ޚަބަރު

ގްރީންވުޑްގެ ސޮއި ހޯދުމަށް މާސޭ އިން އެއްބަސްވުމަކަށް


މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް، މޭސަން ގްރީންވުޑްގެ ސޮއި ހޯދުމަށް ފްރާންސްގެ އޮލިމްޕިކް މާސޭ އިން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ހަބަރުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މާސޭ އިން ވަނީ ގްރީންވުޑްގެ ސޮއި ހޯދުމަށް ޔުނައިޓެޑަށް 26.7 މިލިއަން ޕައުންޑް ދައްކަން އެއްބަސްވެފައެވެ.

ގްރީންވުޑް، 22، ހޯދުމަށް ކުރި މަސައްކަތުގައި މާސޭ އިން އެންމެ ފުރަތަމަ ވަނީ ޔުނައިޓެޑާއެކު އެއްބަސްވުމަކަށް އައިސްފައެވެ. އޭރު މާސޭ އިން ކުރަންޖެހިފައި އޮތީ އެކަމުގައި ގްރީންވުޑްގެ ރުހުން ހޯދުން އެކަންޏެވެ.

މިހާރު މާސޭ އާއެކު އެއްބަސްވުމަކަށް އާދެވެމުން ކުރިއަށް އޮތް ދުވަސްތަކުގައި އެ ގައުމަށް ގޮސް މެޑިކަލްގައި ބައިވެރިވެ، ގްރީންވުޑްގެ ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމާލެވޭނެ އެވެ.

ޔުނައިޓެޑަށް 2019 ވަނަ އަހަރު ކުޅެން ފެށި ގްރީންވުޑް ވަނީ އެ ޓީމަށް 129 މެޗުގައި 35 ލަނޑުޖަހައިފައެވެ. މުސްތަގުބަލު އުޖާލާކޮށް ފެނުނު ގްރީންވުޑް އެންމެ ފަހުން ޔުނައިޓެޑަށް ކުޅުނީ 2022 ވަނަ އަހަރުގެ ކުރީކޮޅު އެވެ. އެ އަހަރު ޖަނަވަރީ މަހުގެ ތެރޭގައި ގެވެށި އަނިޔާގެ މައްސަލައެއްގައި ހައްޔަރުކުރިފަހުން ޔުނައިޓެޑުން ވަނީ ކްލަބުން އޭނާ އަށް ޖާގަ ނުދޭން ނިންމައިފައެވެ.

ނިމިދިޔަ ސީޒަނުގައި ގްރީންވުޑް ވަނީ ލޯން އުސޫލުން ސްޕެއިނުގެ ގެޓަފޭ އަށް ކުޅުނު 36 މެޗުގައި 10 ލަނޑުޖަހައިދީފައެވެ.