ޚަބަރު

ބަންގްލަދޭޝް ސަރުކާރާ ދެކޮޅު މުޒާހަރާގެ ފަސް ބައިވެރިން މަރުވެއްޖެ


ބަންގްލްދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ސިޔާސަތުތަކާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިންގެ ތެރެއިން ފަސް މީހުން މަރުވެއްޖެއެވެ. ވަޒީފާ ދިނުމުގައި ސަރުކާރުން އަމަލު ކުރާ ސިޔާސަތުތަކާ ދެކޮޅަށް ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ އެ ޤައުމުގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރާ ދަރިވަރުންނެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފަސް މީހުން މަރުވެ, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެފައި ވަނީ މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރުމުންނެވެ. މުޒާހަރާތައް ރޫޅައިލުމުގެ ގޮތުން ފުލުހުން ވަނީ ރަބަރު ވަޒަނާއި ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުން ކޮށްފައެވެ.

ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރާ ކޯޓާ ނިޒާމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައި ވަނީ, ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށް އެ ޤައުމުގެ ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އެ ނިިންމުމާ އެކު, ސަރުކާރު ވަޒީފާތަކުގެ ތެރެއިން ވަކި ބަޔަކަށް ޚާއްޞަ ކޮށްފައިވާ ވަޒީފާތަކުގެ ނިސްބަތް 50 އިންސައްތައަށް ވުރެ އިތުރުވިއެވެ. ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން އެ އަމުރު ބާޠިލު ކުރި ނަމަވެސް މުޒާހަރާތަކަށް ނިމުމެއް ގެނެސްފައެއް ނުވެއެވެ.

އެއީ, ޖަނަވަރީ މަހު ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކުރައްވައި ޝައިޚް ޙަސީނާ ބޮޑުވަޒީރު ކަމުގެ މަޤާމުގެ ހަތަރު ވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ފަހުން އޭނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތަކެއް ފަށާފައިވާ ފުރަތަމަ ފަހަރެވެ. ޙަސީނާގެ އަވާލީ ލީގް ޕާޓީއަށް ތާޢީދު ކުރާ ޢާންމު މެންބަރުން ވެސް ދަނީ މުޒާހަރާތަކުގެ ބައިވެރިންނަށް ހުރަސް އަޅަން މަަސައްކަތް ކުރަމުންނެވެ. އެ ކަމުގެ ތެރެއިން ހިނގި ކުރިމަތިލުންތަކުގައި 100އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމުވެފައެވެ. އޭގެ ތެރޭގައި ގިނައީ މުޒާހަރާގެ ބައިވެރިންނެވެ.

ހަމަނުޖެހުންތައް ރޫޅައިލައި ކޮންޓްރޯލް ކުރުމަށް ރަޔަޓް ފުލުހުން މިހާރު ދަނީ ޔުނިވަރސިޓީތަކުގެ ކެމްޕަސްތަކުގައި ހަރަކާތްތެރިވަމުންނެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުުންނާ ދެމެދު އެންމެ ބޮޑު ކުރިމަތިލުންތަކެއް ހިނގާފައި ވަނީ ބަންގްލަދޭޝްގެ ހުޅަނގުއިރުން އޮންނަ ރަންގްޕޫރުގައެވެ.

"ރަންގްޕޫރުގައި މުޒާހަރާ ކުރަމުންދާ ދަރިވަރުން ހަމަނުޖެހުން ހިންގަން ފެށުމުން, އެ ކަން ހުއްޓުވަން އަޅުގަނޑުމެން ރަބަރު ވަޒަނާއި ކަރުނަ ގޭސް ބޭނުން ކުރިން. މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެއް ދަރިވަރަކު ހަސްފަތާލަށް ގެންދިޔަ ފަހުން މަރުވި ޚަބަރު ލިބުނު. އޭނާ މަރުވީ ކޮން ސަބަބަކާ ގުޅިގެން ކަން ސާފެއް ނޫން،" ރަންގްޕޫރުގެ ޕޮލިސް ކޮމިޝަނަރު މުޙައްމަދު މުނީރުއްޖަމާން ވިދާޅުވިއެވެ. ހަމަނުޖެހުންތަކުގައި މަރުވި ދަރިވަރުންގެ ތެރެއިން އެކަކު މަރުވީ ދާކާއިންނެވެ. އަދި, ބަނދަރުމަތީ ރަށެއް ކަމުގައިވާ ޗޮއްޓޮގްރާމުން ތިން މީހުން މަރުވިއިރު, އޭގެ ތެރޭގައި ވެސް ދެ ދަރިވަރުން ހިމެނެއެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ވެރިރަށް ދާކާގައި ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. ދާކާގެ މަގުތަކާއި ޔުނިވަރސިޓީތަކުގެ ކެމްޕަސްތައް ކައިރީގައި ގިނަ ޢަދަދެއްގެ ރަޔަޓް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި, ފުލުހުން ވަނީ ދާކާ ޔުނިވަރސިޓީގެ ކެމްޕަސް ވަށައިލާފައެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ޤައުމުގެ އަސްކަރިއްޔާގެ ބޯޑަރ ގާޑުގެ ސިފައިން ވެސް ވަނީ ރުކުރުވައިލާފައެވެ.

ބަންގަލަދޭޝްގައި ވަޒީފާ ނެތް ޒުވާނުންގެ ޢަދަދު 32 މިލިޔަނަށް އަރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ ޤައުމުގެ ސަރުކާރު ވަޒީފާތަކުގެ ތެރެއިން 56 އިންސައްތައަކީ ވަކި ބަޔަކަށް ޚާއްޞަ ކޮށްފައިވާ ވަޒީފާތަކެކެވެ. އޭގެ ތެރެއިން 10 އިންސައްތައަކީ ފަގީރު ސަރަޙައްދުތަކުގައި ދިރިއުޅޭ އަންހެނުންނެވެ. އިތުރު 5 އިންސައްތަ އިންޑިޖެނަސް ދަރިކޮޅުތަކަށް ޚާއްޞަ ކޮށްފައިވާއިރު, 1 އިންސައްތައަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަ ކޮށްފައިވާ ވަޒީފާތަކެކެވެ.

މުޒާހަރާގެ ބައިވެރިންގެ ގޮވައިލުންތަކަށް އިޖާބަ ދެއްވަން ޙަސީނާ ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި, މުޒާހަރާތަކުގެ އަޑީގައި ތިބީ ބަންގްލަދޭޝްގެ މިނިވަން ކަމަށް 1971ވަނަ އަހަރު ކުރި ހަނގުރާމައިގައި ޕާކިސްތާނުގެ އަސްކަރިއްޔާއަށް ވާގިވެރިވި ފަރާތްތަކެވެ. އެ ތުހުމަތުތަކާ އެކު މުޒާހަރާތައް އިތުރަށް ހޫނުވެ, މުޒާހަރާގައި ބައިވެރިވަމުން ދިޔަ ދަރިވަރުންގެ ޢަދަދުތައް އިތުރުވެގެން ދިޔައެވެ.