ވިޔަފާރި

ސެންތްރޯ ޝޮޕިންގ މޯލް އަންނަ ޖުލައިމަހު ހުޅުވޭނެ - އެޗްޑީސީ


ހުޅުމާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ފުރަތަމަ ސެންތްރޯ ޝޮޕިންގ މޯލް މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ހުޅުވޭނެކަމަށް ލަފާކުރެވޭ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީ އިން ހާމަކޮށްފިއެވެ.

އެޗް.ޑީ.ސީއިން ބުނީ، މިޝޮޕިންގ މޯލްގައި ހިމެނޭ ފިހާރަތައް ހިންގާނެ ފަރާތްތައް މިހާރު ހޯދާފައިވާކަމަށާއި، މިފިހާރަތައް ހިންގުމަށް ބިޑް ކާމިޔާބުކުރި ފަރާތްތަކާއެކު އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ. މިގޮތުން ސޮއިކޮށްފައިވަނީ، މިޝޮޕިންގ މޯލްގެ އެކިއެކި ފިހާރަތައް ހިންގުމަށް ބިޑް ކާމިޔާބުކުރި 17 ފަރާތާއެކުކަމަށްވެސް އެޗް.ޑީ.ސީއިން ބުނެއެވެ.

މިޝޮޕިންގ މޯލްއަކީ، ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށާއި، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެއްތަނަކުން ތަފާތު ވައްތަރުގެ ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަންވެސް ހިމެނޭ ގޮތަށް ހަދާ ޝޮޕިން މޯލެކެވެ. މިމަހުގެ ކުރީކޮޅު އިސްލާމިކް ބޭންކުންވަނީ، އެބެންކުގެ ހުޅުމާލެ ބްރާންޗް 'ސެންޓްރޯ' ޝޮޕިންގް މޯލްގައި ހުޅުވާފައެވެ.