ކުޅިވަރު

އިންގްލެންޑަށް ތަށްޓެއް ނުލިބި ހޭދަވާ ދުވަސްތަކަށް ނިމުން އަންނަ ދުވަސް ކައިރިވެއްޖެ: ބެލިންހަމް


އިންގްލެންޑަށް 1966 ގެ ފަހުން ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން ނުލިބުނު ނަމަވެސް އެ ދުވަސް އޮތީ މާދުރުގައި ނޫން ކަމަށް އިންގްލެންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް ބުނެފިއެވެ.

ޖެހިޖެހިގެން ދެވަނަ ޔޫރޯގެ ފައިނަލާ ކުރިމަތިލީ އިންގްލެންޑަށް މި ފަހަރުގެ މުބާރާތުގައި ނާކާމިޔާބުވީ ސްޕެއިން އަތުން 2-1 އިން ބަލިވުމުންނެވެ. އެއީ، މެޗު ނިމެން ދަނިކޮށް 86 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މިކޭލް އޮޔާޒަބާލް ވައްދާލި ލަނޑުންނެވެ.

ފައިނަލް މެޗަށްފަހު ދިން އިންޓަވިއުއެއްގައި ބެލިންހަމް ބުނީ، އިންގްލެންޑްގައި މިހާރު އޮތީ ވަރަށް ޒުވާން ޓީމެއް ކަމަށާއި، އެ ކުޅުންތެރިންނަށް އިތުރަށް ރަނގަޅަށް ކުޅެވޭނެ ކަމަށެވެ. މިފަހަރުގެ މުބާރާތުގައި ގިނަ ބަޔަކު ބޭނުންވިގޮތަށް ކަންތައްތައް ނުދިއުމުން ހިތްހަމަނުޖެހުނުނަމަވެސް، މިހާރު ތިބި ކުޅުންތެރިންނާއެކު އިންގްލެންޑަށް މާދުރުނޫން މުސްތަގުބަލެއްގައި ތަށްޓެއް ނުލިބި ހޭދަވާ މުއްދަތަށް ނިމުމެއް ގެނެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބެލިންހަމް ބުންޏެވެ.

މެޗެއްގެ އެންމެ ފަހުވަގުތު ކޮޅުގެ ތެރޭގައި އެގޮތަށް ލަނޑެއްވަދެ، ބަލިވުމަކީ ކުރިމަތިލާންޖެހުނު ވަރަށް ބޮޑަ ހިތްދަތިކަމެއްގެ ގޮތުގައި ސިފަކުރަމުން ބެލިންހަމް ބުނީ، ހުރިހާ ކުޅުންތެރިން ވެސް ބޭނުންވީ ތާރީޚު ބަދަލުކޮށްލައި އިނގިރޭސި ހުރިހާ ރައްޔިތުން ފަޚުރުވެރިވާފަދަ ނަތީޖާއެއް ހޯދުމަށް ކަމަށް ވީ ނަމަވެސް، އެކަން އެގޮތަށް ނުކުރެވުނު ކަމަށެވެ.

އަދި، އިންގްލެންޑްގައި މިހާރު އޮތީ ވަރަށް ޒުވާން ޓީމެއް ކަމަށާއި، ބޭނުންވި ގޮތަށް ނަތީޖާ ނެރެވޭގޮތް ނުވުމުން ވަރަށް ބޮޑަށް މާޔޫސްވާ ކަމަށް ބެލިންހަމް ބުންޏެވެ. އެކަމަކު، ކުރިއަށް އޮތް ތާނގާއި މި މުބާރާތުން ލިބުނު ތަޖުރިބާގެ އެހީގައި ބޭނުންވާ ގޮތަށް ކާމިޔާބީ ހާސިލްކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބެލިންހަމް ވަނީ ބުނެފައެވެ.

މިފަހަރުގެ މުބާރާތުގައި ސާބިތުކޮށްދިން ގޮތަށް، އިންގްލެންޑުން ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނީ ވެސް ގޮތްދޫނުކޮށް ކާމިޔާބީ ހާސިލްކުރުމަށް ކަމަށް ވެސް ބެލިންހަމްގެ ވާހަކައިގައި ފާހަގަކުރިއެވެ.

ބެލިންހަމްގެ ވާހަކައިގައިވަނީ، މުބާރާތުގައި މިދިޔަ ހަފްތާތަކުގައި ވަރަށް ބޮޑު ޤުރުބާނީއެއްވެފައިވާ ކަމަށް ބުނެފައެވެ. ކުލަބު ފުޓްބޯޅައިގައި ދިގު ސީޒަނަކަށްފަހު ގައުމީ ޓީމާއެކު ބޮޑު މުބާރާތެއްގައި ވާދަކުރުމުގައި ކުރިމަތިލާންޖެހުނު އުނދަގޫތައް ފެނިގެންގޮސްފައިވާ ކަމަށް ވެސް ބެލިންހަމް ބުންޏެވެ.

ނިންމާލަމުން ބެލިންހަމް ބުނީ، މެންޓަލީ އަދި ފިޒިކަލީ ވެސް ވަރަށް ބޮޑު ވަރުބަލިކަމެއް ކުރިމަތިލާންޖެހިފައިވާ ކަމަށާއި، އެހެންވިޔަސް، މުބާރާތުގައި ގައުމީ ޓީމަށް އެންމެ ރަނގަޅު ކުޅުން ދައްކައި، މަސައްކަތްކުރީ ރަނގަޅު ކާމިޔާބީއެއް ހާސިލްކުރުމަށް ކަމަށެވެ. އެކަން އެގޮތަށް ނުކުރެވި ބަލިވުން ގަބޫލުކުރަން އުނދަގޫ ކަމަށް ވެސް ބެލިންހަމް ބުންޏެވެ.