ކުޅިވަރު

ފްރާންސް ކުޅުންތެރިންނާ ދިމާކޮށްލި މައްސަލައިގައި މެސީ މަޢާފަށް އެދުމަށް ބުނެފި


ފްރާންސް ކުޅުންތެރިންނާ ނަސްލީގޮތުން ދިމާކޮށްލި މައްސަލައިގައި އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ މަޢާފަށް އެދެންޖެހޭނެ ކަމަށް އެ ގައުމުގެ ސަރުކާރުގެ އޮފިޝަލަކު ބުނެފިއެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމަށްފަހު، އާޖެންޓީނާގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭޒް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައި ފްރާންސަށް ނިސްބަތްވާ އެފްރިކާ ނަސްލުގެ ކުޅުންތެރިންނާ ދިމާކޮށްލާފައެވެ.

މިކަމާ ގުޅިގެން ފްރާންސުން ވަނީ މި މައްސަލަ ފީފާ އަށް ހުށަހަޅައިފައެވެ. އަދި، އެންޒޯ ކުޅެމުން އަންނަ ކްލަބު ޗެލްސީ އިން ވެސް ވަނީ އެ މައްސަލަ ކުށްވެރިކޮށް ބަލަމުންދާ ކަމަށް ބުނެފައެވެ.

އާޖެންޓީނާގެ ސްޕޯޓްސް ސަބް-ސެކެޓްރީ، ހޫލިއޯ ގަރޯ ބުނީ، މި މައްސަލައިގައި އެ ގައުމުގެ ޓީމުގެ ކެޕްޓަން، މެސީގެ އިތުރުން ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް، ކްލައުޑިއޯ ޓާޕިއާ ވެސް މަޢާފަށް އެދެން ޖެހޭނެ ކަމަށެވެ.

މިހާތަނަށް ފެންނަ ފެނުމުގައި އެ ވީޑިއޯގައި މެސީގެ ބައިވެރިވުން އޮތްކަން ކަށަވަރުވެފައިނުވީނަމަވެސް ގަރޯ ވަނީ އެކަމަށް މެސީ މަޢާފަށް އެދެންޖެހޭނެ ކަމަށް ބުނެފައެވެ.
"ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، އެކަމަށް މަޢާފަށް އެދެންޖެހޭނެ. ހަމައެގޮތަށް އާޖެންޓީނާ އެފްއޭގެ ރައީސް ވެސް މަޢާފަށް އެދެންޖެހޭ." ރޭޑިއޯ މެދުވެރިކޮށް ދިން ބަޔާނުގައި ގަރޯ ބުނެފައިވެއެވެ.

ގަރޯ ބުނީ، އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށާއި، އެ މައްސަލައިގެ ސަބަބުން ފަޚުރުވެރި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ އާޖެންޓީނާ ނުބައި ހާލަތަކަށް ވައްޓާލެވިފައިވާ ކަމަށެވެ.
އާޖެންޓީނާ އިން 1-0 ގެ ނަތީޖާއަކުން ކޮލަމްބިއާ ބަލިކޮށް، އެންމެ ފަހުގެ ކޮޕާ އެމެރިކާ ކާމިޔާބުކުރުމަށްފަހު ބޭއްވި އުފާ ފާޅުކުރުންތަކުގެ ތެރޭގައި އެންޒޯ އިސްވެހުރެ، ބައެއް ކުޅުންތެރިން ކިޔާފައިވާ ލަވައެއްގެ ތެރެއިން ފްރާންސް ކުޅުންތެރިންނާ ދިމާކޮށްލުމުގެ އިބާރާތްތަކެއް ވަނީ ބޭނުންކޮށްފައެވެ.

ޗެލްސީ އިން މި މައްސަލަ ކުށްވެރިކޮށްފައިވަނީ، އެންޒޯ އާއެކު އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު، ވެސްލީ ފޮފާނާ، އެއީ ހުއްދަވެގެންނުވާ، ނަސްލީ ގޮތުން ތަފާތުކުރުން ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އެ ވީޑިއޯ ޕޯސްޓްކުރުމުންނެވެ. ފޮފާނާގެ އިތުރުން އެފްރިކާ ނަސްލަށް ނިސްބަތްވާ ފްރާންސްގެ އެތައް ކުޅުންތެރިންނެއް ޗެލްސީގައި އެބަތިއްބެވެ.

އެ މައްސަލައިގައި އެންޒޯ ވަނީ ފަހުން މަޢާފަށް އެދިފައެވެ. އިންސްޓަގްރާމްގައި އޭނާ ކުރި ޕޯސްޓްގައިވަނީ، އެ ވީޑިއޯ އިން ފެނިގެންދަނީ އޭނާގެ ގަބޫލުކުރުންތަކާއި ސިފަތަކެއް ނޫން ކަމަށާއި، އެކަމަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭ ކަމަށް ބުނެފައެވެ.

މިހާތަނަށްއައިއިރު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން މި މައްސަލައާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައިނުވީނަމަވެސް އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން އެ މައްސަލަ ބަލާ ގޮތާމެދު ހިތްހަމަނުޖެހިއްޖެނަމަ އެ އިދާރާ އިން ފިޔަވަޅު އެޅުން އެކަށީގެންވެއެވެ.