ޚަބަރު

ހައްދުފަހަނަ އެޅި ޔަހޫދީންގެ ބަޔަކާއި ޖަމާޢަތްތަކާ ދެކޮޅަށް ވިލާތުން ފިޔަވަޅު އަޅައިފި


ހައްދުފަހަނަ އެޅި ފަސް ޔަހޫދީންނާއި ތިން ޖަމާޢަތަކާ ދެކޮޅަށް ވިލާތުގެ އިއްތިހާދުން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. އެ ފަރާތްތަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައި ވަނީ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގައި, އެ މީހުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ޒިންމާ އެ ފަރާތްތަކުން އުފުލަން ޖެހޭ ކަމަށް ކަނޑައަޅައެވެ.

ވިލާތުގެ އިއްތިހާދުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ޖަމާޢަތްތަކުގެ ތެރޭގައި ހައްދުފަހަނަ އެޅި ޔަހޫދީ ޓެރެރިސްރުންގެ ޖަމާޢަތެއް ކަމުގައިވާ ޒަވް 9 ހިމެނެއެވެ. އެއީ, ޣައްޒާގައި ހާލުގައި ޖައްސާފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅާ ބައިގަނޑެއްގެ މައްޗަށް އެކުލެވިގެންވާ ޖަމާޢަތެކެވެ. ކާބޯތަކެތި ބަރުކޮށްގެން ޣައްޒާއަށް ދަތުރު ކުރާ ލޮރީތަކަށް އެ ޖަމާޢަތުގެ ހައްދުފަހަނަ އެޅި ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ.

ވިލާތުގެ އިއްތިހާދުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޔަހޫދީންގެ ލިިސްޓުގައި ހައްދުފަހަނަ އެޅި ލެހަވާ ޖަމާޢަތުގެ ބާނީ ބެން-ޒިއޮން ގޮޕްޝްޓީނާއި, ޔަހޫދީން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވަން މަސައްކަތް ކުރާ އިސަޚާ މިން ހިމެނެއެވެ. އެ ދެ މީހުންނާ ދެކޮޅަށް އެމެރިކާއިން ވެސް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކަން ފާހަގަ ކުރެވެއެވެ.

ހައްދުފަހަނަ އެޅި ޔަހޫދީންގެ ބައިގަނޑަކާއި ޖަމާޢަތްތަކާ ދެކޮޅަށް އީޔޫން ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެން ޔަހޫދީން ވަނީ އެ އަމަލު ކުށްވެރި ކޮށްފައެވެ. ޔަހޫދީންގެ މާލީ ވަޒީރު ބިޓްޒަލްއެލް ސްމުޓްރިޗް ބުނީ, އީޔޫގެ ނިންމުން ބަލައިނުގަނެވޭނެ ކަމުގައެވެ. އަދި, އެއީ ގާތް ރަޙުމަތްތެރިން އެކަކު އަނެކަކާ މެދު އަމަލު ކުރަންވާ ގޮތް ނޫން ކަމުގައި ވެސް އޭނާ ބުންޏެވެ. އެއީ, ޔަހޫދީންގެ ޑިމޮކުރަސީއަށް ނުފޫޒު ފޯރުވައި, ޔަހޫދީންގެ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް އީޔޫން އަރައިގަތުމުގެ ގޮތުގައި ވެސް އޭނާ ސިފަ ކުރިއެވެ. ސްމުޓްރިޗަކީ, ވެރިވެގަނެފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަން ތާޢީދު ކުރާ ވަޒީރެކެވެ.

ވިލާތުގެ އިއްތިހާދުން ޔަހޫދީންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައި ވަނީ އީޔޫ ގްލޯބަލް ހިޔުމަން ރައިޓްސް ސެންކްޝަންސް ރެޖީމްގެ ދަށުންނެވެ. އެއާ އެކު, އެ ސިޔާސަތުގެ ދަށުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މީހުންގެ ޢަދަދު 113އަށް, އަދި ޖަމާޢަތްތަކުގެ ޢާދަދު 31އަށް ވަނީ އުފުލިފައެވެ.

ޔަހޫދީންގެ ބައިގަނޑަކާއި ހައްދުފަހަނަ އެޅި ޖަމާޢަތްތަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް އީޔޫން ނިންމާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. އޭގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,664އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 89,097އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.