ވިޔަފާރި

ކާބޯތަކެތީގެ ނައިޓް މާކެޓެއް ބާއްވަވަނީ


ރަމަޟާން މަހަށް ޚާއްޞަކުރައްވައިގެން ކާބޯތަކެތީގެ ނައިޓް މާރކެޓެއް ބޭއްވެވުމަށް އިކޮނޮމިކް މިނިސްޓްރިން ނިންމަވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ ކާބޯތަކެތީގެ ނައިޓް މާރކެޓް ހިންގާނެ ފަރާތެއް ހޯއްދެވުމަށް ޢިއުލާނުކުރައްވާފައެވެ. އެމިނިސްޓްރީން ވިދާޅުވީ ނައިޓް މާރކެޓް ބާއްވަވާނެ ތަނާއި ކޮންސެޕްޓް އަދި ނިންމިފައި ނުވާކަމަށެވެ. ނަމަވެސް އަމާޒަކީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ނައިޓް މާރކެޓް ކުރިއަށް ގެންދެވުންކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިފަދަ ނައިޓް މާރކެޓެއް ބޭއްވެވުމުގެ މަޤްޞަދަކީ ރޯދަމަހު، ކާބޯތަކެތި ހެޔޮ އަގެއްގައި ޢާންމުންނަށް ފޯރުކޮށްދެއްވުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި ނައިޓްމާރކެޓް ރާވާ ހިންގުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަހުގެ 22 ވަނަދުވަހުގެ 11:00 ގައި މިނިސްޓްރީއަށް ޙާޟިރުވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ޢިއުލާނު ކުރައްވާފައެވެ.

ފަހަކަށް އައިސް ކޮންމެ އަހަރެއްގެވެސް ރޯދަމަސް ފާހަގަކުރެވިފައި ވަނީ ކާބޯތަކެތީގެ އަގުތަށް އާންމުގޮތެއްގައި އުފުލޭ މަހެއްގެ ގޮތުގައެވެ.