ޚަބަރު

ބެންގކޮކުގެ ހޮޓަލެއްގައި ހަ ފަތުރުވެރިން މަރައިލީ ޒަހަރު ދީގެން


ތައިލެންޑުގެ ވެރިރަށް ބެންގކޮކުގައި ހުންނަ މަޝްހޫރު ހޮޓަލެއްގެ ތެރޭގައި ހަ ފަތުރުވެރިން މަރައިލާފައި ވަނީ ޒަހަރު ދީގެން ކަން, މި ހާދިސާ ތަޙުޤީޤު ކުރަމުންދާ ފުލުހުން ހާމަކޮށްފިއެވެ. މަރުވެފައިވާ ހަ ފަތުރުވެރިންގެ ހަށިތައް ފެނިފައި ވަނީ ބެންގކޮކުގައި ހުންނަ ލަގްޜަރީ ހޮޓަލެއް ކަމުގައިވާ ގްރޭންޑް ހަޔަޓް އަރަވާން ހޮޓަލުގެ ކޮޓަރިއެއްގެ ތެރެއިންނެވެ. އެ ހަ މީހުންނަކީ ވިއެޓްނާމަށް ނިސްބަތްވާ ބައެކެވެ.

ބެންގކޮކުގެ ފުލުހުން ބުނީ, ހަ މީހުން ވެސް މަރުވެފައި ވަނީ ނުރައްކާތެރި ޒަހަރެއް ކަމުގައިވާ 'ސަޔަނައިޑް'ގެ ސަބަބުން ކަމުގައެވެ. ތަޙުޤީޤަށް ހާމަވެފައިވާ މަޢުލޫމާތު ހިއްސާ ކުރަމުން ބެންގކޮކުގެ ފުލުހުން ބުނީ, މަރުވެފައިވާ ފަތުރުވެރިންނަށް ޒަހަރު ދިނުމުގެ ފަހަތުގައި ހުރި އޭގެ ތެރެއިން އެކަކު ކަމަށް ބެލެވޭ ކަމުގައެވެ. މި ހާދިސާގައި އޭނާ ވެސް މަރުވެފައިވާ ކަމުގައި ފުލުހުން ބުންޏެވެ.

މަރުވި މީހުންގެ އޮޓޮޕްސީ ރިޕޯޓާ ހަވާލާދީ ފުލުހުންނާއި ހަސްފަތާލުގެ އޮފިޝަލުން ބުނީ, އެ މީހުންގެ ހަށިގަނޑުން ސަޔަނައިޑްގެ އަސަރު ފެނިފައިވާ ކަމުގައެވެ. އަދި, އެ މީހުންގެ ހަށިތައް ފެނުނު ކޮޓަރީގައި ހުރި ތަށިތަކާއި ސައި ޖަގަކުން ވެސް އެ ވިހައިގެ އަސަރު ފެނުނު ކަމުގައެވެ. "އެ އެންމެން ވެސް މަރުވީ ސަޔަނައިޑް ވިހައިގެ ސަބަބުން ކަން ވަނީ ކަށަވަރު ކުރެވިފައި،" ބެންގކޮކްގެ ޗުލާލުންކޯން ހަސްފަތާލުގެ އިސް އޮފިޝަލެއް ކަމުގައިވާ ކޯންކިއަޓް ވޮންގްޕައިސާންސީން ވިދާޅުވިއެވެ.

މަރުވެފައިވާ ހަ ފަތުރުވެރިންގެ ޢާއިލާގެ މެންބަރުން ފުލުހުންނަށް މަޢުލޫމާތު ދެމުން ބުނެފައި ވަނީ, އެ އެންމެންނަކީ ވެސް އިންވެސްޓްމެންޓަކަށް ފައިސާ ޚަރަދުކޮށްފައިވާ ބަޔެއް ކަމަށާއި, އެ އިންވެސްޓްމެންޓް ނާކާމިޔާބުވެ ދަރަނިވެރިވުމާ ގުޅިގެން އެ މީހުންގެ މެދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ކަމުގައެވެ. އެ މީހުން ސަޔަނައިޑް ޒަހަރު ހޯދި ގޮތެއް ދެނެގަތުމަށް އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމުގައި ބެންގކޮކްގެ ފުލުހުން ބުންޏެވެ.

މަރުވެފައިވާ ހަ ފަތުރުވެރިންގެ ތެރެއިން ދެ މީހަކީ އެމެރިކާގެ ޕާސްޕޯޓް އޮތް ދެ މީހުންނެވެ. އެ މީހުންގެ މަރުތައް ތަޙުޤީޤު ކުރުމުގައި އެމެރިކާގެ ތަޙުޤީޤީ އިދާރާ, ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު, އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ މި ހާދިސާގެ ތަޙުޤީޤުގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމުގައެވެ. ވިއެޓްނާމްގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ, މަރުވި މީހުންގެ ތެރޭގައި އެ ޤައުމުގެ ހަތަރު މީހުން ހިމެނޭ ކަން ކަށަވަރު ކޮށްދީފައެވެ.

ބެންގކޮކުގައި ހުންނަ ގްރޭންޑް ހަޔަޓް އެރަވާނަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު 350 ކޮޓަރީގެ މަތީ ފެންވަރުގެ ހޮޓަލެކެވެ. އެ ހޮޓާ ހުންނަނީ ފިހާރަބަރިތައް ގިނަ ސަރަޙައްދެއްގައެވެ. ފަތުރުވެރި ކަމަކީ ތައިލެންޑުގެ އިޤުތިޞާދީ އެންމެ މައި އެއް ސިނާޢަތެވެ. ދެކުނު އިރުމަތީ އޭޝިޔާގައި ދެވަނައަށް އެންމެ ބޮޑު އިޤުތިޞާދު އޮތް ތައިލެންޑުން އެ އަހަރުގެ ތެރޭގައި 35 މިލިޔަން ފަތުރުވެރިން އެ ޤައުމަށް ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކުރެއެވެ.

ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް ބެންކޮކުގައި ބަޑި ޖެހުމުގެ ނުރައްކާތެރި ހާދިސާއެއް ހިނގިއެވެ. ހަޔަޓް ހޮޓާ ހުންނަ ސަރަޙައްދުގައި ހުރި ފިހާރަބަރިއެއްގައި ދިން ބަޑީގެ ޙަމަލާތަކުގައި ދެ ފަތުރުވެރިން މަރުވިއެވެ. އެ ހާދިސާއާ ގުޅިގެން ބެންކޮކުގައި ފަތުރުވެރިން ޢާންމުކޮށް ދަތުރު ކުރާ ހިސާބުތަކުގައި ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކޮށްފައިވެއެވެ.