ޚަބަރު

މެކްސިކޯގެ ކޯޗުގެ މަގާމުން ލޮޒާނޯ ވަކިކޮށްފި


އެންމެ ފަހުގެ ކޮޕާ އެމެރިކާގައި ކުރިމަތިވީ ނާކާމިޔާބީއާ ގުޅިގެން މެކްސިކޯގެ ކޯޗުގެ މަގާމުން ހައިމޭ ލޮޒާނޯ ވަކިކޮށްފިއެވެ.

މެކްސިކޯގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއެމްއެފް) އިން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ، ކޮޕާ އެމެރިކާގެ ގްރޫޕް ސްޓޭޖުގައި މެކްސިކޯ އަށް ކުރިމަތިވީ ނާކާމިޔާބީއާ ގުޅިގެން މަގާމުން ވަކިކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.

އަދި، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު، 2030 ގެ ވޯލްޑް ކަޕާ ހަމައަށް ހެޑް ކޯޗެއްގެ މަގާމު ހުށަހެޅުމުން ލޮޒާނޯ އެއަށް ފުރަގަސްދީފައިވާ ކަމަށް ވެސް އެފްއެމްއެފް އިން ވަނީ ބުނެފައެވެ.

ކޮޕާ އެމެރިކާ އަށް ފަހު، މެކްސިކޯ އަށް މުބާރާތުގައި ހެދިފައިވާ ގޯސްތަކާއި، ހުރިހާ ކަމެއް އިވަލުއޭޓްކޮށް ރަނގަޅު ކަންކަން ދެނެގަނެ އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެފްއެމްއެފް އިން ނެރުނު ބަޔާނުގައިވެއެވެ.

ލޮޒާނޯ، 45، އަށް މެކްސިކޯ ޓީމާއެކު މަސައްކަތްކުރުމަށް އިތުރު ފުރުޞަތެއްދިނުމުން އެ ހުށަހެޅުމަށް ފުރަގަސްދިން ކަމަށާއި، އޭނާގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށް ވެސް އެފްއެމްއެފް އިން ބުނެފައިވެއެވެ.

މެކްސިކޯ އާއެކު ލޮޒާނޯ ހޭދަކުރީ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ އެ ޓީމަށް 2023 ވަނަ އަހަރުގެ ގޯލްޑް ކަޕް ކާމިޔާބުކޮށްދީ، މިއަހަރުގެ ކުރީކޮޅު ކޮންކާކަފް ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި މެކްސިކޯ އިން 10 މޮޅު ހޯދިއިރު، ހަތް މެޗުން ވަނީ ބަލިވެފައެވެ. އަނެއް ހަތަރު މެޗުން ވީ އެއްވަރެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހޯސްޓުންގެ ގޮތުގައި ކަނޑައަޅާފައިވަނީ މެކްސިކޯ އާއި އެމެރިކާގެ އިތުރުން ކެނެޑާ އެވެ. މި ތިން ގައުމު ވެސް ވަނީ ނިމިދިޔަ ކޮޕާ އެމެރިކާގައި ވާދަކޮށްފައެވެ. އެ މުބާރާތުގައި އެމެރިކާ އާއި މެކްސިކޯ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ކެނެޑާ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.