ކުޅިވަރު

އަހަރެންގެ ހުވަފެން ހަގީގަތަކަށް ވެއްޖެ: އެމްބާޕޭ


ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުމަށް އިއްޔެ ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ވަނީ، ރެއާލަށް ބަދަލުވެވުމުން އެ ޓީމަށް ކުޅުމަށް ކުރިއްސުރެ ދެކެމުންއައި ހުވަފެން ހަގީގަތަކަށްވެފައިވާ ކަމަށް ބުނެފައެވެ.

ސަންޓިއާގޯ ބާނެބެއުގައި އެމްބާޕޭ ތަޢާރަފްކުރުމަށް އިއްޔެ ބޭއްވި މި ހަފްލާގައި ރެއާލްގެ 80 ހާހެއްހާ ސަޕޯޓަރުން ބައިވެރިވެފައިވާއިރު، މިއީ ރެކޯޑެކެވެ. މީގެކުރީން، ރެއާލްގެ ކުޅުންތެރިއަކު ތަޢާރަފްކުރުމަށް ބޭއްވި ހަފްލާއެއްގައި އެންމެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވަނީ ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލި ދުވަހު އެވެ. އެފަހަރު ގާތްގަނޑަކަށް 79،800 އެއްހާ ސަޕޯޓަރުން ބައިވެރިވެފައިވެއެވެ.

އެމްބާޕޭ، 25، އާއެކު ރެއާލުން މިދިޔަ ޖޫން މަހުގެ ތެރޭގައި އެއްބަސްވުމަކަށް އައިސްފައިވާކަން އިޢްލާންކޮށްފައިވާއިރު، މީގެ އަހަރެއްހާ ދުވަހުގެ ކުރީން ވެސް އޭނާގެ ސޮއި ހޯދުމަށްޓަކައި ރެއާލުން ވަނީ ޕީއެސްޖީއާ މަޝްވަރާކޮށްފައެވެ. ރެއާލް އާއެކު އެމްބާޕޭ ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ ޓީމުގައި އޭނާ ބޭނުންކުރާނީ 9 ނަންބަރު ޖާޒީ އެވެ.

ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ތަޢާރަފްކުރުމަށް ބޭއްވި ހަފްލާގައި ދެއްކި ވާހަކައިގައި ސްޕެއިން ބަހުން އެމްބާޕޭ ވަނީ، މި ޓީމަށް އާދެވުމުން ގަބޫލުކުރަންދަތި ހާއްސަ އުފަލެއް ލިބިފައިވާއިރު ރެއާލަށް ކުޅުމުގެ ހުވަފެންދެކި އެތައް އަހަރެންވަންދެން ނިދާފައިވާ ކަމަށާއި، މިއަދު އެކަންތައް ހަގީގަތަކަށްވުމުން ވަރަށް ބޮޑަށް އުފާވާ ކަމަށް ބުނެފައެވެ.

އެމްބާޕޭ ބުނީ، އެންމެ ފުރަތަމަ ޝުކުރު އަދާކުރަން ބޭނުންވަނީ ރެއާލްގެ ރައީސް، ފްލޮރެންޓީނޯ ޕެރޭޒް އަށް ކަމަށެވެ. އެގޮތުން، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް، ޕެރޭޒްގެ ފަރާތުން ލިބުނު އިތުބާރާއި އޭގެފަހުން ހިނގައިދިޔަ އެތައް ކަމެއްގެ ޝުކުރު ހައްގުވާ ކަމަށެވެ. އަދި އޭނާ އެ ކްލަބަށް ގެނައުމަށް ބުރަ މަސައްކަތްތަކެއްކުރި ހުރިހާ އެންމެންނަށް ވެސް ޝުކުރު އަދާކުރާ ކަމަށް އެމްބާޕޭ ވަނީ ބުނެފައެވެ.

"މިއީ އަހަރެންނަށް ގަބޫލުކުރަން ދަތި ދުވަހެއް،"

"އެންމެ ކުޑައިރުއްސުރެ ދެކެމުންއައި ހުވަފެނެއް ރެއާލަށް ކުޅުމަކީ. އެކަން ހަގީގަތަކަށްވުމުން ވަރަށް ބޮޑަށް އުފާވެއްޖެ." އެމްބާޕޭ ބުންޏެވެ.

ރެއާލަށް ބަދަލުވެވުމާއެކު މިހާރު ދެން އޭނާގެ އޮތް ހުވަފެނަކީ އެ ކްލަބުން ބޭނުންވާ ފަދަ ކުޅުމެއްދެއްކުން ކަމަށް ބުނެ، އެމްބާޕޭ ވަނީ، އޭނާ އަށް ކުޅެވެން އޮތް އެންމެ ރަނގަޅަށް ކުޅޭނެ ކަމަށް ވެސް ބުނެފައެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ޕީއެސްޖީ ދޫކޮށްލާނެކަން އެމްބާޕޭ ކަށަވަރުކޮށްދީފައިވާއިރު އޭރު އޭނާ ބުނީ، ހަތް އަހަރަށްފަހު އާ ޗެލެންޖެއް ބޭނުންވާ ކަމަށެވެ. އެމްބާޕޭ ވަނީ އެ ޓީމަށް ކުޅެދިން 308 މެޗުގައި 256 ލަނޑުޖަހައި، އިތުރު 108 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.

ނިމިދިޔަ ޔޫރޯގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނު ފްރާންސް ޓީމުގައި އެމްބާޕޭ އަށް ރަނގަޅު ކުޅުމެއްދެއްކިފައިނުވާއިރު ޖެހުނީ އެންމެ ގޯލެކެވެ. އެހެންނަމަވެސް، ގައުމީ ޓީމަށް އެމްބާޕޭގެ ލަނޑުޖެހުމުގެ ރެކޯޑް ރަނގަޅެވެ. އޭނާ ވަނީ މިހާތަނަށް ފްރާންސަށް ކުޅުނު 84 މެޗުގައި 48 ލަނޑުޖަހައިފައެވެ.