ޚަބަރު

ޖަރުމަނުގެ މުލާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި


ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް، ތޯމަސް މުލާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

މުލާ، 34، ގައުމީ ޓީމަށް 14 އަހަރަށްފަހު ކުޅުން ހުއްޓާލިކަން އިޢްލާންކުރީ ހޯމަ ދުވަހުގައި ޔޫޓިއުބް މެދުވެރިކޮށް ޕޯސްޓްކުރި ވީޑިއޯއެއްގައެވެ.

"ގައުމީ ޓީމަށް ކުޅުމަކީ އަބަދުވެސް ވަރަށް ފަޚުރުވެރިވާ ކަމެއް،"

"އަހަރެމެން އެކުގައި އުފާ ފާޅުކުރިއިރު، ބައެއް ފަހަރު އެކުގައި ކަރުނަ އޮހޮރުވާފައިވާނެ." ޔޫޓިއުބު މެދުވެރިކޮށް ޕޯސްޓްކުރި ވީޑިއޯގައި މުލާ ބުނެފައިވެއެވެ.

މުލާ ބުނީ، ޖަރުމަނުގެ ހުރިހާ ސަޕޯޓަރުންނަށާއި، އޭނާ އާއެކު އެ ޓީމަށް ކުޅުނު ހުރިހާ ކުޅުންތެރިންނަށް ދިން އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޖަރުމަނު ގައުމީ ޓީމަށް 2010 ވަނަ އަހަރު ކުޅެން ފެށި މުލާ ވަނީ އެ ޓީމަށް ކުޅެދިން، 131 މެޗުގައި 45 ލަނޑުޖަހައިދީފައެވެ. މުލާ އެންމެ ފުރަތަމަ ކުޅުނީ އާޖެންޓީނާ އަތުން 1-0 އިން ޖަރުމަނު ބަލިވި މެޗުގައެވެ. އޭގެ ހަތަރު އަހަރު ފަހުން، ޖަރުމަނުން 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި އާޖެންޓީނާ ބަލިކޮށް، ތަށި އުފުލާލި ޓީމުގައި އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ގައުމީ ޓީމާއެކު މުޅި ޖުމްލަ ހަތަރު ވޯލްޑް ކަޕާއި ހަތަރު ޔޫރޯގައި ކުޅެފައިވާ މުލާ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އާއި އެ ފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހާސިލްކުރި ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

ޖަރުމަނު ޓީމަށް މުލާ އެންމެ ފަހުން ކުޅުނު މެޗަކީ ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި 1-2 އިން ސްޕެއިން އަތުން ބަލިވި މެޗުގައެވެ. އެ މެޗުގެ އިތުރުން މި ފަހަރުގެ ޔޫރޯގައި މުލާ ކުޅެން ނިކުތް ހުރިހާ މެޗެއްގައިވެސް ކުޅުނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައެވެ.

މުލާގެ ކްލަބު ކެރިއަރުގައި މިހާތަނަށް ބަޔާނަށް 700 އަށްވުރެ ގިނަ މެޗު ކުޅެދީ 242 ލަނޑުޖަހައިދީ، އިތުރު 286 ލަނޑުޖެހުމަށް އެހީތެރިވެދީފައިވެއެވެ.

މުލާގެ އިތުރުން ޓޯނީ ކްރޫސް ވެސް ވަނީ މިފަހަރުގެ ޔޫރޯ އަށް ފަހު ޖަރުމަނު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފައެވެ. މި ދެ ކުޅުންތެރިންނަކީ ވެސް މިދިޔަ އަހަރުތަކުގައި ޖަރުމަނުގެ އެޓޭކުގައި މުހިއްމު ދައުރެއް އަދާކުރި އެންމެ ތަޖުރިބާކާރު ދެ ކުޅުންތެރިންނެވެ.