ޚަބަރު

މުޒާހަރާތައް ހުއްޓުވަން ބަންގްލަދޭޝްގެ ކޮލެޖުތަކާއި ޔުނިވަރސިޓީތައް ބަންދުކޮށްފި


ބަންގްލްދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ސިޔާސަތުތަކާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމުގެ ނަމުގައި އެ ޤައުމުގެ ހުރިހާ ކޮލެޖުތަކާއި ޔުނިވަރސިޓީތައް ބަންދު ކޮށްފިއެވެ. ބަންގްލަދޭޝްގެ ސަރުކާރުން ބުނީ, ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ތެރެއިން ސަރުކާރުން ހިންގާ ތަންތަނާއި އަމިއްލަ ފަރާތްތަކުން ހިންގާ ތަންތަން ވެސް އެއްވެސް މުއްދަތެއް ނެތް ގޮތަށް ބަންދު ކޮށްފައިވާ ކަމުގައެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރާ ދަރިވަރުންނެވެ. މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތައް ބަންދު ކުރަން ބަންގްލަދޭޝްގެ ސަރުކާރުން ނިންމާފައިވާއިރު, މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން ހަ މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ވެސް ގިނައީ ދަރިވަރުންނެވެ. އަދި, މުޒާހަރާގެ ބައިވެރިންނާއި, ޢާންމުންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ޒަޚަމުވި މީހުންގެ ޢަދަދު ވަނީ 100އަށްވުރެ މައްޗަށް އުފުލިފައެވެ.

"އަޅުގަނޑުމެން މި ވަގުތު ދިރިއުޅެމުން މި ދަނީ ބިރުވެރި ކަމެއްގެ ތެރޭގައި. [ދާކާ ޔުނިވަރސިޓީގެ] ޑޯމިޓަރީގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ދަރިވަރުން ވަނީ އެ ތަން ދޫކޮށް ގޮސްފައި. [ވެރިކަން ކުރާ ޕާޓީއަށް ތާޢީދުކުރާ] ދަރިވަރުން ދަނީ މުޒާހަރާތަކުގައި ބައިވެރިވާ ދަރިވަރުންނަށް ޙަމަލާ ދެމުން،" ދާކާ ޔުނިވަރސިޓީގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ އަންހެން ދަރިވަރަކު ބުންޏެވެ.

ބަންގްލަދޭޝްގެ ވެރިރަށް ދާކާގެ އިތުރުން އެހެން ސަރަޙައްދުތަކުގައި ކުރަމުންދާ މުޒާހަރާތައް ރޫޅައިލަން ފުލުހުން ދަނީ ރަބަރު ވަޒަނާއި ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުން ކުރަމުންނެވެ. މުޒާހަރާތަކަށް ހުރަސް އަޅަން ރަޔަޓް ފުލުހުންގެ އިތުރުން ބަންގްލަދޭޝްގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ވަނީ ހަމަނުޖެހުންތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

"ސުލްޙަވެރި މުޒާހަރާތައް ކުރަމުންދާ މީހުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރުކޮށް, ޒަޚަމުވެފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ވަގުތުން ހަމަޖައްސަން ބަންގްލަދޭޝްގެ ސަރުކާރަށް ގޮވައިލަން،" މުޒާހަރާތައް ރޫޅައިލަން ބާރުގެ ބޭނުން ކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްނެސްޓީ އިންޓަރނޭޝަނަލުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މުޒާހަރާތައް ހުއްޓުވުމުގެ ނަމުގައި ފުލުހުން ވަނީ ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީ, ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ މައި އޮފީހަށް ވެސް ރޭޑު ޖަހާފައެވެ. އަދި, މުޒާހަރާތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި ހަތް މީހުން ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ދަރިވަރެއް ވެސް ހިމެނެއެވެ.

ބަންގްލަދޭޝް ފުލުހުންގެ ތަޙުޤީޤީ އިދާރާގެ އިސް އޮފިސަރެއް ކަމުގައިވާ ހާރޫން އޯރް ރަޝީދު ވިދާޅުވީ, ބީއެންޕީގެ އޮފީހުން ގިނަ ޢަދަދެއްގެ ބޮމާއި ޕެޓްރޯލް އަޅާފައިވާ ފުޅިތަކެއް ފެނިފައިވާ ކަމުގައެވެ. އަދި, އެ ތަކެއްޗަކީ ފުލުހުންނާއި ޢާންމުންގެ މުދަލަށް ޙަމަލާދީ, ގެއްލުން ދޭން ބޭނުން ކުރުމަށް ތައްޔާރު ކޮށްފައިވާ ހަތިޔާރުތަކެއް ކަމުގައި އޭނާ ސިފަ ކުރެއްވިއެވެ. ބީއެންޕީ އޮފީސް ކައިރީގައި އޮތް ބަހެއްގައި މުޒާހަރާގެ ބައިވެރިން ހުޅު ޖަހާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރާ ކޯޓާ ނިޒާމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައި ވަނީ, ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށް އެ ޤައުމުގެ ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އެ ނިިންމުމާ އެކު, ސަރުކާރު ވަޒީފާތަކުގެ ތެރެއިން ވަކި ބަޔަކަށް ޚާއްޞަ ކޮށްފައިވާ ވަޒީފާތަކުގެ ނިސްބަތް 50 އިންސައްތައަށް ވުރެ އިތުރުވިއެވެ. ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން އެ އަމުރު ބާޠިލު ކުރި ނަމަވެސް މުޒާހަރާތަކަށް ނިމުމެއް ގެނެސްފައެއް ނުވެއެވެ.

އެއީ, ޖަނަވަރީ މަހު ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކުރައްވައި ޝައިޚް ޙަސީނާ ބޮޑުވަޒީރު ކަމުގެ މަޤާމުގެ ހަތަރު ވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ފަހުން އޭނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތަކެއް ފަށާފައިވާ ފުރަތަމަ ފަހަރެވެ. ޙަސީނާގެ އަވާލީ ލީގް ޕާޓީއަށް ތާޢީދު ކުރާ ޢާންމު މެންބަރުން ވެސް ދަނީ މުޒާހަރާތަކުގެ ބައިވެރިންނަށް ހުރަސް އަޅަން މަަސައްކަތް ކުރަމުންނެވެ. މުޒާހަރާތައް ހަމަނުޖެހުން ގަނޑަކަށް ބަދަލުވެފައި ވަނީ އެ ސަބަބާ ގުޅިގެންނެވެ.