެދިން 534 މެޗުގައި 39 ލަނޑުޖަހާފައިވާއިރު، ކްރޮއޭޝިއާ އަށް 178 މެޗު ހަމަކޮށް، އޭނާ އަކީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާ އެވެ.