ޚަބަރު

މަޖީދިއްޔާއަށް ޤަރުނެއް ފުރޭތީ ކައުންޓްޑައުން ފަށަނީ


  • މިކައުންޓްޑައުން ފަށަނީ މިމަހުގެ 23 ވަނަ ދުވަހު

  • މަޖީދިއްޔާއަށް ޤަރުނެއްވާއިރު ޚާއްސަ މޮނިއުމަންޓެއް ބިނާކުރުމަށްވަނީ ހަމަޖެހިފައި

  • އަދި ސްކޫލްގެ ކުރިއެރުމަށް މި ފަންޑުގެ ބޭނުންކުރެވޭނެ

މަޖީދިއްޔާ ސްކޫލަށް 100 އަހަރުފުރުން ފާހަގަކުރުމަށްޓަކައި ޚާއްސަ ކައުންޓްޑައުންއެއް ފަށަން ތައްޔާރުވެއްޖެއެވެ. މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން މިކައުންޓްޑައުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

މަޖީދިއްޔާ ސްކޫލަށް ޤަރުނެއްވާނީ 2027 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. 100 އަހަރު ފުރުން ފާހަގަކުރުމަށް 1000 ދުވަހުގެ ކައުންޓް ޑައުންއެއް ފެށުމަށްވަނީ ތައްޔާރުވެފައެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޝާން ވިދާޅުވީ މިކައުންޓްޑައުން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. މިކައުންޓްޑައުންގެ ތެރޭގައި މަޖީދިއްޔާގެ 100 ވަނަ އަހަރީ ދުވަހު ސްކޫލްގައި ޚާއްސަ މޮނިއުމަންޓެއް ބެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހަމަޖެހިފައިވާ ކަމަށް ޝާން ވިދާޅުވިއެވެ.

"މިހާތަނަށް ބެލި ބެލުމުން 4 ލައްކަ ރުފިޔާކަމަށް ލަފާކުރެވެނީ މޮނިއުމަންޓްގެ މަސައްކަތަށް. މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާއަށް ޖަމާވާ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އަޅުގަނޑުމެން ޖަމްޢިއްޔާއިން ކުރިމަގުގައި ކުރަން ހުރި ކަންކަން ކުރުމަށާއި ސްކޫލްގެ ކިޔެވުން މިހަރަށްވުރެ ރަނގަޅަށް ބައްޓަންކުރުމުގެ މަޤްސަދުގައި ކުރަންހުރި ކަންކަން ކުރުމަށް." ޝާން ވިދާޅުވިއެވެ.

މި ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން 24 ޖުލައި ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން ހޯލްގައި ޝޯއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ޓިކެޓު ވިއްކައިގެން ބާއްވާ މިޝޯއަކީ ސްކޫލްގެ މުސްކުޅި ދަރިވަރުންގެ އިސްނެގުމަށް މަޖީދިއްޔާގެ "ބްރާސް ބޭންޑުން" ބާއްވާ ޝޯއެއްކަމަށް ޝާން ވިދާޅުވިއެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމު ފެށިގެންދިޔައީ 1927ވަނަ އަހަރުގެ އޭޕްރިލް 19ވަނަ ދުވަހު މަދަރުސަތުއްސަނިއްޔާއާ އެކުއެވެ. މަދަރުސަތުއް ސަނިއްޔާއިން މަދަރުސަތުލް މަޖީދިއްޔާއަށް ނަން ބަދަލުކުރީ 1947ވަނަ އަހަރުއެވެ. އޭރު ރާއްޖޭގެ އެންމެ މުހިންމު ބިނާ، 1952 ވަނަ އަހަރު ތަރައްޤީކުރި "ދާރުލް އުލޫމު" އިމާރާތަކީވެސް ސްކޫލަށް އަދި ރާއްޖެއަށްވެސް ވަރަށް މުހިންމު ބިނާއެކެވެ. މަޖީދިއްޔާ ސްކޫލްގެ ގޯތި ތެރޭގައި މިހާރުވެސް މިބިނާ ހުރިއިރު މިއީ ރާއްޖޭގެ ޒަމާނީ ތަޢުލީމުގެ ބިންގަލުގެ އިތުރުން، ރާއްޖޭގެ ތާރީޚާއި ގުޅުންހުރި ބޮޑެތި ބައްދަލުވުންތައް ބޭއްވި ތަނެކެވެ. އެހެންނަމަވެސް މިތަނުގެ ހާލަތު މިއަދު ހުރިގޮތަކީ މަޖީދިއްޔާ ސްކޫލްގެ އިސް ދަރިވަރުންގެ ކަންބޮޑުވުމާއި ގުޅިފައިވާކަމެކެވެ. އެހެންކަމުން އެތަނުގެ އާބާތުރަފިލުވާ ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަށްވެސް މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާއިންވަނީ ނިންމާފައެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރުފުރޭ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކަކީ ދިވެހީންގެ ހަނދާނާއި ގުޅިގެންދާނެ ތާރީޚީ މުނާސަބާއަކަށް ހެދުމަށް ސްކޫލްގެ މުސްކުޅިދަރިވަރުންގެ ޖަމްޢިއްޔާއިންދަނީ މަސައްކަތްކުރަމުންނެވެ.