ޚަބަރު

އޮމާންގެ މިސްކިތަކަށް ދިން ބަޑީގެ ޙަމަލާތަކެއްގައި ނުވަ މީހުން މަރުވެއްޖެ


ހައްދުފަހަނަ އެޅި ނިރުބަވެރިންގެ ޖަމާޢަތެއް ކަމުގައިވާ އައިއެސުން އޮމާންގެ މިސްކިތަކަށް ދިން ޙަމަލާއެއްގައި ނުވަ މީހުން މަރުވެއްޖެއެވެ. އައިއެސްގެ ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ބަޔަކު ބަޑީގެ ޙަމަލާތައް ދީފައި ވަނީ ޝީޢީންގެ މިސްކިތަކަށެވެ. އެ ހާދިސާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި އޮމާންގެ ފުލުހުން ބުންޏެވެ.

އެ ޙަމަލާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާނުގެ ހަތަރު ރައްޔިތުންނާއި އިންޑިޔާ ރައްޔިތަކާއި އޮމާންގެ ފުލުހެކެވެ. އައިއެސްގެ ނިރުބަވެރިން ހުއްޓުވަން ފުލުހުން ދިން ޙަމަލާތަކުގައި އެ ޖަމާޢަތުގެ ތިން ހަނގުރާމަވެރިން މަރުވިއެވެ. އެ ހާދިސާގައި އެކި ޤައުމުތަކަށް ނިސްބަތްވާ އިތުރު 28 މީހުން ޒަޚަމުވި ކަމުގައި އޮމާންގެ ފުލުހުން ބުންޏެވެ.

އައިއެސްގެ ހަނގުރާމަވެރިން ޙަމަލާ ދީފައި ވަނީ އޮމާންގެ ވެރިރަށް މަސްޤަޠުގެ ވާދީ އަލް-ކަބީރުގައި ހުންނަ ޢަލީ ބިން އަބީ ޠާލިބް މިސްކިތަށެވެ. އެ މިސްކިތް ހުންނަނީ ބައިނަލްއަޤުވާމީ މަދަރުސާއަކާއި ކުޑަކުދިން ކުޅޭ ޕާކެއް ކައިރީގައެވެ. އެ ސަރަޙައްދުގައި ފަސް ތަރީގެ ހޮޓާތަކެއް ވެސް ހުރެއެވެ.

އޮމާންގެ މިސްކިތަށް ދިން ޙަމަލާގެ ޒިންމާ އުފުލާ ކަމުގައި އައިއެސުން ބުނެފައިވެއެވެ. ޙަމަލާގެ މަންޒަރުތައް ދައްކުވައިދޭ ވީޑިޔޯއެއް ވެސް އެ ޖަމާޢަތުން ވަނީ ޢާންމު ކޮށްފައެވެ. އެ ވީޑިޔޯއިން ފެނިގެން ދަނީ ބަޑީގެ ޙަމަލާތަކުން ސަލާމަތް ވާން ގިނަ ޢަދަދެއްގެ ބަޔަކު މިސްކިތާ ދުރަށް ދުވާ މަންޒަރެވެ.

އޮމާންގެ އިދާރާތަކުން ވަނީ އެ ޙަމަލާގެ ތަޙުޤީޤެއް ފަށާފައެވެ. ނަމަވެސް, ޙަމަލާގެ ފަހަތުގައި އޮތް ނިޔަތް ސާފު ނޫން ކަމުގައި ފުލުހުން ބުންޏެވެ. އެ ޙަމަލާއާ ގުޅިގެން ޝައްކު ކުރެވޭ އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އަދި އެ ޙަމަލާގައި ބައިވެރިވި މީހުންގެ ވަނަވަރު ވެސް ހާމަ ކޮށްފައެއް ނުވެއެވެ.

އެއީ, މުސްލިމުން ފާހަގަ ކުރާ ޢާޝޫރާ ދުވަހާ ދިމާކޮށް އައިއެސުން ދީފައިވާ ޙަމަލާއެއް ކަމަށް ބެލެވެއެވެ. ސުންނީ މުސްލިމުންނާއި ޝީޢީންނާ ދެމެދު ޢާޝޫރާ ދުވަސް ފަހާގަ ކުރުމުގައި ފަރަގުތަކެއް ހުރެއެވެ. ސުންނީ މުސްލިމުންނަށް އެ ދުވަހަކީ ރޯދަ ހިފުމާއި އަޅުކަން ކުރުމުގެ ދުވަހެކެވެ. ނަމަވެސް, ޝީޢީން ދެކޭ ގޮތުގައި އެއީ މޮޅިވެރިކަމާއި ހިތާމައިގެ ދުވަހެކެވެ. ޝީޢީން ގަބޫލު ކުރާ ގޮތުގައި ކީރިތި ރަސޫލާ މުޙައްމަދު ﷺގެ ކާފަ ދަރިކަލުން އިމާމް ޙުސައިން ޝަހީދުވީ މީގެ 1,343 އަހަރު ކުރިން މުޙައްރަމް މަހުގެ 10ވަނަ ދުވަހުއެވެ.

ޢާންމު ގޮތެއްގައި ސުލްޙަވެރި އަދި އަމާން ޤައުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އޮމާންގައި ދީފައިވާ އެ ޙަމަލާތަކާ އެކު, އައިއެސުން އެނބުރި އައުމަށް މަސައްކަތް ފަށާފައިވާ ކަމުގެ ބިރު އިތުރުވެފައިވާ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. 2014ން ފެށިގެން ސޫރިޔާއާއި ޢިރާޤުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަކޮށް, އިސްލާމީ ޚިލާފަތެއް އުފެއްދުމުގެ ނަމުގައި ނިރުބަވެރި އަމަލުތައް ހިންގަމުން ދިޔަ އައިއެސް ބަލިކަށި ކޮށްލާފައި ވަނީ އެމެރިކާއިން އިސްވެ ކުރި ހަނގުރާމައިގައި 2017ވަނަ އަހަރުގެ ތެރޭގައެވެ.

އައިއެސް ޖަމާޢަތް އަޑީގައި އޮވެގެން ދޭ ނިރުބަވެރި ޙަމަލާތައް ފަހަކަށް އައިސް އިތުރު ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ. އެ ގޮތުން, މާރިޗު މަހު އައިއެސްގެ ހަނގުރާމަވެރިން ވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯގެ ކޮންސެޓު ހޯލަކަށް ބަޑީގެ ޙަމަލާތަކެއްދީ 140 މީހުން މަރައިލާފައެވެ. އަދި, ޖަނަވަރީ މަހު އީރާނުގައި ދިން ބޮމުގެ ޙަމަލާތަކެއްގައި 100އެއްހާ މީހުން މަރައިލުމުގެ ފަހަތުގައި އޮތީ ވެސް އައިއެސް ޖަމާޢަތެވެ.