ޚަބަރު

ބާސާގައި ޔަމާލް ދެން ބޭނުންކުރާނީ، މެސީގެ 19 ނަންބަރު ޖާޒީ!


ސްޕެއިނުގެ ތަރި، ލަމީން ޔަމާލް ކުރިއަށް އޮތް ސީޒަނުގައި އޭނާގެ ކްލަބު ބާސެލޯނާގައި ބޭނުންކުރާނީ، އެ ޓީމުގެ ލެޖެންޑް، ލިއޮނަލް މެސީ ވެސް ބޭނުންކުރި 19 ނަންބަރު ޖާޒީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޔަމާލް، 17، ވަނީ ބާސާގެ ޔޫތު އެކަޑެމީގެ އެކި އުމުރުފުރާތަކުގެ ޓީމުތަކުން ކުރިއެރުންތައް ހޯދައި، މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި އުމުރުން އެންމެ 15 އަހަރުގައި އެ ކްލަބުގެ ސީނިއާ ޓީމަށް މެޗެއް ކުޅެދީފައެވެ.

އުމުރުން ހަގު ނަމަވެސް، ޔަމާލް އަކީ މިހާރު ބާސެލޯނާގެ އިތުރުން ސްޕެއިނުގެ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.

އޭނާގެ ކްލަބު ކެރިއަރުގައި މިހާތަނަށްއައިއިރު ބޭނުންކުރަމުންއައީ 27 ނަންބަރު ޖާޒީ އެވެ. ނިމިދިޔަ ސީޒަނުގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް، ޔަމާލް ދެން ބޭނުންކުރުމަށް ހަމަޖެހިފައިވާ 19 ނަންބަރު ޖާޒީ އަކީ ބާސެލޯނާގެ ތާރީޚު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ، މެސީ، 2005 އިން 2008 ގެ ނިޔަލަށް ބޭނުންކުރި ޖާޒީ ނަންބަރެވެ.

އޭގެފަހުން، އާޖެންޓީނާގެ ލެޖެންޑް، ސާޖިއޯ އަގުއޭރޯ ވެސް އެ ނަންބަރު ބޭނުންކޮށްފައިވާއިރު، 1998-99 ވަނަ އަހަރުގެ ސީޒަނުގައި ނެދަލެންޑްސްގެ ލެޖެންޑް، ޕެޓްރިކް ކްލައިވަޓް ވެސް ވަނީ 19 ނަންބަރު ޖާޒީ ލާފައެވެ.

ކުރިން ބެލެވިފައި އޮތީ، ޔަމާލް ބޭނުންކުރާނީ ބާސެލޯނާގައި މެސީ އެންމެ ފަހުން ބޭނުންކުރި 10 ނަންބަރު ޖާޒީ ކަމަށެވެ. އެހެންނަމަވެސް، ނިމިދިޔަ ސީޒަނުގައި ލޯން އުސޫލުން ބްރައިޓަން ހޯވް އެންޑް އެލްބިއަން އަށް ކުޅުނު އަންސޫ ފާޓީ އެނބުރި ބާސެލޯނާއާ ގުޅުމަށް ހަމަޖެހިފައިވާތީވެ، އަލުން އެ ޖާޒީ ނަންބަރު ބޭނުންކުރާނީ ފާޓީ އެވެ.

ޔަމާލް ވަނީ މިހާތަނަށް ބާސެލޯނާގެ ޖާޒީގައި 51 މެޗު ކުޅެ، ހަތް ލަނޑުޖަހައިދީ އިތުރު 10 ގޯލްޖެހުމަށް އެހީތެރިވެދީފައެވެ. އަދި އޭނާ ވަނީ މިހާތަނަށް ސްޕެއިނަށް 14 މެޗު ކުޅެދީފައެވެ. އޭގެތެރެއިން، ހަތް މެޗު ކުޅުނީ ނިމިދިޔަ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައެވެ.

އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ފްރާންސް އަތުން ސްޕެއިން މޮޅުވި މެޗުގައި ޔަމާލް ލަނޑެއްޖަހައިފައިވާއިރު، ޔޫރޯގެ އެންމެ ރީތި ގޯލަށް ހޮވުނީ ވެސް މި ލަނޑެވެ.

މީގެއިތުރުން، ފައިނަލް މެޗުގައި އިންގްލެންޑް އަތުން 1-2 އިން ސްޕެއިން މޮޅުވިއިރު، އެ މެޗުގެ ފުރަތަމަ ލަނޑުޖެހުމަށް އެ ޓީމަށް އެހީތެރިވެދިނީ ވެސް މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޔަމާލް އެވެ.